Roadha Mihaaru
ޓީމުން ބާކީކުރުމަކީ ޒާތީ ނިންމުމެއް ނޫން: ހަމެލްސް

ޓީމުން ބާކީކުރުމަކީ ޒާތީ ނިންމުމެއް ނޫން: ހަމެލްސް

28 މާޗް 2019

މިއުނިކް (މާޗް 28) - މީގެ ތިން ހަފްތާ ކުރިން އޭނާ ޖަރުމަނުގެ ގައުމީ ޓީމުން އެއްކޮށް ބާކީކުރަން އެ ޓީމުގެ ކޯޗު ޔަކީމް ލޯ ނިންމި ނިންމުމަކީ ޒާތީ ނިންމުމެއްގެ ގޮތުގައި ނުދެކޭ ކަމަށް ޖަރުމަނުގެ ތަޖުރިބާކާރު ޑިފެންޑަރު މެޓް ހަމެލްސް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (މާޗް 28) - މީގެ ތިން ހަފްތާ ކުރިން އޭނާ ޖަރުމަނުގެ ގައުމީ ޓީމުން އެއްކޮށް ބާކީކުރަން އެ ޓީމުގެ ކޯޗު ޔަކީމް ލޯ ނިންމި ނިންމުމަކީ ޒާތީ ނިންމުމެއްގެ ގޮތުގައި ނުދެކޭ ކަމަށް ޖަރުމަނުގެ ތަޖުރިބާކާރު ޑިފެންޑަރު މެޓް ހަމެލްސް ބުނެފި އެވެ.

އުމުރުން 30 އަހަރުގެ ހަމެލްސް އާއި އޭނާއާ އެކު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖެރޯމް ބޯޓެން އަދި ތޯމަސް މުލާ ގައުމީ ޓީމުން ބާކީކުރިކަން ލޯ އިއުލާނުކުރީ ކުއްލިއަކަށް މީޑިއާ އިންޓަވިއުއެއް މެދުވެރިކޮށެވެ. އެ ނިންމުމާ މެދު ޖަރުމަނު ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ފާޑުކިއުމާ ގުޅިގެން ލޯ ބުނީ އެ ނިންމުމަކީ ޖަރުމަނު ފުޓްބޯޅައިގެ މުސްތަގުބަލަށްޓަކައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

"އެހެން މީހުން ހިތްހަމަނުޖެހޭ ކަންތައްތައް ބައެއް ފަހަރު އަހަންނަށް ވެސް ކުރެވޭ. އެހެންވީމަ އަހަރެން ހިތްހަމަ ނުޖެހޭ ކަންތައްތައް އެހެން މީހުންނަށް ވެސް ކުރެވިފައި ހުންނާނެ. އޭގެ އަސަރު އަހަންނަށް ވެސް ކުރާނެ،" ޖަރުމަނު ގައުމީ ޓީމުން ވަކިކުރުމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަމުން ހަމެލްސް ބުންޏެވެ.

ޖަރުމަނު ފެޑެރޭޝަނުން ވެސް ގައުމީ ޓީމުން ބާކީކުރިކަން ކުރިން އަންގާފައިނުވާއިރު، ލޯ ކަންތައްތައްކުރީ އެންމެ ޕްރޮފެޝަނަލް އުސޫލުން ނޫން ކަމަށް މުލާ ވަނީ ބުނެފަ އެވެ. އަދި މުލާގެ ވާހަކަތަކަށް ތާއީދުކޮށް ހަމެލްސް ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.

"އޭނަ (ލޯ) އަށް އަހަރެމެން ގާތުގައި އެ ވާހަކަ ދައްކާނެ ގޮތެއް ނުވިސްނުނީ ކަމަށް ބެލެވެނީ. އެކަމަކު އަހަރެމެން ތިން ކުޅުންތެރިންނަކީ ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެ. ކާމިޔާބީތަކެއް ވެސް ހޯދި ކުޅުންތެރިން. އެހެންވީމަ އަހަރެމެން ޓީމުން ވަކިކުރީ އިހުތިރާމް ކުޑަކޮށްކަމަށް ބެލެވޭނެ ޖާގަ އެބައޮތް،" ހަމެލްސް ބުންޏެވެ. "އެކަމަކު އެއީ ޒާތީ ނިންމުމެއް ކަމަށް އަހަރެން ނުދެކެން."

ޖަރުމަނު ފުޓްބޯޅައިގައި އެންމެ ބޮޑު މައްސަލަތައް ދިމާވަން ފެށީ މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކެޓި ހިސާބުންނެވެ. އޭގެ ފަހުން އެ ޓީމަށް ދިމާވި މައްސަލަތަކުން އަދިވެސް އެއްކޮށް އަރައި ނުގަނެވެ އެވެ. ޔުއެފާ އިން ދާދި ފަހުން ފެށި ނޭޝަންސް ލީގުގައި ވެސް ޖަރުމަނުގެ ނަތީޖާތަށް ދަށްވިއިރު، އެ ޓީމު ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.

ހަމެލްސް ބުނީ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ނުކެޓިނަަމަ ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވާނެ ކަމަށާއި އޭގެ އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރާ އެއް ކަންތައް އެބައޮތް ކަމަށެވެ.

"އަބަދުވެސް އަހަރެން ރަހުމަތްތެރިން ގާތުގައި މި ދައްކާ ވާހަކަ އަކީ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖު ފަހު މެޗުގައި ދެކުނު ކޮރެއާ ކޮޅަށް ގޯލު ޖަހަން އަހަންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިނަމަ އަހަރެމެން ގްރޫޕް ސްޓޭޖުން ނުކަޓާނެ. އެހެން އެކަން ވި ނަމަ ވަރަށް ގިނަ ކަންތައްތައް ބަދަލުވާނެ. އެއީ އަހަރެން އަމިއްލަ ނަފުސު ކުށްވެރިކުރެވޭ ސަބަބެއް،" ހަމެލްސް ބުންޏެވެ.