Roadha Mihaaru
މާޅޮހު ރައްޔިތުން އެ ބުނަނީ "ވާނެއޭ! ވާނެއޭ!"

މާޅޮހު ރައްޔިތުން އެ ބުނަނީ "ވާނެއޭ! ވާނެއޭ!"

05 ފެބުރުއަރީ 2020

"ތިމާވެށީގެ ހިމާޔަތުގައި އަޅުގަނޑުމެން އަބަދުވެސް ތައްޔާރަށް...."

އަހުމަދު ސާއިލް އަލީ ބ. މާޅޮހުން އަހުމަދު ސާއިލް އަލީ

"ތިމާވެށީގެ ހިމާޔަތުގައި އަޅުގަނޑުމެން އަބަދުވެސް ތައްޔާރަށް...."

މިއީ ބ. މާޅޮހަށް ލަފާއިރު، އެރަށު ބަނދަރު މަތިން ފުރަތަމަ ވެސް ފެންނަ ބޯޑުގައި ލިޔެފައިވާ އިބާރާތްކޮޅެވެ. އެއީ ހަމައެކަނި ލިޔެފައިވާ ލިޔުމެއް ނޫންކަން މިރަށު ތެރޭ ހިނގާލުމުން އެނގެ އެވެ. ގިނަ ރަށްރަށުން ފެންނަ ފަދަ މަންޒަރެއް ނުފެނެ އެވެ. މަގުމަތީގައި ކުނި ބުންޏެއް ނެތެވެ.

"ފަސް އަހަރު މިވަނީ މިހެން އޮންނަތާ. ކާޅު ތުނބުން އެ ވައްޓާލާ އެއްޗެއް ނޫނީ ކުންޏެއް ނުހުންނާނެ އަޅާފައެއް،" ރަށް ސާފުތާހިރުކޮށް ބޭއްވުމަށް ރަށު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ސިފަކޮށްދެމުން ދުވަސްވީ އަންހެނަކު ބުންޏެވެ.

ބ. މާޅޮހުގައި ބަހައްޓާފައި ހުރި ބޯޑެއް، އެފަދަ ބޯޑްތައް ތިރީގައި ޑަސްބިން ވެސް ހުރޭ: ފޮޓޯ: އަހުމަދު ސާއިލް އަލީ/މިހާރު

ބ. މާޅޮހުގައި ބަހައްޓާފައި ހުރި ބޯޑެއް، އެފަދަ ބޯޑްތައް ތިރީގައި ޑަސްބިން ވެސް ހުރޭ: ފޮޓޯ: އަހުމަދު ސާއިލް އަލީ/މިހާރު

ރަށުގެ އެކި ހިސާބުތަކުގައި ތިމާވެށީގެ ހިމާޔަތުގައި ލިޔެފައިވާ ބޯޑްތައް ހަރުކޮށްފައިވެ އެވެ. އެ ބޯޑްތަކުގެ ތިރީގައި ޑަސްބިން ބަހައްޓާފައި ހުރެ އެވެ. އެގެއެއްގެ ބަޔަކު، އެ ގެ ހިމެނޭ ސަރަހައްދު އޮންނަނީ ރީތިކޮށް ކަހާ ސާފުކޮށްފަ އެވެ. ގަހުން ވެރޭ ފަތް ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ ކުންޏެއް މަގުމައްޗަކުން ނުފެނެ އެވެ.

ކުނި އެންދުން ހުއްޓާލި ފުރަތަމަ ރަށް!

ކުނީގެ މައްސަލައިގައި ޝަކުވާކޮށްލަ ކޮށްލާ ތިބުމުގެ ބަދަލުގައި އެކަން ހައްލުކުރަން އެންމެ ކުރީ ސަފުގައި ނުކުތް އެއް ރަށަކީ މާޅޮހެވެ. މީގެ ފަސް އަހަރު ކުރިން މި ރަށުގައި އެ މަސައްކަތް ފެށީ ކައުންސިލުން އިސްނެގުމުގެ މަތިންނެވެ. އިސްކޮށް ތިއްބެވީ ވެސް ކައުންސިލަރުންނެވެ.

