Roadha Mihaaru
ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވަނީ

ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހޮނިހިރު ދުވަހު ބާއްވަނީ

06 ޖޫން 2023

ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން އާބަންކޯ އިން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން އާބަންކޯ އިން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިއްޔެ ފާހަގަކުރި ދުނިޔޭގެ ތިމާވެށީގެ ދުވާހާ ގުޅިގެން "މަގޭ ކެމްޕޭން"ގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އާބަންކޯ އިން ބުނި ގޮތުގައި، އެ ހަރަކާތް ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ގައި ޗެނަލް ޕާކުް ބީޗު ސަރަހައްދުންނެވެ. އެ ސަރަހައްދުން ފެށިގެން ހުޅުމާލޭގެ ހަތް ސަރަހައްދެއް ސާފުކުރަން ހަމަޖެހިފައި ވެ އެވެ. އެއީ ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތަކެވެ. އެ ސަރަހައްދުތައް ސާފުކުރާނީ ވަކިވަކި ޓީމުތަކަށް މީހުން ބަހާލައިގެންނެވެ.

އެ ދުވަހުގެ ހެނދުނު 10:45 ގައި ސާފުކުރުމުގެ ހަރަކާތް ނިންމާލުން އޮންނާނީ ވޯޓާ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައި ކަމަށް އާބަންކޯ އިން ބުންޏެވެ.

ހުޅުމާލެ ސާފުކުރުމަށް މީގެ ކުރިން ބޭއްވި އިވެންޓެއްގައި ބަޔަކު ބީޗު ސަރަހައްދު ސާފުކުރަނީ.-- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ސާފުކުރުމަށް މީގެ ކުރިން ބޭއްވި އިވެންޓެއްގައި ބަޔަކު ބީޗު ސަރަހައްދު ސާފުކުރަނީ.-- ފޮޓޯ: އެޗްޑީސީ

އެ ހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި ސަރުކާރުގެ ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

"ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން އާބަންކޯ އިން ތައާރަފުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފުކޮށްފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށް ބަހާލައިގެން ރޭވިފައިވާކަން ފާހަގަކުރަމެވެ،" އާބަންކޯގެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނީ، ހުޅުމާލެ އަކީ ތިމާވެއްޓާއި ރައްޓެހި ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް މި ކެމްޕެއިންގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ލިބޭނެ ކަމަށެވެ. އެ ކެމްޕޭންގެ ދަށުން އެ ކުންފުނީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ހޯދައިދެވޭނެ ކަމަށެވެ.

އެކި ޖަމިއްޔާތަކާ ގުޅިގެން ހުޅުމާލެ ސާފުކުރުމުގެ އިވެންޓުތައް އާބަންކޯ އިން އަބަދުވެސް ބާއްވަ އެވެ.