Roadha Mihaaru
"ޒިޔާދާގެ މައްސަލާގައި ހެކިތަކަށް ރިއާޔަތެއް ނުކުރޭ"

ޒިޔާދާގެ މައްސަލާގައި ގިނަ ހެކިތަކަށް ދަށު ކޯޓުން ރިއާޔަތް ކޮށްފައެއް ނުވޭ: ޕީޖީ އޮފީސް

25 މާޗް 2019

ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ދައުލަތުން ހުށަހެޅި ގިނަ ހެކިތަކަށް ރިއާޔަތްކުރުމެއް ނެތި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ދައުލަތުން ހުށަހެޅި ގިނަ ހެކިތަކަށް ރިއާޔަތްކުރުމެއް ނެތި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ގދ. ތިނަދޫ މީހެއް ކަމަށްވާ ޒިޔާދާ 2015 ގައި މަރުވި މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އަނބިމީހާ ފިރިމީހާ ރޭޕް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެކަމަކު އެއިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާގެ އުންސުރުތައް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާނެ ކަމަށާއި އެކަމަކު އެ ހެކިތަކަށް ދަށު ކޯޓުން އެކަށީގެންވާ ބުރަދަނެއް ދީފައިވާ ކަމަށް ނުދެކޭ ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ނިިންމުން ރަނގަޅު ކަމަށް ނުދެކޭތީ އެ މައްސަލަ އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ޖިންސީ ކުށުގެ ގާނޫނުގައި ކުށް ސާބިތު ކުރަން ބުރަދަން ދެވޭނެ ހެކިތައް ބަޔާން ކޮށްފައިވާއިރު، ޒިޔާދާ ނިޔާވުމާ ހަމައަށް އޭނާ އެ ވާހަކަތައް ކިޔައިދީފައިވާ އެކި ފަރާތްތަކާއި އޭނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އިތުރުން އެކި ފަރާތްތަކާ ޒިޔާދާ ފޯނުން އެ ވާހަކަތައް ހިއްސާ ކޮށްފައިވާތީ ފުލުހުން ތައްޔާރުކުރި އެ ފޯނުގެ އެނަލައިސް ރިޕޯޓަށާއި މެޑިކަލް ލިޔުންތަކަށް މައްސަލަ ނިންމުމުގައި ރިއާޔަތް ކޮށްފައިވާ ކަމަށް އެ އޮފީހުން ނުދެކޭ ކަމަށެވެ.

ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ޕޯސްޓް މޯޓަމް ރިޕޯޓުގައި ބަޔާން ކޮށްފައިވާއިރު، އެ އަނިޔާއަކީ ޝާހުގެ ފަރާތުން ލިބުނު އަނިޔާއެއް ކަމާއި ސިކުނޑިއަށް ލޭ އެޅުނީ އެ އަނިޔާގެ ސަބަބުން ކަން ސާބިތު ކުރެވޭނެ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މައްސަލާގެ ޝަރީއަތް ސިއްރު ކޮށްގެން ގެންދިޔައީ އެ އޮފީހުގެ އެދުމުގެ މަތިންނެވެ. ސަބަބެއްގެ ގޮތުގައި އެ ބަޔާނުގައިވަނީ އެ މައްސަލައަކީ ރޭޕްގެ މައްސަލަތަކުގެ ޝަރީއަތް ސިއްރު ކުރަންޖެހޭނެ ކަމަށް ޖިންސީ ކުށުގެ ގާނޫނުގައި ބުނެފައި އޮތުމާއި ހެކިންގެ ހެކިބަހުގައި ޒިޔާދާގެ ޒާތީ ދިރިއުޅުމާ ގުޅޭ ޚައްސާސީ މައުލޫމާތުތަކެއް ހިމެނޭތީ އާއި ޒިޔާދާގެ ދަރިންގެ މަސްލަހަތަށް ރިއާޔަތްކޮށެވެ.