"ފަސް ކައުންސިލަރުން ނުކުމެ ޑަސްބިން ދަމައިގެން ކުރި މަސައްކަތުން މިކަން ހަގީގަތަކަށް މިއަދު ވެފައި މިވަނީ،" ކުނިގޮނޑު ސާފުކޮށް ކްރިކެޓް މައިދާނަކަށް ހަދާފައިވާ ބިމުގައި ހުންނަވައި ވާހަކަ ދައްކަވަމުން ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވި އެވެ.

އެކި ވައްތަރުގެ ކުނި ވަކިކޮށް ކޮންޕެކްޓްކޮށްފައި: އެކުނިން އަންނަނީ ނަފާ ހޯދަމުން-- ފޮޓޯ: މިހާރު

އެކި ވައްތަރުގެ ކުނި ވަކިކޮށް ކޮންޕެކްޓްކޮށްފައި: އެކުނިން އަންނަނީ ނަފާ ހޯދަމުން-- ފޮޓޯ: މިހާރު

ރަނގަޅަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް 2014 ވަނަ އަހަރުން ފެށިހެން މާޅޮހުގައި އަންނަނީ ކުރަމުންނެވެ. އެގޮތުން އުކާލާ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން ގަސްކާނާ އުފައްދައިގެން ވިއްކަ އެވެ. އެރަށު ކުނިކޮށީގައި ކައުންސިލްގެ މުވައްޒަފުން އެ ކުނިން އުފައްދާ ގަސްކާނާ ކިލޯއެއް ދެ ރުފިޔާ ނުވަތަ ތިން ރުފިޔާއަށް ވިކެ އެވެ. ނަމަވެސް އެ ނޫން ބާވަތްތަކުގެ ކުންޏަށް އޭރު އޮތީ އަޅާނުލެވި އެވެ. އެހެން ބާވަތްތަކުގެ ކުނި އޭރު ނައްތާލަމުން ދިޔައީ ތިމާވެއްޓާ ބީރައްޓެހި ގޮތަކަށް، އަންދައިގެންނެވެ.

މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ ސޮނޭވާފުށިން ކުރިއަށް ގެންދާ "ނަމޫނާ ބ. އަތޮޅު" މަޝްރޫއުގެ ދަށުން މާޅޮހަށް މިވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބެން ފަށައިފަ އެވެ. ސޮނޭވާފުށިން "އީކޯ- ސެންޓްރޯ" ގާއިމްކޮށްދޭން ނިންމި ދަރަވަންދު އާއި ކިހާދޫގެ އިތުރުން މާޅޮހުގެ ތެރެއިން އެންމެ ބާރަށް އެ ޕްރޮޖެކްޓް ކުރިއަށް ދަނީ 730 މީހުންގެ އާބާދީއެއް އޮންނަ މާޅޮހުގަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީކޮށް ހުޅުއްވައިދެއްވި މާޅޮހު އީކޯ ސެންޓަރަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ގާއިމްކުރި މިފަދަ ފުރަތަމަ ސެންޓަރެވެ.

މިދިޔަ ސެޕްޓެމްބަރު 14 ވަނަ ދުވަހުން ފެށިގެން މާޅޮހުގައި ވަނީ ކުނި އެންދުން ހުއްޓާލައިފަ އެވެ. ސެންޓްރޯގެ މުވައްޒަފުން ގޭގެއިން ކުނި ނަގައިގެން ގެނެސް އެކި ވައްތަރުގެ ކުނި ވަކިކުރެ އެވެ. އެއަށް ފަހު އެކުނިތައް މެޝިނުން ކޮންޕެކްޓްކުރެ އެވެ. އޭގެ ފަހުން އެ ކުނިން ނަފާ ހޯދުމުގެ މަސައްކަތް ފަށަ އެވެ. އެގޮތުން އޯގޭނިކް ކުނިން އުފައްދަނީ ގަސްކާނާ އެވެ. އުކާލާފައި ހުންނަ ލަކުޑިން އުފައްދަނީ ޗާކޯލެވެ. އުކާލާ ދަނގަނޑު ކިރައިގެން ވިއްކަނީ އެވެ. ޕްލާސްޓިކް ދެނީ ޕާލޭއަށެވެ.

