Roadha Mihaaru
އެމްއޭސީއެލްގެ ބޯޑަށް އިބްރާހިމް ނޫރައްދީން

އެމްއޭސީއެލްގެ ބޯޑަށް އިބްރާހިމް ނޫރައްދީން އައްޔަންކޮށްފި

17 މާޗް 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް އިބްރާހިމް ނޫރައްދީން މިދިޔަ ހަފުތާގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައްޔަން ކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް އިބްރާހިމް ނޫރައްދީން މިދިޔަ ހަފުތާގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައްޔަން ކޮށްފި އެވެ.

އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ކުންފުނީގެ ޗެއާމަނެވެ. އެކަމަކު ޖޫން 28، 2010 ގައި އިބްރާހިމް ނޫރައްދީން އެ މަގާމުން ވަކިކުރެއްވީ އެއާޕޯޓު ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގެ ކުރިން އެއްބަސްވުން އިވެލުއޭޓު ކުރުމުގައި ހިނގައި ދިޔަ ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.

އެއާޕޯޓު ހިންގުން ޖީއެމްއާރާ ހަވާލުކުރުމަށްޓަކައި އެމްއޭސީއެލްގެ ބޯޑު ރިޒޮލިއުޝަން ނުވަތަ ބޯޑުގެ ހުއްދައިގެ ގަރާރުގައި އޭރުގެ ޗެއާމަންގެ ހައިސިއްޔަތުން އިބްރާހިމް ނޫރައްދީން ސޮއެއް ނުކުރެއްވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ޖީއެމްއާރުގެ އެއްބަސްވުމުގައި ބުނާ ވާހަކަތައް އެނގިވަޑައިނުގަތުމާއި އެ ދިރާސާ ކުރުމަށް ވެސް އެކަށީގެންވާ ވަގުތު ނަޝީދުގެ ސަރުކާރުން ދީފައި ނެތުމެވެ.

އެހެންވެ، ޖީއެމްއާރުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިބްރާހިމް ނޫރައްދީން އެމްއޭސީއެލްގެ ޗެއާމަންކަމުން ވަކިކުރައްވައި އެ މަގާމަށް ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އައްޔަން ކުރެއްވުމަށް ފަހު އެވެ. އަވަސް އަރުވާލައިގެން އަދި ކުއްލި ގޮތަކަށް ޖީއެމްއާރުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ވެސް މިހާރު އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމުގައި ހުންނެވި ބަންދު އިބްރާހިމް ސަލީމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝިދާ އެކު ޖީއެމްއާރާއި މެލޭޝިއާ އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަނީ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝިދާ އެކު ޖީއެމްއާރާއި މެލޭޝިއާ އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަނީ.

ޖީއެމްއާރުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރުމުގެ ކުރިން، އިބްރާހިމް ނޫރައްދީންގެ އިތުރުން ބޯޑުގައި ހިމެނިވަޑައިގެންނެވި ހުސެއިން ސިރާޖާއި މުހައްމަދު އަމީން ވެސް ނަޝީދުގެ ސަރުކާރުން އެ ބޯޑުން ވަކިކުރެއްވި އެވެ.

"އަޅުގަނޑު ދައުލަތުގެ އެހާ ބޮޑު ކަމެއްގައި ހަވާލުވެ ހުރެ އެ ދިޔަ ގޮތެއް ނޭނގޭ އެއްޗެއްގައި ސޮއިކޮށްފައި ދިނުން އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދުނީ. އުނދަގޫތަކެއް ދިމާވީ. އެއްވެސް މައުލޫމާތެއް ނެތި ބޯޑުގެ ރިޒޮލިއުޝަންގައި ސޮއިކުރަން އަޅުގަނޑުގެ ވިސްނުން ތަން ނުދިނީ. އެ ނޫން އެއްވެސް ކަމެއް ނެތް،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުކަން ކުރައްވާފައިވާ އިބްރާހިމް ނޫރައްދީން އެ ދުވަސްވަރު "ހަވީރު" އަށް ވިދާޅުވެފައި ވެ އެވެ.

ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ ސަބްރާ އިބްރާހިމް ނޫރައްދީންގެ ބައްޕަ އިބްރާހިމް ނޫރައްދީން ކުރިން ވިދާޅުވެފައި ވަނީ ޖީއެމްއާރުގެ އެއްބަސްވުމުގެ އިވެލުއޭޝަންގެ ކަންތައްތަކުގައި ވެސް އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުން ބައިވެރި ނުކުރާ ކަމަށެވެ. ހަމައެކަނި ބޯޑުގެ މެމްބަރުން ބައިވެރިވީ އޮބްޒާވަރުންގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

އިބްރާހިމް ނޫރައްދީން ވަނީ 2005 ވަނަ އަހަރުން ފެށިގެން އޮކްޓޫބަރު 2008 އާ ހަމައަށް ވެސް އެމްއޭސީއެލްގެ ބޯޑު މެމްބަރުކަން ކުރައްވައިފަ އެވެ. އަދި ނަޝީދުގެ ސަރުކާރުގައި ޑިސެމްބަރު 2008 ން ފެށިގެން ޖޫން 28، 2010 އާ ހަމައަށް އޭނާ ހުންނެވީ އެ ބޯޑުގެ ޗެއާމަންގެ މަގާމުގަ އެވެ

އެމްއޭސީއެލްގެ ބޯޑަށް އިބްރާހިމް ނޫރައްދީން މި އައްޔަން ކުރެއްވީ، އެންމެ ފަހުން އެ ބޯޑަށް ހަމަޖައްސާފައިވާ އަހުމަދު ލަތީފްގެ ބަދަލުގަ އެވެ.

އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބަވަނީ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) އާއި އެ ކުންފުނި މިވަގުތު ހިންގަވާ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހާއި އިބްރާހިމް މަހްފޫޒާއި މުހައްމަދު އަބްދުއްސައްތާރު އަދި އިބްރާހިމް ނޫރައްދީނެވެ.