Roadha Mihaaru
"ސާޖެއް އަޔަސް ބޭނުންވާ ވަރަށް ވަސީލަތް ލިބިއްޖެ"

ސާޖެއް އަޔަސް ބޭނުންވާ ވަރަށް ވަސީލަތް ލިބިއްޖެ: އައިޖީއެމްއެޗް

25 މެއި 2020

ކޮވިޑް-19 ގެ ސާޖް (ކުއްލި އިތުރުވުމެއް) އަޔަސް ފަރުވާ ދޭން ބޭނުންވާ ވަސީލަތްތައް، ހުޅުމާލޭގެ މެޑިކަލް ފެސިލިޓީއާ އެކު މިހާރު ލިބިފައިވާ ކަމަށް އައިޖީއެމްއެޗް އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 ގެ ސާޖް (ކުއްލި އިތުރުވުމެއް) އަޔަސް ފަރުވާ ދޭން ބޭނުންވާ ވަސީލަތްތައް، ހުޅުމާލޭގެ މެޑިކަލް ފެސިލިޓީއާ އެކު މިހާރު ލިބިފައިވާ ކަމަށް އައިޖީއެމްއެޗް އިން މިއަދު ބުނެފި އެވެ.

ސިފައިންނާއި ސަރުކާރު އަދި އަމިއްލަ ގިނަ ކުންފުނިތަކުން ބައިވެރިވެގެން ހެދި 300 އެނދުގެ ވަގުތީ ހޮސްޕިޓަލް، އައިޖީއެމްއެޗާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.

Hulhumale gai hedhi Medical facility IGMH aa havaalu koffi

Hulhumale gai hedhi Medical facility IGMH aa havaalu koffi

The most trusted news source in the Maldives

Mihaaru

ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗާ ހަވާލު ކުރުން

އެކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ)، "މިހާރު" އަށް ވިދާޅުވީ އެ ފެސިލިޓީ ބޭނުން ކުރަން ފަށަން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި މި ވަގުތު ކޮވިޑް-19 ގެ ސާޖެއް އައިި ނަމަވެސް ފަރުވާ ދޭނެ 289 އެނދު އާ ފެސިލިޓީއާ އެކު ލިބިފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ސާޖެއް އައި ނަމަވެސް ބޭނުންވާ ވަރަށް އެނދު އެބަހުރި. މެޑިކަލް އިކުއިޕްމެންޓްސް އިންސްޓޯލް ކުރުމާއި އިތުރު އެނދުތައް ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުން،" ސަލީމް ވިދާޅުވި އެވެ.

އެ މަސައްކަތްތައް ނިމުމުން ވަރަށް އަވަހަށް އެ ފެސިލިޓީ ބޭނުން ކުރަން ފަށަން ވަނީ ނިންމައިފަ އެވެ.

ފަސް އިމާރާތް ހިމެނޭ އެ ފެސިލިޓީއަކީ އެއް ފަހަރާ 300 މީހުންނަށް ފަރުވާ ދެވޭނެ ތަނެކެވެ. ފަސް އިމާރާތުގެ ތެރެއިން ހަތަރު ބުރިއަށް ހަދާފައިވާ އިމާރާތުގައި ހިމެނެނީ 228 އެނދުގެ މެޑިކަލް ވޯޑެކެވެ. އެހެެން އިމާރާތެއްގައި 72 މީހުންނަށް ފަރުވާ ދެވޭނެ ވޯޑެއް ހަދާފައިވެ އެވެ. އެ ހުރިހާ ވޯޑެއް ވެސް ތައްޔާރުކޮށްފައި ވަނީ ވެންޓިލޭޓަރުގައި ވެސް ބަލި މީހުންނަށް ފަރުވާ ދެވޭނެ ގޮތަށެވެ.

