Roadha Mihaaru
ވިސާ ދޫކުރުން މަދެއް ނުކުރަން: އިންޑިއާ ހައި ކޮމިޝަން

ވިސާ ދޫކުރުން މަދެއް ނުކުރަން، ބާރު ބޮޑުވީ މީހުން ގިނަވެގެން: އިންޑިއާ ހައިކޮމިޝަން

19 އޯގަސްޓް 2021

އިންޑިއާ އަށް ދާން ވިސާ ހޯދުމަށްޓަކައި އޮންލައިން އެޕޮއިންޓްމަންޓް ލިބުން ލަސްވަނީ ވިސާ ދޫކުރާ އަދަދު މަދުކޮށްގެން ނޫން ކަމަށާއި ސަބަބަކީ ވިސާ އަށް އެދޭ މީހުން އިތުރުވުން ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންޑިއާ އަށް ދާން ވިސާ ހޯދުމަށްޓަކައި އޮންލައިން އެޕޮއިންޓްމަންޓް ލިބުން ލަސްވަނީ ވިސާ ދޫކުރާ އަދަދު މަދުކޮށްގެން ނޫން ކަމަށާއި ސަބަބަކީ ވިސާ އަށް އެދޭ މީހުން އިތުރުވުން ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ހަމައެކަނި ދޫކުރަނީ މެޑިކަލް ވިސާ ކަމަށް ވާއިރު، ވިސާގެ ކަންކަން ފުރިހަމަ ކުރަން ބޭނުންވާ އެޕޮއިންޓްމަންޓް ލިބުން ލަސްވާ ކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ. ބައެއް މީހުންނަށް އިންޑިއާ ހައި ކޮމިޝަނުން އެޕޮއިންޓްމަންޓް ދޫކޮށްފައި ވަނީ އަންނަ މަހުގެ މެދުތެރެއަށެވެ. އެހާ ބާރު ބޮޑު ކަމަށް ވިސާ އަށް އެޕްލައި ކޮށްފައިވާ ބައެއް މީހުން ބުނެ އެވެ.

އާއްމުންގެ އެ ޝަކުވާއާ ބެހޭ ގޮތުން "މިހާރު" އިން މިއަދު ސުވާލު ކުރުމުން ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރިތިޝް ވިދާޅުވީ، ކޮންމެ ދުވަހަކު ވިސާ ދޫކުރާ މީހުންގެ އަދަދު މިހާރު ކުރިއަށް ވުރެ ވެސް އިތުރުކޮށްފައިވާ ކަމަށެވެ.

"އެކަމަކު އިންޑިއާ އަށް ދާން އެދޭ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އެދިފައިވާ އެންމެންނަށް ވީހާ އަވަހަކަށް ވިސާ ދޫކުރަން އަޅުގަނޑުމެނަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް މި އަންނަނީ މަސައްކަތް ކުރަމުން،" ރޯހިތު ވިދާލުވި އެވެ

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ރަނގަޅުވެ، ބޯޑަރު ހުޅުވައިލެވުނުހާ އަވަހަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި އެ ގައުމަށް ދިވެހިން ދަތުރުކުރުމުގެ އިންތިޒާމު ވެސް ހަމަޖައްސާނެ އެވެ. އެއީ ރާއްޖެ އާއި އިންޑިއާ އިން 2018 ވަނަ އަހަރު ސޮއިކޮށްފައިވާ "ވިސާ ފްރީ" އެއްބަސްވުމުގެ ދަށުންނެވެ.

އިންޑިއާއަކީ ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް ވެސް ދިވެހިން ގިނައިން ދަތުރުކުރާ ގައުމެކެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު އެގައުމުގެ ހާލަތު ގޯސްވެ، ބޯޑަރުތައް ވަނީ ބަންދުކޮށްފަ އެވެ. މިހާރު އެ ގައުމަށް ދަތުރުކުރެވެނީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތަކަށް ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.