Roadha Mihaaru
މާޅޮސް، ކުނިން ނަފާ ހޯދުމުގެ އާ ހަރުފަތަކަށް

މާޅޮސް ތާރީހުގެ ތެރެއަށް، ކުނިން ނަފާ ހޯދުމުގެ އާ ހަރުފަތަކަށް

03 ފެބުރުއަރީ 2020

ކުނި އެންދުން ހުއްޓާލައި ކުނިން ނަފާ ހޯދުމަށް ބ. މާޅޮހުގައި ގާއިމްކުރި "އީކޯ- ސެންޓްރޯ" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އަހުމަދު ސާއިލް އަލީ ބ. މާޅޮހުން އަހުމަދު ސާއިލް އަލީ

ކުނި އެންދުން ހުއްޓާލައި ކުނިން ނަފާ ހޯދުމަށް ބ. މާޅޮހުގައި ގާއިމްކުރި "އީކޯ- ސެންޓްރޯ" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި މިފަދަ ސެންޓްރޯއެއް ގާއިމްކުރި ފުރަތަމަ ފަހަރެވެ.

ސޮނޭވާފުއްޓާއި އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށް ވާ ކޮމަން ސީސްއިން ކުރިއަށް ގެންދާ "ނަމޫނާ ބ. އަތޮޅު" މަޝްރޫއުގެ ދަށުން މާޅޮހުގައި ގާއިމްކުރި ސެންޓްރޯ ހުޅުވައިދެއްވީ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މި ހަފްލާގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ސޮނޭވާ ފުށީގެ ވެރިޔާ ސޯނޫ ޝިވްދަސާނީ އާއި މާޅޮހުގެ ވެރިންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މުސީބާތަކީ ކުނިން އަރައި ނުގެނެވުން ކަމަށެވެ.

"ފަރުތަކުގެ މައްޗަށް ކުނި ގަދަވެއްޖެ. ގޮނޑުތަކުގެ މައްޗަށް ގަދަވެއްޖެ. ރަށުތެރެ މުޅިން ހަރާބުކޮށްފި،" ނަޝީދު ވިދާޅުވި އެވެ.

ސެންޓްރޯގައި ކުނި ކޮންޕެކްޓްކޮށް ބަހައްޓާފައި: މިރަށުގައި މިހާރު ކުނި އެންދުން ވަނީ ހުއްޓާލާފައި-- ފޮޓޯ: އަހުމަދު ސާއިލް އަލީ/މިހާރު

ސެންޓްރޯގައި ކުނި ކޮންޕެކްޓްކޮށް ބަހައްޓާފައި: މިރަށުގައި މިހާރު ކުނި އެންދުން ވަނީ ހުއްޓާލާފައި-- ފޮޓޯ: އަހުމަދު ސާއިލް އަލީ/މިހާރު

