Roadha Mihaaru
މާޅޮހުގައި ޕްލާސްޓިކް ކޮތަޅު ރިސައިކަލް ކުރަނީ

މާޅޮހުގައި ޕްލާސްޓިކް ކޮތަޅު ރިސައިކަލް ކުރަނީ

14 އޯގަސްޓް 2017

ބ. މާޅޮހުގައި ޕްލާސްޓިކް ބޭނުންކުރުން މަދުކޮށް އެ އެއްޗެހި ރިސައިކަލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބ. މާޅޮހުގައި ޕްލާސްޓިކް ބޭނުންކުރުން މަދުކޮށް އެ އެއްޗެހި ރިސައިކަލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ މާދަމާއިން ފެށިގެން ޕްލާސްޓިކް ކޮތަޅާއި އެހެނިހެން ކުނި ވަކިކޮށްފައި ބެހެއްޓުމަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ އެއްޗެހި ރިސައިކަލް ކުރަން ނިންމާފައިވަނީ "ޕާލޭ ފޯ ދަ އޯޝަން" އާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މާޅޮހުން އެއްކުރާ ޕްލާސްޓިކް ޕާލޭއިން އެންމެ ފުރަތަމަ ގެންދަން ނިންމާފައިވަނީ ކ. ތިލަފުއްޓަށެވެ. އެއަށްފަހު ތިލަފުށިން، އެ ރިސައިކަލް ކުރަން ހަމަޖައްސާފައިވާ ގައުމަކާ ހަމައަށް ގެންދާނީ ޕާލޭއިންނެވެ. އެއްވެސް އަގަކާ ނުލައި މިހާރު އެ މަސައްކަތް ފެށި ކަމުގައި ވިއަސް، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އެއްވެސް ފައިދާއަކާ ނުލައި މިހާރު މި މަސައްކަތް މި ފަށަނީ. އެކަމަކު ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދިއުމަށް، މި ކައުންސިލްގެ ސީއެސްއާރު ޕްރޮޖެކްޓުގެ ވިސްނުން ހުރީ. ޕްލާސްޓިކް މަދުކުރުމާ ގުޅޭގޮތުން ރަށުގެ ރައްޔިތުން ވެސް ހޭލުންތެރިކުރުވަމުން މި އަންނަނީ،" ޝުޖާއު ވިދާޅުވި އެވެ.

ޕާލޭއަކީ ކަނޑުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން މިހާރު ވެސް އަންނަނީ ރާއްޖެއިން އުކާލާ ޕްލާސްޓިކް ރިސައިކަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބ. މާޅޮސް

- އާބާދީ: 714 މީހުން

- ޕްރީސްކޫލުން ފެށިގެން ގްރޭޑު 10ކާ ހަމައަށް ތައުލީމް ހާސިލްކުރެވޭ

- އާމްދަނީ ހޯދުމަށް ގިނަ ފިރިހެނުން ދަނީ ރިސޯޓަށް. ފަންގިވިނުން ފަދަ މަސައްކަތުން އާމްދަނީ ހޯދުމަށް ގިނަ އަންހެނުން ތިބެނީ ރަށުގައި

- ރަށް ގިރުން ފަދަ ތިމާވެށީގެ މައްސަލަތައް ދިމާވޭ

ޝުޖާއު ވިދާޅުވީ ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ މަސައްކަތުގެ ތެރެއިން ކޮންމެ ގެއަކަށް ރީޔޫޒް ތިން ކޮތަޅު އަދި ފިހާރަތަކަށް ވެސް އޭގެ ކޮތަޅު ބަހާފައިވާނެ ކަމަށެވެ. އަދި އުއްމީދަކީ ރަށުގައި ޕްލާސްޓިކް ބޭނުންކުރާ އަދަދު ވީހާ ވެސް މަދުކޮށް އެ އެންދުން މަދުކުރުން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ސާފު މެޖޯރިޓީ އޮންނަ މާޅޮހު ކައުންސިލުން އަންނަނީ ބަދިގެ ކުނިން ކާދު ވެސް އުފައްދަމުންނެވެ. ރިސޯޓުތަކަށް އެ ވިއްކައިގެން ކައުންސިލަށް އާމްދަނީ ވެސް ލިބެ އެވެ.