Roadha Mihaaru
"ބްރިޖުގެ ޓެންޑާ ޕްރޮސެސް ދެތިން ދުވަސް ތެރޭ ފަށާނެ"

ބްރިޖް މަޝްރޫއުގެ ޓެންޑާ ޕްރޮސެސް ދެތިން ދުވަސް ތެރޭގައި ފަށާނެ: އިންޑިއާ ސަފީރު

12 އޮކްޓޯބަރ 2020

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖު ހެދުމުގެ މަޝްރޫއުގެ ޓެންޑާ ޕްރޮސެސްގެ މަސައްކަތް ދެތިން ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖު ހެދުމުގެ މަޝްރޫއުގެ ޓެންޑާ ޕްރޮސެސްގެ މަސައްކަތް ދެތިން ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު މިއަދު ވިދާޅުވެއްޖެ އެވެ.

ބްރިޖު އެޅުމުގެ މަޝްރޫއަށް އެކްސްޕޯޓު އިމްޕޯޓު ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އާ އެކު ވެވުނު ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގައި، 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ނިންމާފައި ވެ އެވެ. މި ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓު ކަމަށް އެގްޒިމް ބޭންކުން ބުންޏެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވަން ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާ ސަފީރު ވިދާޅުވީ މި މަޝްރޫއުގެ ޓެންޑާ ޕްރޮސެސް ދެތިން ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

މި މަޝްރޫއުގެ ކޮންސަލްޓަންސީ މަސައްކަތް ކުރަން ކަނޑައަޅާފައިވާ "އެމްއެސް އަރޫޕް" ހޮވާފައި ވަނީ ދިވެހި ސަރުކާރުންނެވެ. އަދި އެ ފާމް އިން ތައްޔާރު ކުރި ޕްރޮޖެކްޓް ޑީޓެއިލް ރިޕޯޓަށް ދެ ގައުމުގެ ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީތަކުން މިހާރު ވަނީ އެޕްރޫވަލް ދީފަ އެވެ. ޓެންޑާ ކަރުދާސްތަކުގެ މަސައްކަތް ފަށާނީ ދިވެހި ސަރުކާރާއި އެގްޒިމް ބޭންކު ގުޅިގެން ކުރިއަށް ގެންދާ ކޮންސަލްޓަންސީ މަޝްވަރާތަކަށް ފަހު އެވެ.

"އިންޖިނިއަރިން ޕްރޮކިއުމަންޓާއި ކޮންސްޓްރަކްޝަން (އީޕީސީ) ކޮންޓްރެކްޓަރުން ހޮވުމުގެ އެންމެ ފަހު ޓެންޑާ އިޝޫ ކުރާނީ ދިވެހި ސަރުކާރުން،" ސަންޖޭ ވިދާޅުވި އެވެ.

ނަމަވެސް މި މަޝްރޫއަށް ބޭނުންވާ ސާމާނުގެ 65-75 ޕަސެންޓް ސާމާނަކީ އިންޑިއާގެ ކުންފުނިން ހޯދާ ތަކެތި ކަމަށް، އިންޑިއާއާ ރާއްޖެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ޝަރުތުކޮށްފައި ވެ އެވެ.

މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަންތައްތައް:

- ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރީން ވިއަޑެކްޓެއް ހެދުން

- ތިލަ ހިސާބުތަކުގަ އާއި އެއްގަމު ސަރަހައްދުތަކުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑެކްޓް ހެދުން

- ރަށްރަށުގައި 2.96 ކިލޮމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހެދުން

- ރަށްރަށުގެ މެދުގައިވާ ކަނޑުގައި 140 މީޓަރުގެ ތިން ނެވިގޭޝަން ބްރިޖެއް ހެދުން

- ވިލިމާލެ ލޭންޑް އިންޓަޗޭންޖް ސަރަހައްދުގައި ސިގްނަލައިޒްޑް ޖަންކްޝަން ހެދުން

- ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއަބައުޓްތަކެއް ހެދުން

- ކޮންމެ ރަށެއްގެ ބްރިޖް ޖަންކްޝަން ކައިރި ބަސް ޓާމިނަލެއް ހެދުން

- ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން އަދު ސީސީޓީވީ ފަދަ އެހެން ތަކެތި ބޭނުން ކުރާނީ އިރުން އުފައްދާފައި ހުންނަ ހަކަތަ

- ލޭމްޕް ޕޯސްޓާއި ބްރިޖްގެ ޕަރަޕެޓްގައި ސޯލާ ޕެނަލްސް ހަރުކުރާނެ

ހުޅުމާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅުވައިދޭ މި ބްރިޖާއި އެކު މާލެ ސަރަހައްދުގެ ޓްރެފިކަށް ލުއިއެއް ލިބޭނެ ކަމަށް ބެލެވެ އެވެ. މިކަމާއި އެކު ގުޅީފަޅު ޕޯޓާއި ތިލަފުށި އިންޑަސްޓްރިއަލް ޒޯނު ވެސް އެއްގަމު ދަތުރުފަތުރުން ގުޅުވާލެވޭނެތީ، އިގްތިސާދަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާ ސަރުކާރުން ބުންޏެވެ.

މިއީ މިހާތަނަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ އެންމެ ބޮޑު އުމްރާނީ މަޝްރޫއެވެ.