Roadha Mihaaru
ސަގާފީތަރިކައިގެ ލިސްޓަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

ސަގާފީ ތަރިކައިގެ ލިސްޓަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

05 މާޗް 2019

ރާއްޖޭގެ ސަގާފީ ތަރިކައިގެ ލިސްޓަށް ހިޔާލު ހުށަހަޅަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން ހުޅުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގެ ސަގާފީ ތަރިކައިގެ ލިސްޓަށް ހިޔާލު ހުށަހަޅަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން ހުޅުވާލައިފި އެވެ.

މި ލިސްޓު އެކުލަވާލާފައި ވަނީ ދިވެހި ތާރީހު ދިރާސާކުރާ މީހުންގެ ފޮތްތަކާއި ރަށު ކައުންސިލްތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ލިސްޓަށް ހިޔާލު ހުށަހަޅަން ހުޅުވާލީ އޭގައި ހިމެނޭ ތަރިކަތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކަ އެވެ.

އޮންލައިން ފޯމެއް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މި ލިސްޓަށް ހިޔާލު ހުށަހެޅޭނެ އެވެ.

ޖުމްލަ 460 ތަރިކަ އެކުލަވާލާފައިވާ މި ލިސްޓުގައި އެ ތަރިކަ އަށް ކިޔާ ނަމާއި، އެތަނެއް ހުރި އަތޮޅާއި ރަށުގެ އިތުރުން އެއީ ކޮންބާވަތެއްގެ ތަރިކަ އެއްކަމާއި ކުރު ތަފްސީލެއް އެކުލަވާލާފައި ވެ އެވެ. އާސާރީ ތަރިކަ ބަހާލައިފައިވާ ކެޓަގަރީތަކުގެ ތެރޭގައި ތަކެތި، އިމާރާތް، ބިނާ، ސަރަހައްދު، ގަސްގަހާގެހި އަދި މީހުން ވަޅުލާފައިވާ ތަންތަން ހިމެނެ އެވެ.

އެ މިނިސްޓްރީން ވަނީ އާސާރީ ތަރިކަތައް ހިމާޔަތްކުރާ ބިލް ނިމިއްޖެ ކަމަށް އިއްޔެ ބުނެފަ އެވެ. މި ބިލުގައި ހިމާޔާތްކޮށްފައިވާ ތަންތަނަށް ގެއްލުންދޭ މީހުންނަށް އަދަބުދެވޭނެ އުސޫލު ހިމެނޭނެ ކަމަށް އެ ތަނުން ބުންޏެވެ.