Roadha Mihaaru
ވޯޓުކަރުދާހުގައި ނުބައިފާހަގަ ނުޖެހުމަށް އީސީން އެދިއްޖެ

ވޯޓު ކަރުދާހުގައި ނުބައި ފާހަގަ ނުޖެހުމަށް އީސީން އެދިއްޖެ

12 މާޗް 2019

އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ރަނގަޅު ފާހަގަ ފިޔަވައި އިތުރު ފާހަގައެއް ނުޖެހުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ރަނގަޅު ފާހަގަ ފިޔަވައި އިތުރު ފާހަގައެއް ނުޖެހުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި އިރު، އެ އިސްލާހުގައި ވަނީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ބާތިލް ވާނެ ކަމަށެވެ. ގާނޫނުގައިވާ ގޮތުން، މީގެ ކުރިން ވޯޓު ކަރުދާސްތަކުގައި ކުރެހި ނަމަވެސް އެ ވޯޓު ކަރުދާހެއް ބާތިލެއް ނުވާނެ އެވެ.

އެކަމަކު، މިހާރު ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކެންޑިޑޭޓު ނަމުގައި ރަނގަޅު ފާހަގަ ޖެހުމަށް ފަހު، އެހެން ކެންޑިޑޭޓުންގެ ދިމާލުގައި ނުބައި ފާހަގަ ނުވަތަ ރަސްގެ ޖެހިޔަސް ވޯޓު ބާތިލްވާނެ އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ރައީސް ތަސްދީގު ކުރެއްވި އިސްލާހު ތަންފީޒު ކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބަށް މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވިޔަސް، އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާހު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓް ވަނީ ޝާއިއުކޮށްފަ އެވެ. އެހެންކަމުން، އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިޚާބުގައި، އިސްލާހަށް އަމަލުކުރުން އީސީގެ މައްޗަށް ލާޒިމް ވާނެ އެވެ.

ގިޔާސުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަށް ގުނުމަށް ތައްޔާރުވެފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ގިޔާސުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަށް ގުނުމަށް ތައްޔާރުވެފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އަކްރަމް ވިދާޅުވި ގޮތުގައި، މަޖިލިސް އިންތިޚާބަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް، އިންތިޚާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ގިނަ ވޯޓުތަކެއް ބާތިލްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، އިސްލާހު ގެނައުމުން އާންމުން ހޭލުންތެރިކުރުވަން ދަތިތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނުން ވަރަށް ޒަމާން ވަންދެން އިންތިޒާރު ކުރި ބަދަލެއް މިއީ. އެކަމަކު، އިސްލާހު މި އައީ އިންތިޚާބެއް ކުޑަތަންވެފައި ވަނިކޮށްވީމަ ދަތިވަނީ،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގައި ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް އިސީ އިން އުންމީދު ކުރާ ކަމަށެވެ.

މަޖިލިސް އިންތިޚާބަށް އާންމުން ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތަކެއް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ހިންގަމުންނެވެ.

ސ. ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު މަޖިލިހަށް ހުށަހެޅުއްވި އިސްލާހު މީގެ ކުރިން އެތައް ފަހަރަކު މަޖިލިހުގައި ވަނީ ފެއިލްވެފަ އެވެ. ޝާހިދުގެ އިސްލާހު ފާސްކުރީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ވޯޓާ ވެސް އެކުގަ އެވެ.

ގާނޫނަށް އިސްލާހު ގެންނަން ނިންމި ސަބަބެއްގެ ގޮތުގައި ޝާހިދު ވިދާޅުވީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓު ދޭ ފަރާތް އެނގޭނެހެން އިތުރު އެހެން ފާހަގަ ޖަހައި ނުވަތަ ކުރެހުމުން ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ހާލަތްތައް މެދުވެރިވާ ކަމަށެވެ.