Roadha Mihaaru
އެގްޒިމް ބޭންކުގެ އެހީގައި 35 ރަށެއްގައި ނަރުދަމާ

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި 35 ރަށެއްގައި ފެނާއި ނަރުދަމާ އަޅަނީ

28 މާޗް 2019

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ރާއްޖޭގެ 35 ރަށެއްގައި މި އަހަރު ފެނާއި ނަރުދަމާގެ މަސައްކަތް ފަށާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ރާއްޖޭގެ 35 ރަށެއްގައި މި އަހަރު ފެނާއި ނަރުދަމާގެ މަސައްކަތް ފަށާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެގްޒިމް ބޭންކާ އެކު ދާދި ފަހުން އެ މިނިސްޓްރީން ސޮއިކުރި ކްރެޑިޓްލައިން އެއްބަސްވުމުގެ ދަށުން، 32 ރަށެއްގައި ފެނުގެ މަޝްރޫއު ފަށާނެ ކަމަށެވެ. އަދި ނަރުދަމާގެ މަސައްކަތް 19 ރަށެއްގައި ފަށާނެ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިއާ އިން ވަނީ ރާއްޖެ އަށް 800 މިލިޔަން ޑޮލަރު (12.4 ބިލިޔަން ރުފިޔާ) ގެ ކްރެޑިޓް ދޭން އެއްބަސްވެފަ އެވެ.

އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ. ލޯން ދައްކަން ޖެހެނީ ފަސް އަހަރު ފަހުން 15 އަހަރުގެ މުއްދަތުގެ ތެރޭގަ އެވެ.

އެއީ ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ރާއްޖެ އަށް ދޭން އެއްބަސްވި ލޯނެކެވެ. އިންޑިއާ އިން އެއްބަސްވެފައި ވަނީ ޖުމްލަ 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ރާއްޖެ އަށް ދިނުމަށެވެ.