Roadha Mihaaru
ހަމެލްސް، ބޯޓެން އަދި މުލާ އަށް ފުރުސަތެއް ނެތް

ހަމެލްސް، ބޯޓެން އަދި މުލާ އަށް ފުރުސަތެއް ނެތް

06 މާޗް 2019

މިއުނިކް (މާޗް 6) - ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުން ތަޖުރިބާކާރު ތިން ކުޅުންތެރިން ކަމަށްވާ ބަޔާން މިއުނިކްގެ މެޓް ހަމެލްސް، ޖެރޯމް ބޯޓެން އަދި ތޯމަސް މުލާ އަށް ފުރުސަތެއް ނެތް ކަމަށް ކޯޗު ޔަކީމް ލޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (މާޗް 6) - ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުން ތަޖުރިބާކާރު ތިން ކުޅުންތެރިން ކަމަށްވާ ބަޔާން މިއުނިކްގެ މެޓް ހަމެލްސް، ޖެރޯމް ބޯޓެން އަދި ތޯމަސް މުލާ އަށް ފުރުސަތެއް ނެތް ކަމަށް ކޯޗު ޔަކީމް ލޯ ބުނެފި އެވެ.

މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނަށް ފާއިތުވި އަހަރު ގިނަ އުނދަގޫ ހާލަތްތަކެއް ކުރިމަތިވި އެވެ. ވޯލްޑް ކަޕަށް ފަހު އާސެނަލްގެ މިޑްފީލްޑަރު މެސުޓް އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، ޔުއެފާ އިން އަލަށް ފެށި ނޭޝަންސް ލީގުން ކަޓައި ދެ ވަނަ ކެޓަގަރީ އަށް ވަނީ ރެލިގޭޓްވެފަ އެވެ.

ދަށް ނަތީޖާތަކަށް ފަހު ޖަރުމަނު ޓީމު އަލުން އާރާސްތު ކުރަން މަސައްކަތްކުރުމުގެ މަސައްކަތް ފަށާނީ ކުރިއަށް އޮތް ޔޫރޯ ކޮލިފައިން އިން ކަމަށް އެ ޓީމުގެ ކޯޗު ލޯ ވަނީ މީގެ ކުރިން ބުނެފަ އެވެ. އެ ގޮތުން ހަމެލްސް އާއި ބޯޓެން އަދި މުލާ ޓީމުން ބާކީކުރަން ނިންމުމާ އެކު ގިނަ ބަޔަކަށް ލިބުނީ ހައިރާންކަމެކެވެ.

"މި އަހަރު ވެގެންދާނީ ޖަރުމަނު ފުޓްބޯޅަ އަށް ބޮޑު ބަދަލެއް ގެންނާނެ އަހަރަކަށް. ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކިގެން އަހަރެން ބަޔާން މިއުނިކުގައި ތިބި ސީނިއާ ކުޅުންތެރިންނަށް އެންގީ އެ މީހުން އަހަރެންގެ ޕްލޭނުގައި ނެތްކަން،" 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕުގެ ނިޔަަލަށް ޖަރުމަނާ އެކު ދާދި ފަހުން ކޮންޓްރެކްޓް އާ ކުރި ލޯ ބުންޏެވެ.

ބޯޓެން އާއި ހަމެލްސް އަށް އަދި 30 އަހަރެވެ. އެ ދެ ކުޅުންތެރިން ވަނީ އެކުގައި ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފަ އެވެ. އަދި އުމުރުން 20 އަހަރުގައި ޖަރުމަނުގެ ގައުމީ ޓީމުން ފުރުސަތު ހޯދައި މުހިއްމު ގޯލުތަކެއް ޖެހި މުލާ އަށް އަދި 29 އަހަރެވެ.

މީފެ ފަސް އަހަރު ކުރިން ޖަރުމަނަށް ވޯލްޑް ކަޕް ތަށި ހޯދައިދިން ޓީމުގައި ހިމެނޭ ތިން ކުޅުންތެރިން ބާކީކުރަން ލޯ ނިންމުމުން މިއީ ޖަރުމަނު ފުޓްބޯޅަ އަށް ގޯސް އަސަރުތަކެއް ކޮށްފާނެ ނިންމުމެއްކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ. އެހެން ނަމަވެސް އެކަމާ ލޯ އެއްބަހެއް ނުވެ އެވެ.

"ބަދަލު ގެންނަން ޖެހޭ ވަގުތު އެކަން ކުރަން އަހަރެން މި ހުރީ. ފާޑުކިޔުންތައް ހުންނާނެ،" މީޑިއާގައި ދެކެވޭ ވާހަކަތަކާ ބެހޭގޮތުން ލޯ ބުންޏެވެ.

ޔޫރޯ ކޮލިފައިންގައި ޖަރުމަނު ކުޅޭ ފުރަތަމަ މެޗުގައި މި މަހު 24 ވަނަ ދުވަހު ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. ލޯ ބުނީ މި މެޗުން މޮޅުވެ ރަނގަޅު ފެށުމެއް ބޭނުންވާ ކަމަށެވެ.

"އަހަރެމެން މި ދެނީ ވަރަށް ރަނގަޅު ސިގްނަލެއް ޒުވާން ކުޅުންތެރިންނަށް. އެ ކުޅުންތެރިން ކުރިއަށްދާން ފުރުސަތުތަކެއް މި ދެނީ. ޒުވާނުންނަށް އިތުބާރުކޮށްގެން އަހަރެމެންނަށް ކޮންފެޑެރޭޝަން ކަޕް ވެސް ކާމިޔާބު ކުރެވިއްޖެ. ދެން ވެސް ކުރިއަށްދެވޭނެ،" ލޯ ބުންޏެވެ.

ލޯ އަށް އެންމެ ބޮޑަށް ފާޑުކިޔާ އަނެއް ސަބަބަކީ ބާސެލޯނާގެ އެއް ވަނަ ކީޕަރު މާކް އަންދްރޭ ސްޓެގެން އަށް ފުރުސަތު ނުދީ ގިނަ މެޗުތަކުގައި ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އަށް ޓީމުން ޖާގަ ދޭތީ އެވެ.

"މިދިޔަ އަހަރުގައި ޓީމުގެ އެއް ވަނަ ކީޕަރެއްގެ ގޮތުގައި ހުރީ ނޯޔާ. އޭގެ މާނަ އަކީ ސްޓެގެން އަށް ފުރުސަތު ނެތީއެއް ނޫން. މި އަހަރު ސްޓެގެން އަށް ގިނަ ފުރުސަތު ދޭނަން،" ލޯ ބުންޏެވެ.

ޓީމުން ބާކީކުރުމުން ބޯޓެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ލިބުނު ހިތްދަތި ހަބަރެއް ކަމަށާއި އެހެން ނަމަވެސް ކޯޗުގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށެވެ. ބޯޓެން ގައުމީ ޓީމުން ވަކިކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އޮޒިލް ވަނީ ޓްވީޓެއް ކޮށްފަ އެވެ.