Roadha Mihaaru
ހުޅުމާލޭ ބީޗުން ދެ ގަޑިއިރު ތެރޭ 14 ޓަނުގެ ކުނި

ހުޅުމާލޭ ބީޗުން ދެ ގަޑިއިރު ތެރޭ 14 ޓަނުގެ ކުނި ހޮވައިފި

19 ސެޕްޓެމްބަރ 2021

ދުނިޔެ ސާފުކުރާ ދުވަހާ ދިމާކޮށް ހުޅުމާލޭ ބީޗުގައި އިއްޔެ ބޭއްވި ހަރަކާތުގައި އެންމެ ދެ ގަޑިއިރު ތެރޭ 14 ޓަނަށް ވުރެ ގިނަ ކުނި ހޮވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދުނިޔެ ސާފުކުރާ ދުވަހާ ދިމާކޮށް ހުޅުމާލޭ ބީޗުގައި އިއްޔެ ބޭއްވި ހަރަކާތުގައި އެންމެ ދެ ގަޑިއިރު ތެރޭ 14 ޓަނަށް ވުރެ ގިނަ ކުނި ހޮވައިފި އެވެ.

ކޮންމެ ސެޕްޓެމްބަރު މަހެއްގެ 18 ގައި ފާހަގަކުރާ "ވޯލްޑް ކްލީންއަޕް ޑޭ" އާ ދިމާކޮށް ދުނިޔޭގެ އެކި ގައުމުތަކުގައި ތަންތަން ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ. ރާއްޖޭގައި މި ހަރަކާތް އިންތިޒާމު ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ލެޓްސް ޑޫ އިޓް މޯލްޑިވްސް" މި އަހަރު ރަސްމީ އިވެންޓް ބޭއްވީ ކ. މާފުށީގަ އެވެ.

އެ ޖަމިއްޔާ އިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބީޗު ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ އެޗްޑީސީއާ ގުޅިގެންނެވެ. އެ ޖަމިއްޔާގެ މެމްބަރުންނާއި އެޗްޑީސީގެ މުވައްޒަފުންނާއި އާންމުން ވެސް ވަނީ ބީޗު ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވެފަ އެވެ.

މާފުއްޓާއި ހުޅުމާލޭގެ އިތުރުން ވެސް ބައެއް ރަށްރަށުގައި މި ހަރަކާތް ކުރިއަށް ގެންދިޔަ އެވެ.

މި ހަރަކާތުގެ މަގުސަދަކީ ގައުމުތަކަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރުދިނުމެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ބައިވެރިވާ މި ހަރަކާތުގައި 2018 ވަނަ އަހަރު، ކުންފުނިތަކާއި ރިސޯޓްތަކާއި ޖަމިއްޔާތަކާއި އަދި ވޮލަންޓިއަރުން ހިމެނޭ ގޮތަށް ރާއްޖެއިން 15،000 މީހުން ބައިވެރިވެފައިވެ އެވެ. ޖެހިގެން އައި އަހަރު، 2019 ގައި 18،000 ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އެ އަހަރު ރަސްމީ އިވެންޓް ބޭއްވީ ހއ. އުތީމުގަ އެވެ.