Roadha Mihaaru
މުސްލިމު ރެފިއުޖީންނަށް އީޔޫ އިން ހުއްދަ ދޭން ޖެހޭ

މުސްލިމު ރެފިއުޖީންނަށް އީޔޫ އިން ހުއްދަ ދޭން ޖެހޭ: ޖަރުމަން

29 އޯގަސްޓް 2016

ބާލިން (އޮގަސްޓް 29) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ބައެއް ގައުމުތަކުން މުސްލިމް ރެފިއުޖީންނަށް ނޫނެކޭ ބުނުމަކީ ގަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށް ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބާލިން (އޮގަސްޓް 29) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ބައެއް ގައުމުތަކުން މުސްލިމް ރެފިއުޖީންނަށް ނޫނެކޭ ބުނުމަކީ ގަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށް ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ.

"މި ގައުމަށް މުސްލިމުން ބޭނުމެއް ނޫނޭ އީޔޫގެ ބައެއް ގައުމުތަކުން ބުނުމަކީ ރަނގަޅު ގޮތެއް ނޫން،" ޖަރުމަނުގެ ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި މާކެލް ވިދާޅުވި އެވެ.

ރެފިއުޖީން ގަބޫލް ކުރުމަށް ކޯޓާ ސިސްޓަމެއް ކަނޑައެޅުމުގެ ޚިޔާލަށް ތާއީދުކުރައްވާ މާކެލް ވިދާޅުވީ ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ރޯލު ފުރިހަމައަށް އަދާކުރުމުން މައްސަލަ އަށް ހައްލެއް ފެންނާނެ ކަމަށެވެ.

ރެފިއުޖީންގެ މައްސަލައިގައި ޔޫރަޕުގެ ހުރިހާ ގައުމެއް އެއްބަސްވާ ސިޔާސަތެއް ކަނޑައެޅުން ވަނީ އުނދަގޫ ކަމަކަށްވެފަ އެވެ. އިރުމަތީ ޔޫރަޕުގެ ގައުމުތައް ކަމަށްވާ ޗެކް ރިޕަބްލިކް، ހަންގޭރީ، ޕޮލެންޑް އަދި ސްލޮވާކިއާ އިން ވަކި ކޯޓާއެއްގެ ދަށުން ރެފިއުޖީން ބަލައިގަތުމަށް އެއްބަހެއް ނުވެ އެވެ. ސްލޮވާކިއާގެ ރައީސް ރޮބަޓް ފީކޯ ވަނީ އެ ގައުމަށް މުސްލިމް އެންމެ ރެފިއުޖީއަކު ވެސް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުން ބުނެފައި ވަނީ ރެފިއުޖީންނަށް ހުއްދަ ދީފި ނަމަ އެ ގައުމުތަކުގައި މުސްލިމުންގެ ބޮޑު އާބާދީއެއް އުފެދިދާނެ ކަމަށެވެ. ޗެކް ރިޕަބްލިކުގެ ބޮޑު ވަޒީރު ބަހުސްލާވް ސޮޕޮޓްކާ ވިދާޅުވެފައި ވަނީ އޭނާގެ ގައުމުގައި މުސްލިމުންގެ ބޮޑު މުޖްތަމައެއް އުފެދެން ބޭނުން ނުވާ ކަމަށެވެ.

އަންނަ މަހު އޮންނަ އީޔޫގެ ސަމިޓުގައި މި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖަރުމަނުން މިދިޔަ އަހަރު ވަނީ އެއް މިލިއަން ރެފިއުޖީން ގަބޫލްކޮށްފަ އެވެ. މީގެ ތެރޭން ގިނައީ ސީރިއާ، އިރާގު އަދި އަފްޣާނިސްތާނުގެ މުސްލިމް ރެފިއުޖީންނެވެ. މި އަހަރު ވެސް ޖަރުމަނަށް ތިން ލައްކަ ރެފިއުޖީން އެތެރެވާނެ ކަމަށް ވަނީ ރެފިއުޖީންނާ ބެހޭ އޮފީހުން ލަފާކޮށްފަ އެވެ.