ކުނި އެންދުމަށް ބޭނުންކުރި ގޮނޑު މިހާރު ވަނީ މުޅިން ސާފުކޮށްލާފަ އެވެ. އެތަނަކީ މިހާރު އެކި ކުޅިވަރުތަކަށް ހާއްސަ ބިމެކެވެ. ގޮނޑެއްގެ އަސަރެއް ވެސް ނެތެވެ. ސެންޓްރޯ ހުޅުވުމުގެ ރަސްމިއްޔާތު ވެސް ބޭއްވި މިހާރު ދޮންވެލި ލައި ރީތިކޮށްފައިވާ އެ ބިމުގަ އެވެ.

އަދިވެސް ލިބޭ އެއްޗަކުން ނުހިންގޭ!

އީކޯ- ސެންޓްރޯ ހިންގަމުން އަންނަނީ ފަސް މުވައްޒަފުންނާ އެކު އެވެ. ގޭގެއިން ކުނި ނެގުމަށާއި އެކި ވައްތަރުގެ ކުނި ވަކިކުރުމުގެ އިތުރުން ކުނިން ގަސްކާނާ ހެދުމުގެ މަސައްކަތް ކުރަނީ އެ ފަސް މުވައްޒަފުންނެވެ. އެ އޮޕަރޭޝަނަށް ބޮޑު ހަރަދެއް ކައުންސިލުން ކުރަން ޖެހެ އެވެ.

ކައުންސިލްގެ ރައީސް ޝުޖާއު ވިދާޅުވި ގޮތުގައި ގަސް ކާނާ ވިއްކައިގެން މަހަކު 5،000ރ. އާއި 7،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބެ އެވެ. ޕެކޭޖިން ރަނގަޅުކޮށް ރަނގަޅަށް މާކެޓް ކުރެވިއްޖެ ނަމަ އެއަށް ވުރެ ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާޅޮހު ރައްޔިތުން ނުކުމެ ކުނި ހޮވަނީ: މިއީ ތިމާވެށީގެ ނަމޫނާއެއް

މާޅޮހު ރައްޔިތުން ނުކުމެ ކުނި ހޮވަނީ: މިއީ ތިމާވެށީގެ ނަމޫނާއެއް

އެ ރަށުގައި 90 ވަރަކަށް ގެ ހުންނައިރު ކޮންމެ ގެއަކުން ކުނި އުކާލަދެނީ މަހަކު 150ރ. އަށެވެ. ސަރުކާރުގެ މުއައްސަސާތަކާއި ސިނާއީ ތަންތަނުން ކުނި އުކާލަދެނީ މަހަކު 200ރ. އަށެވެ. އެކަމުން މަހަކު ޖުމުލަ 18،000ރ. ލިބެ އެވެ. ނަމަވެސް އެ އާމްދަނީން ކުނި ކޮށި މެނޭޖްކުރެވޭވަރު ނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.

"ހަރަދާ އަޅާބަލާއިރު ކުޑަ އެއްޗެއް ލިބެނީ. އެހެން މިވަނީ މިއީ ކުޑަ ރަށެއް ވީމަ ގޭބިސީ މަދު ވުމުން. [ސެންޓްރޯގައި އުޅޭ] ބިދޭސީންގެ ހުރުމާއި ކެއުމާއި މުސާރަ އާއި ވިސާ ފީ ފަދަ ކަންކަމަށް ބޮޑު ހަރަދެއް ދޭ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުނި މެނޭޖްކުރުމަށް ކުރަން ޖެހޭ ހަރަދު ފޫބައްދަމުން އަންނަނީ ކައުންސިލްގެ ބަޖެޓުގެ ތެރެއިންނެވެ. ކުނި މެނޭޖްކުރުމަށް މާޅޮހަށް އަދިވެސް ގޮންޖެހުންތައް އެބަ ހުއްޓެވެ. މިސާލަކަށް ތެލާއި މެޑިކަލް ވޭސްޓް ރަނގަޅަށް ނައްތާލެވޭނެ ގޮތެއް އަދި ނެތެވެ.

