Roadha Mihaaru

ދިވެހިންނަށް ވިސާ ލިބުން އެ ބުނާހާ ދައްޗެއް ނޫން: އިންޑިއާ

28 ސެޕްޓެމްބަރ 2021

އިންޑިއާ އަށް ދަތުރުކުރުމަށްޓަކައި ދިވެހިންނަށް މެޑިކަލް ވިސާ ދޫކުރުމުގެ އިންތިޒާމު، ބައެއް މީހުން އަޑުފަތުރާހާ ގޯސް ނޫން ކަމަށާއި ކޮވިޑްގެ ލޮކްޑައުން އޮތް ނަމަވެސް ގިނަ ބަޔަކަށް ވިސާ ދޫކޮށްްފައިވާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންޑިއާ އަށް ދަތުރުކުރުމަށްޓަކައި ދިވެހިންނަށް މެޑިކަލް ވިސާ ދޫކުރުމުގެ އިންތިޒާމު، ބައެއް މީހުން އަޑުފަތުރާހާ ގޯސް ނޫން ކަމަށާއި ކޮވިޑްގެ ލޮކްޑައުން އޮތް ނަމަވެސް ގިނަ ބަޔަކަށް ވިސާ ދޫކޮށްްފައިވާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު "މިހާރު" އަށް މިދިޔަ ހަފުތާގައި ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ކުރިން ވިސާޖެހުމަކާ ނުލައި ދިވެހިންނަށް އިންޑިއާ އަށް ދަތުރުކުރެވޭ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފައި ވިޔަސް މިހާރު އޮތީ ހާއްސަ ހާލަތެއް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާ އެކު ދުނިޔޭގެ ހުރިހާ ތަނެއް ބަންދުވި ވަގުތުގައި ވެސް އިންޑިއާ އަށް ދަތުރުކުރުމުގެ ފުރުސަތު ދިވެހިންނަކަށް ބަންދެއް ނުވެ އެވެ.

"މީހުން އެބަ ސުވާލުކުރޭ އީ-ވިސާ ފެސިލިޓީއެއް ރާއްޖެ އަށް ނެތީ ކީއްވެހޭ؟ އީ ވިސާ ފެސިލިޓީއަކީ ވަރަށް ގިނަ ގައުމުތަކަށް އޮންނަ އެއްޗެއް. ދިވެހިރާއްޖެ އަށް އެކަމަކު އެބައޮތް އެ އަށް ވުރެ މާ ބޮޑު ފެސިލިޓީއެއް،" މަގާމުގެ މުއްދަތު ހަމަކުރައްވައި ފުރާވަޑައިގަންނަވަން ތައްޔާރުވަމުން ގެންދަވާ ސަންޖޭ ވިދާޅުވި އެވެ.

"އެއީ ވިސާއެއް ނަގަން ނުޖެހުން. އަޅުގަނޑުމެންގެ މި ނޯ-ވިސާ ޕޮލިސީއަކީ އެންމެ ތިން ގައުމަށް އޮތް ފުރުސަތެއް، އެއީ ބޫޓާން، ނޭޕާލް އަދި ދިވެހިރާއްޖެ އަށް."

ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާ ހެދި ބޯޑަރުތައް ބަންދުކުރަން ޖެހުނީ އެވެ. އެކަމަކު އެ ހާލަތުގައި ވެސް ދިވެހިންނަށް އިންޑިއާގެ ދޮރުތައް ބަންދު ނުވާނެކަން ކަށަވަރުކުރެއްވި ކަމަށް ސަފީރު ވިދާޅުވި އެވެ.

އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ ތަފާސްހިސާބުތަކެކެވެ. އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރަން ބޯޑަރު ބަންދުކުރި ފަހުން މިހާތަނަށް 13،000 އަށް ވުރެ ގިނަ ދިވެހިން އިންޑިއާ އަށް ދަތުރުކޮށްފައި ވެ އެވެ.

"އެއީ ވިސާއެއް ނަގަން ނުޖެހުން. އަޅުގަނޑުމެންގެ މި ނޯ-ވިސާ ޕޮލިސީއަކީ އެންމެ ތިން ގައުމަށް އޮތް ފުރުސަތެއް، އެއީ ބޫޓާން، ނޭޕާލް އަދި ދިވެހިރާއްޖެ އަށް."--- ސަފީރު

ވިސާ ހޯދުމަށްްޓަކައި ހައި ކޮމިޝަނުގެ ބޭރުގައި ކޮންމެ ދުވަހަކުހެން މީހުން ކިއު ހަދާފައި ތިބޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާއިރު، އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ފާޑުކިޔާ ފަރާތްތަކުން އެންމެ ގިނައިން ދައްކާ އެއް ވާހަކައަކީ ވެސް އެ ގައުުމުން ދިވެހިންނަށް ވިސާ ލިބުމުގައި އޮތް ދަތިކަމުގެ ވާހަކަ އެވެ.

ސަފީރު ވިދާޅުވީ ހައި ކޮމިޝަނުގެ ބޭރުގައި ކިއު އޮތަސް، ވިސާ އަށް އެދި ހުށަހަޅަން ހަގީގަތުގައި ވަރަށް ފަސޭހަ އިންތިޒާމުތަކެއް ހަަމަަޖައްސައިދީފައިވާ ކަަމަށެވެ. އެގޮތުން އޮންލައިންކޮށް ވިސާ އަށް އެޕްލައި ކުރުމަށް ފަހު، ހައި ކޮމިޝަނަށް ދާން ޖެހޭ ގަޑި ވެސް މީހުންނަށް ވަކިވަކިން ދޭ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު އަޅުގަނޑުމެން އެބަ ދޫކުރަން ގާތްގަނޑަށް 100 ވިސާ. އެ އަަދަދު އަންނަނީ އިތުރުވަމުން،" ސަރީރު ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު "މިހާރު" އާ ވާހަކަ ދައްކަވަނީ.

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު "މިހާރު" އާ ވާހަކަ ދައްކަވަނީ.

އެކަމަކު އެ 100 ވިސާ ހޯދަން 400 ނުވަތަ 500 މީހުން ގޮސް ކިއު އަށް އަރަން ޖެހޭ ނަމަ ކިއު ވަރަށް ދިގުވާނެ ކަމަށާއި އެކަމަކު އިންތިޒާމު ހަމަޖައްސާފައި އޮތީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުން [ވިސާ އެޕްލިކޭޝަން ފޯމު ހުށަހަޅަން] އަންނަންވާ ތާރީހާއި ގަޑި ވެސް އަންގާނެ. އެކަން އިތުރަށް ފަަސޭހަ ކުރުމަށްޓަކައި އަޅުގަނޑުމެން ދެން އެއް ގަޑިއިރުގެ ވަގުތެއް. މިސާލަކަށް 10 އިން 11 އަށް،" އޭނާ ވިދާޅުވި އެވެ.

އެގޮތަށް ހަމަޖެއްސިޔަސް، ސަފީރު ވިދާޅުވި ގޮތުގައި، ހައި ކޮމިޝަނުން އަންގާ ގަޑިއަށް ވުރެ ކުރިން ބައެއް މީހުން ވިސާ ހޯދަން ދާތީ ކިއޫއެއް އުފެދެ އެވެ . ގަޑިޖެހުުމުގެ މާކުރިން ދާ މީހުން ބޭރުގައި ކިއު ހަދައިގެން ތިބެން ޖެހެނީ ހައި ކޮމިޝަން ހިންގާ އިމާރާތް ކުޑަވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.