Roadha Mihaaru
ހިލްޓަނުން ސައިބޯނި ރިސައިކަލްކުރަން ފަށަނީ

ހިލްޓަނުން ސައިބޯނި ރިސައިކަލްކުރަން ފަށަނީ

21 މާޗް 2019

ރިސޯޓާއި ހޮޓާ ފަދަ ތަންތަން ހިންގާ މަޝްހޫރު ކުންފުނި ހިލްޓަން ހޮޓެލްސް އިން ސައިބޯނި ރިސައިކަލް ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިސޯޓާއި ހޮޓާ ފަދަ ތަންތަން ހިންގާ މަޝްހޫރު ކުންފުނި ހިލްޓަން ހޮޓެލްސް އިން ސައިބޯނި ރިސައިކަލް ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

އެ ކުންފުނިން ހޯމަ ދުވަހު އިއުލާންކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިލްޓަން ބްރޭންޑްގެ ދަށުން ހިންގާ ތަންތަނުގައި ޓޫރިސްޓުން ބޭނުންކޮށްފައި ހުންނަ ސައިބޯނި ނައްތައިލުމުގެ ބަދަލުގައި އެތަކެތި ރިސައިކަލް ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

އެގޮތުން މި އަހަރުގެ އޮކްޓޯބަރު 15 ގައި ފާހަގަކުރާ ވޯލްޑް ހޭންޑްވޮޝިން ޑޭއާ ދިމާކޮށް 1.5 މިލިއަން ސައިބޯނި ރިސައިކަލްކޮށްގެން ތައްޔާރުކުރާނެ ކަމަށް ބުންޏެވެ. އަދި އެ ތަކެތި އެކި ފަރާތްތަކަށް ސައިބޯނި ފޯރުކޮށް ދޭން މަސައްކަތް ކުރާ ޖަމިއްޔާ ކްލީން ދަ ވޯލްޑްއާ ގުޅިގެން، ސަައިބޯނި ބޭނުންވާ ފަރާތްތަކަށް ހިލޭ ފޯރުކޮށް ދޭނެ އެވެ.

ހިލްޓަން އިން ބުނި ގޮތުގައި މިކަމަކީ ތިމާވެއްޓަށާއި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.

އެ ކުންފުނީގެ ހެޑް އޮފް ސާވިސް ބިލް ޑަންކެން ބުނި ގޮތުގައި ހިލްޓަންއަކީ ސައިބޯނި ރިސައިކަލް ކުރަން އެންމެ ފުރަތަމަ އިސް ނެގި ހޮޓެލް ޗެއިނަށް ވާނެ އެވެ. އަދި މީގެ ސަބަބުން މިފަދަ މަސައްކަތްތަކަށް ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތް ކުރާ އެހެން ކުންފުނިތަކުން ވެސް ޝައުގުވެރި ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުންޏެވެ.

"ހިލްޓަން ވާނެ ރިސައިކަލް އަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ޗެއިނަށް. އަހަރެމެންގެ ބޭނުމަކީ ވެށްޓާ ރައްޓެހިކޮށް ހުރިހާ ހިދުމަތެއް ވެސް ދިނުން،" ބިލް ބުންޏެވެ. "ސައިބޯނި ރިސައިކަލް ކުރުމުގެ ޕްރޮގްރާމަކީ ދެމެހެއްޓިނިވި ގޮތަކަށް ހިލްޓަނުން ކުރިއަށް ގެންދާނެ ކަމެއް."