ހުޅުމާލެ ކަރަންޓީން ފެސިލިޓީ: މިއީ 300 މީހުންގެ ޖާގައިގެ ތަނެއް-- ފޮޓޯ: އެންއީއޯސީ

ހުޅުމާލެ ކަރަންޓީން ފެސިލިޓީ: މިއީ 300 މީހުންގެ ޖާގައިގެ ތަނެއް-- ފޮޓޯ: އެންއީއޯސީ

އެ ފެސިލިޓީގެ ތިން ވަނަ އިމާރާތުގައި 19 ކޮޓަރި ހަދާފައި ވަނީ ފަރުވާ ދެއްވާ ބޭފުޅުންގެ އެކޮމެޑޭޝަނަށް ބޭނުން ކުރުމަށެވެ. ހަތަރު ވަނަ އިމާރާތް ހާއްސަ ކޮށްފައިވަނީ އިދާރީ މަސައްކަތަށާއި ލޯންޑްރީއަށެވެ. އަދި ފަސް ވަނަ އިމާރާތް ހާއްސަކޮށްފައި ވަނީ ހިނަވާ ގެއަކަށާއި ސިއްހީ އާލާތްތައް ނައްތާލުމަށް ބޭނުންކުރާނެ އޮޓޯކްލެވާއަކަށެވެ.

ވަގުތީ ހޮސްޕިޓަލްގައި ބައިތިއްބަނީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލި މީހުންނެވެ.

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމައްޗަށްވާ ގޮތަށް އޮތް ބޮޑު ބިމުގައި ތަރައްގީކުރި އެ ހޮސްޕިޓަލް ނިންމަން އެންމެ ފުރަތަމަ ކަނޑައެޅީ މިދިޔަ މަހުގެ 20 ގަ އެވެ. އެކަމަކު އެ ތަނުގައި މަސައްކަތް ކުރާ ބައެއް މީހުން، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން މަސައްކަތް ލަސްވީ އެވެ.

ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހޭދަކޮށްގެން ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމްއެންޑީއެފާއި ފެނަކަ އެވެ. އޭގެ އިތުރުން ވެސް ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ވެމްކޯ، އާރުސީސީ، އެލިއާ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން އަދި ލެއޯ ކޮންސްޓްރަކްޝަން ހިމެނެ އެވެ.

ހުޅުމާލެ ކަރަންޓީން ފެސިލިޓީ: އެތަން ބޭނުން ކުރަން ފެށުމުގެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުން-- ފޮޓޯ: އެންއީއޯސީ

ހުޅުމާލެ ކަރަންޓީން ފެސިލިޓީ: އެތަން ބޭނުން ކުރަން ފެށުމުގެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުން-- ފޮޓޯ: އެންއީއޯސީ

ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް ކުރިން ހެދި ޕްރޮޖެކްޝަންސްތަކުން ދެއްކި ގޮތުގައި ޕީކަށް އަރާ ދުވަހު، ބަލި ޖެހިފައި 6،000 މީހުން ތިބޭނެ އެވެ. އަދި އެ ދުވަހު އެކަނި ވެސް 400 މީހުން ޕޮޒިޓިވްވާނެ ކަމަށް ލަފާކުރުންތަކުން ދެއްކި އެވެ. އައިސީޔޫގައި 12 މީހުންނަށް އެ ދުވަހު ފަރުވާދޭން ޖެހުން އެކަށީގެންވާ އިރު އޭރު އައިސީޔޫގައި 101 މީހަކަށް ފަރުވާ ދެމުން އަންނާނެ ކަމަށް ވެސް އެ ލަފާކުރުންތަކުން ބުނެ އެވެ.

މިއީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް މަދު ބަޔަކު އަމަލުކުރި ނަމަ ނުކުންނާނެ ނަތީޖާ އެވެ. އެކަމަކު ލޮކްޑައުންގައި އެޅި ފިޔަވަޅުތަކަށް 75 ޕަސެންޓް މީހުން އަމަލުކުރުމުން، ކުރިން ހީކުރި ގޮތަށް، މި މުއްދަތުގައި ސާޖެއް ނާންނާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން މިހާރު ގެންދަވަނީ ވިދާޅުވަމުންނެވެ.

ރާއްޖޭން މިހާތަނަށް 1,371 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެމީހުންނަށް ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލްގެ އިތުރުން ބައެއް އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ. ވެލިދޫ އައިލެންޑް ރިސޯޓާއި ހުޅުލޭ އައިލެންޑް ހޮޓަލުގެ އިތުރުން ފަރުކޮޅުފުށި ވެސް ބޭނުން ކުރަމުން އަންނަނީ އައިސޮލޭޝަން ފެސިލިޓީއަކަށެވެ.