Roadha Mihaaru
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދޭން ފަށައިފި

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބަލި މީހުންނަށް ފަރުވާދޭން ފަށައިފި

07 ޖޫން 2020

ކޮވިޑް ވިލެޖެއްގެ ގޮތުގައި ތަރައްގީކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ފުރަތަމަ ފަހަރަށް މީހަކު ބަދަލުކޮށް، އެ ތަނުގައި މިއަދު ފަރުވާ ދޭން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް ވިލެޖެއްގެ ގޮތުގައި ތަރައްގީކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ފުރަތަމަ ފަހަރަށް މީހަކު ބަދަލުކޮށް، އެ ތަނުގައި މިއަދު ފަރުވާ ދޭން ފަށައިފި އެވެ.

މެޑިކަލް ފެސިލިޓީ އަށް ގެންދަން ހަމަޖައްސާފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނެވެ.

އައިޖީއެމްއެޗުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މެޑިކަލް ފެސިލިޓީ އަށް ބަދަލުކުރީ އެ ހޮސްޕިޓަލުން ޓްރީ ޓޮޕަށް ބަދަލުކޮށް، އެތަނުގައި ފަރުވާ ދެމުން އައި މީހެކެވެ. ބަލިމީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓު--

ހުޅުމާލެ މެޑިކަލް ފެސިލިޓީ ހިންގުން ހަވާލުކޮށްފައި ވަނީ އައިޖީއެމްޗާ އެވެ. ސިފައިންނާއި ސަރުކާރުގެ އަދި އަމިއްލަ ގިނަ ކުންފުނިތަކުން ބައިވެރިވެގެން ހެދި މި ފެސިލިޓީގައި ކޮވިޑް-19އަށް ފަރުވާދިނުމަށް 300 އެނދު ވަނީ ގާއިމްކޮށްފަ އެވެ. މި ތަނަށް ސަރުކާރުން 40 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

އެޑްމިޓްކުރަން ޖެހޭ މީހުން މެޑިކަލް ފެސިލިޓީ އަށް ގެންދާއިރު، ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހޭ މީހުން ބަދަލުކުރާ ގޮތަށް އޮތީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގައި މިހާރު ވެސް ކޮވިޑް-19 ޖެހިފައިވާ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 1،901އަށް އަރާފައިވާއިރު މީގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. އަދި 773 މީހަކު ވަނީ ރަނގަޅުވެފަ އެވެ.