ސޮނޭވާ އިން ދައްކަނީ ނަމޫނާއެއް!

މާޅޮހުގެ ވޭސްޓް މެނޭޖްމަންޓް ކަންތައް އެހާ ރަނގަޅަށް ހިންގުމުގެ އަސްލަކީ ސޮނޭވާއިން ވަމުން އަންނަ އެހީތެރިކަމެވެ.

އެ ރިސޯޓުން މި ރަށުގައި ހަދާފައިވާ ފެން ޕްލާންޓަކީ ވެސް ތިމާވެށީގެ ހިމާޔަތުގައި އަޅާފައިވާ ރަނގަޅު ފިޔަވަޅެކެވެ. މިރަށުގެ 80 ޕަސެންޓް ގޭބީސީތަކުގައި މިހާރު ބޭނުންކުރާ ފެނަކީ މާޅޮހުގެ ފެން ޕްލާންޓުން އުފައްދާ ފެނެވެ. މިފެން ބަންދުކޮށްފައި ހުންނަނީ އަލުން ބޭނުން ކުރެވޭ ބިއްލޫރި ފުޅީގަ އެވެ. އެ ފުޅިތަކުގައި ފެން ބަންދުކުރުމުން ރަށުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރެވިއްޖެ އެވެ.

މާޅޮހުގައި އުފައްދާ ފެން ފުޅިއެއް: އެރަށުގެ ގޭބިސީތަކާއި ހޮޓާތަކުގައި ބޭނުންކުރަނީ މި ފެން - ފޮޓޯ: މިހާރު

މާޅޮހުގައި އުފައްދާ ފެން ފުޅިއެއް: އެރަށުގެ ގޭބިސީތަކާއި ހޮޓާތަކުގައި ބޭނުންކުރަނީ މި ފެން - ފޮޓޯ: މިހާރު

ސޮނޭވާފުއްޓަކީ ތިމާވެށީގެ ހިމާޔަތުގައި ވަރަށް ކުރީގައި އުޅޭ ރިސޯޓެކެވެ. އެ ރިސޯޓްގައި 2009 އިން ފެށިގެން އަންނަނީ އީކޯ ސެންޓްރޯއެއް ހިންގަމުންނެވެ. އެއީ ކުނި ނައްތާލުމުގެ ނަމޫނާއެކެވެ. އެ ރިސޯޓުގައި ބޭކާރުވާ ހުރިހާ ކާބޯތަކެއްޗަކުން އުފައްދަނީ ގަސްކާނާ އެވެ. އެ ގަސްކާނާ ބޭނުންކޮށްގެން ގިނަ އަދަދެއްގެ ތަރުކާރީ ހައްދަ އެވެ. އުކާލާ ބިއްލޫރި، ފުނޑުކޮށްގެން އެއިން ހަދަނީ އިމާރާތްކުރަން ބޭނުންކުރާ ގަލެވެ. ލަކުޑިން ކޯލް ހަދަ އެވެ. އެހެންކަމުން ސޮނޭވާފުށީގެ އެ ނަމޫނާ މަސައްކަތް ދެން އޮތީ މުޅި ރާއްޖެއަށް ފުޅާކުރުމެވެ. ސެންޓްރޯ ގާއިމް ކުރުމަށް ސޮނޭވާއިން ތިން ރަށަށް ކޮންޕެކްޓާ މެޝިނާއި ބިއްލޫރި ކުދިކުރާ މެޝިންގެ އިތުރުން ޓެކްނިކަލް އެހީ ވާން ވެސް ވަނީ ނިންމައިފަ އެވެ.

މާޅޮހަށް އައުމުން ފުރަތަމަ ވެސް ފެންނަ ބޯޑުގައި އެވަނީ ތެދެކެވެ. ތިމާވެށީގެ ހިމާޔަތުގައި މިރަށް އޮތީ ތައްޔާރަށެވެ. އެއީ ހަމައެކަނި ލިއެލާފައި އޮތް ޖުމްލައެއް ނޫނެވެ. ރައްޔިތުންގެ އަމަލީ މަސައްކަތެވެ.