ތާރީހަށް ބަލާލައްވައި އެމަނިކުފާނު ވިދާޅުވީ 1960ގެ އަހަރުތަކުގައި ރާއްޖޭގައި ކުނި ނޫފެދޭ ކަމަށެވެ. ކުނި ގިނަވާން ފެށީ ރެޑީމޭޑް ތަކެތި ރާއްޖެ އެތެރެކުރަން ފެށި ފަހުން ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު މާޅޮހުން މިއަދު ނާމޫނާ ދައްކަމުން އަންނަނީ އެ ރެޑީމޭޑް ކުނިން ވެސް ސަލާމަތް ވެވޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މާޅޮހަށް މިކަން ކާމިޔާބު ކުރެވުނީ އެ ވިސްނުން ގެންގުޅޭ ކައުންސިލެއް ލިބި އެކަމަށް އެހީތެރިވާނެ ވިޔަފާރި ވެރިއެއް ވެސް ލިބުމުން ކަމަށެވެ. އަދި ރާއްޖޭގެ އެހެން ރަށްތަކަށް ވެސް އެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ވިސްނުމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީކުރުމެވެ. ކުނި މެނޭޖްކުރުން ފަދަ ކަންކަމަށް ބޭނުންވާ ބަޖެޓު، ސަރުކާރުގެ އާ ސިޔާސަތާ އެކު ހުރިހާ ކައުންސިލަށް ލިބިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސޯނޫ ވިދާޅުވީ ކުނި މެނޭޖްކުރުމުގައި މާޅޮހުން ވަނީ ނަމޫނާ ދައްކާފައި ކަމަށެވެ. ނަމޫނާ ބ. އަތޮޅު މަޝްރޫގެ ދަށުން މި ރަށުގައި ގާއިމްކުރި ފެންޕްލާންޓާ އެކު މިރަށުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ބޮޑު ތަނުން މަދު ކުރެވިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޯނޫ ވިދާޅުވި ގޮތުގައި މާޅޮހަކީ ކުނި އެންދުން ހުއްޓާލި ރާއްޖޭގެ ފުރަތަމަ ރަށެވެ. އޭގެ ސަބަބުން ސާފު ވައި ލިބި ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ކަމަށް ވެސް، ތިމާވެށި ހިމާޔަތްކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓް މެދު ކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ. އެގޮތުން ދަރަވަންދު އާއި ކިހާދޫގައި ވެސް އެ ވަސީލަތްތައް ގާއިމްކުރާނެ ކަމަށް ވިދާޅުވި އެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ މި ރަށުގައި ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް މިއަދު ގާއިމްކުރެވުނީ މީގެ ފަސް އަހަރު ކުރިން ރަށު ކައުންސިލްގެ މެމްބަރުން ކުރި މަސައްކަތުން ކަމަށެވެ. އޭރު ކައުންސިލަރުން ނުކުމެ އެކަން ކުރީ އަމިއްލައަށް ޑަސްބިން ދަމާ ހަދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަފްލާއަށް ފަހު ނަޝީދު ވަނީ ހާއްސަ ކުރިކެޓް މެޗެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. މި މެޗްގައި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ހަރުބަޖާން ސިންގް ކުޅުނެވެ. މެޗު އޮތީ މި ރަށުގައި ކުނި އެންދި އިރު ބޭނުންކުރި ކުނި ގޮނޑު އޮތް ސަރަހައްދުގަ އެވެ. މިހާރު އެއީ ސާފުކޮށްފައިވާ ރީތި ހުސް ބިމެކެވެ.

ފަސް އަހަރު ތެރޭ ބޮޑު ކާމިޔާބީއެއް

އާބާދީގައި 730 މީހުން ހިމެނޭ މި ރަށުގައި ރަނގަޅަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް 2014 އިން ފެށިގެން ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެގޮތުން އުކާލާ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން ގަސްކާނާ އުފައްދައިގެން ވިއްކަ އެވެ. އެ މަސައްކަތް އިތުރަށް ފުޅާވީ ސޮނޭވާގެ އެހީގައި ގާއިމްކުރި ސެންޓްރޯއާ އެކު އެވެ.

މިރަށު ގޭގެއިން ކުނި ނަގައިގެން ސެންޓްރޯއަށް ގެންދިއުމުގެ ހިދުމަތް ކައުންސިލުން ދެ އެވެ. ސެންޓްރޯއަށް ކުނި ގެންގޮސް އެކި ވައްތަރުގެ ކުނި ވަކިކުރެ އެވެ. އެއަށް ފަހު އެ ކުނިތައް އަލުން ބޭނުން ކުރުމަށް ބަދަލުތައް ގެންނަނީ އެވެ.

