Roadha Mihaaru
މިހާރު ޕްރޯޑިޒައިނާސް އަކީ ލޫޕްކްރާފްޓް، ހިދުމަތް ކުރިޔަށް

މިހާރު ޕްރޯ ޑިޒައިނާސް އަކީ ލޫޕްކްރާފްޓް، މަސައްކަތްތައް ކުރިއަށް

29 މާޗް 2019

ޕްރޯ ޑިޒައިނާސްގެ ނަން ލޫޕްކްރާފްޓް އަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފި އެވެ.

ޕްރޯ ޑިޒައިނާސްގެ ނަން ލޫޕްކްރާފްޓް އަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފި އެވެ.

އެ ކުންފުނީގެ ނަން ބަދަލުކުރަން ނިންމީ، ކުރީގެ ނަމުގައި "ޑިޒައިނާސް" އެ ލަފުޒު ބޭނުންކޮށްފައި ވުމުން ޑިޒައިނިންގެ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުން ކުންފުނި މާކެޓްކުރުމުގައި ގޮންޖެހުންތައް ކުރިމަތިވުމެވެ.

ލޫޕްކްރާފްޓްގެ ސީއީއޯ މުހައްމަދު ޝަމްހީލް ވިދާޅުވީ އެންމެ ފުރަތަމަ މަސަައްކަތް ފެށި އިރު ޕްރޯ ޑިޒައިނާސްގެ ނަމަކީ ވަރަށް ފުރިހަމަ ނަމެއް ކަމަށެވެ. އެކަމަކު މިހާރު ކުރަމުން އަންނަ މަސައްކަތްތައް ފުޅާވެ އިތުރުވުމުން ނަން ވެސް ބަދަލުކުރަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމްހީލް ވިދާޅުވީ ނަމަށް ބަދަލު އައި ނަމަވެސް ކުރިން ކުރަމުން އައި އެއްވެސް މަސައްކަތެއް ހުއްޓާނުލާނެ ކަމަށެވެ.

ލޫފްކްރާފްޓުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ވެބްސައިޓް ހެދުމާއި އެޕް އަދި ސޮފްޓްވެއާ ތަރައްގީކުރުމުގެ އިތުރުން 3ޑީގެ އުފެއްދުންތަކާއި ގޭމިން ވެސް ހިމެނެ އެވެ.

"މިއީ އަޅުގަނޑުމެނަށް އައު މަސައްކަތްތަކެއް ވެސް ނޫން. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން ވެސް ކުރަމުން އަންނަ މަސައްކަތްތަކެއް،" ޝަމްހީލް ވިދާޅުވި އެވެ.

ޕްރޯޑިޒައިނާސް އުފެއްދީ 2011 ގަ އެވެ. ދެ މުވައްޒަފުންނާ އެކު މަސައްކަތް ފެށި އެ ކުންފުނީގައި ފުލްޓައިމްކޮށް މިހާރު 13 މުވައްޒަފުން އުޅެ އެވެ. ހުސް ދިވެހިން އުޅޭ ކުންފުނިން ފުރަތަމަ ފެށީ ޑިޒައިން އަދި ޕްރިންޓްކުރުމުގެ މަސައްކަތްތަކެވެ.

ނަމަވެސް 2015 އިން ފެށިގެން ޓެކްނޮލޮޖީ ދާއިރާގެ ހިދުމަތްތައް ވެސް ދޭން ފެށި އެވެ. އެގޮތުން ވެބްސައިޓާއި އެޕް ހެދުމާއި 3ޑީގެ އުފެއްދުންތަކާއި ގޭމިންގެ މަސައްކަތުގެ ތެރެއަށް ވެސް ވަނެވެ.

ދުނިޔެއަށް އަދި އާ ޓެކްނޮލޮޖީއެއް ކަމަށްވާ އޮގްމެންޓަޑް ރިއަލިޓީ ބޭނުންކޮށްގެން ދުނިޔޭގެ ފަންވަރުގައި އުފެއްފުންތައް އުފައްދާ ހަމައެކަނި ދިވެހި ކުންފުންޏަކީ ވެސް މިހާރު ލޫޕްކްރާފްޓް އެވެ.

އެ ކުންފުނިން ކުރިޔަށްގެންދިޔަ ހާއްސަ ޕްރޮޖެކްޓްތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ގޭމް އިންޖިންގެ ޕާޓްނަރު ޔުނިޓީގެ މަސައްކަތާއި ހޮލޯގޯ މަސައްކަތް ވެސް ކޮށްފައިވެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކިޔަވައިދޭން ބޭނުންކުރާ ހޮލޯގޯ އަކީ ޕްރޯޑިޒައިނާސް އާއި އައިލޭންޑާސް އެޑިއުކޭޝަން ގުޅިގެން އުފައްދާފައިވާ އޮގްމެންޓަޑް ރިއަލިޓީ (އޭއާރް) އެޕްލިކޭޝަނެކެވެ. މި އެޕްގެ ޓެކްނޮލޮޖީ އާއި 3ޑީގެ އުފެއްދުންތައް ތައްޔާރުކުރީ އެ ޓީމުންނެވެ.

ޓީޗިންގް ޓިއުބަކީ އައިލެންޑާސް އާއި ދިރާގު އަދި ޕްރޯޑިޒައިނާސް ގުޅިގެން އުފައްދާފައިވާ ޕްލެޓްފޯމެކެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތަކުގެ ވެބްސައިޓްތައް ހެދުމުގެ އިތުރުން ބައެއް ކުންފުނިތަކުގެ މާކެޓިން އާއި ޑިޒައިންގެ މަސައްކަތްތައް ވެސް ކޮށްފަ އެވެ. އަދި އެފަދަ މަސައްކަތްތައް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި އޮސްޓްރޭލިއާ އާއި ޑެންމާކާއި އިނގިރޭސިވިލާތުގެ ބައެއް ޕްރޮޖެކްތައް ވެސް ލޫޕްކްރާފްޓުން ކުރިއަށް ގެންގޮސްފައިވެ އެވެ.