ސެންޓްރޯގެ މަސައްކަތްތައް ނަޝީދާއި މެހެމާނުން ބައްލަވާ ލައްވަނީ: މިއީ ރާއްޖޭގެ ރަށެއްގައި ހުޅުވި މިފަދަ ފުރަތަމަ ތަން

ސެންޓްރޯގެ މަސައްކަތްތައް ނަޝީދާއި މެހެމާނުން ބައްލަވާ ލައްވަނީ: މިއީ ރާއްޖޭގެ ރަށެއްގައި ހުޅުވި މިފަދަ ފުރަތަމަ ތަން

އުކާލާ ކާބޯތަކެތީގެ އިތުރުން، އިތުރު ބާވަތްތަކުގެ ކުނިން ވެސް މިހާރު މިވަނީ ނަފާ ހޯދަން ފަށައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މި ރަށުގައި ކުނި އެންދުން ވަނީ ހުއްޓާލައިފަ އެވެ.

ގަސްކާނާގެ އިތުރުން އުކާލާ ލަކުޑީގެ ބާވަތްތަކުން ޗާކޯލް ހަދަ އެވެ. ޕްލާސްޓިކް ކުނި ޕާލޭއަށް ހަދިޔާ ކުރާއިރު ދަގަނޑުގެ ބާވަތްތައް ވިއްކާލަނީ އެވެ.

އެކި ވައްތަރުގެ ކުނި ވަކިކުރުމަށް ފަހު ކޮންޕެކްޓް ކުރުމަށް ހާއްސަ މެޝިނާއި ބިއްލޫރި ފުޅި ކުދިކުރުމަށް ހާއްސަ ގްލާސް ކްރެޝާ ފަދަ މެޝިންތައް ސޮނޭވާ ފުށިން ވަނީ ހަދިޔާކޮށްފަ އެވެ. އަދި ރިސައިކަލް ކުރުމަށް ކުނި ގެންދިއުމުގެ އިންތިޒާމު ވެސް ސޮނޭވާފުށިން ހަމަޖައްސައިދެ އެވެ.

ނަމޫނާ ބ. އަކީ ކޮން މަސައްކަތެއް؟

ސޮނޭވާފުއްޓާއި ކޮމަން ސީސްގެ އިތުރުން މި އަތޮޅު ކިހާދު އާއި ދަރަވަންދޫ އަދި މާޅޮސް ގުޅިގެން ކުރިއަށް ގެންދާ "ނަމޫނާ ބ." ހަރަކާތް ފެށީ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށެވެ. އެ ހަރަކާތުގެ ދަށުން މި ތިން ރަށުގައި ސެންޓްރޯތައް ހަދަން ވަނީ ނިންމާފަ އެވެ. މިއަދު މާޅޮހުގައި ހުޅުވި ސެންޓްރޯއަކީ އެ މަޝްރޫގެ ދަށުން ހުޅުވި ފުރަތަމަ ސެންޓްރޯ އެވެ.

ސެންޓްރޯގެ އިތުރުން މި ތިން ރަށުގައި ފެން އުފައްދާ ޕްލާންޓްތައް ވެސް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ޕްލާންޓް މިހާރު ވަނީ މިރަށުގައި ގާއިމްކޮށްފަ އެވެ. ބިއްލޫރި ފުޅީގައި އެ ތަނުން ފެން ފޯރުކޮށްދޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެއާ އެކު މި ރަށުގައި ބޭނުން ކުރާ ޕްލާސްޓިކް ވަނީ ބޮޑުތަނުން މަދުކުރެވިފަ އެވެ.

ކުނި ރިސައިކަލްކުރާ ސެންޓްރޯއެއް މީހުން ދިރިއުޅޭ ރަށެއްގައި ފުރަތަމަ ފަހަރަށް ގާއިމްކޮށްފައި މިވަނީ މި ކޮންސެޕްޓް ސޮނޭވާފުށީގައި ހިންގާތާ ދުވަސްތަކެއް ފަހުންނެވެ. އެ ރިސޯޓުގެ ވިސްނުމަކީ އެ ކާމިޔާބު ކޮންސެޕްޓް މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ވެސް ކުރިއަށް ގެންދިއުމެވެ.