Roadha Mihaaru
ލަންކާ ޔުނިވާސިޓީއެއްގެ ކެމްޕަހެއް ރާއްޖޭގައި ހަދަނީ

ލަންކާ ޔުނިވާސިޓީއެއްގެ ކެމްޕަހެއް ރާއްޖޭގައި ހަދަނީ

21 ފެބުރުއަރީ 2019

ސްރީލަންކާގެ ޕެރަޑެނިޔާ އެންޑް މޮރަޓުވާ ޔުނިވާސިޓީގެ ކެމްޕަހެއް ރާއްޖޭގައި ގާއިމްކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްރީލަންކާގެ ޕެރަޑެނިޔާ އެންޑް މޮރަޓުވާ ޔުނިވާސިޓީގެ ކެމްޕަހެއް ރާއްޖޭގައި ގާއިމްކުރަން ނިންމައިފި އެވެ.

އެ ގައުމުގެ ސިޓީ ޕްލޭނިން، ވޯޓާ ސަޕްލައި އެންޑް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ރައުފް ހަކީމްއާ ހަވާލާދީ ލަންކާގެ ނޫހަކުން ބުނީ، ރާއްޖޭގެ ރަށެއްގައި ޕެރަޑެނިޔާ އެންޑް މޮރަޓުވާ ޔުނިވާސިޓީގެ ކެމްޕަސް ގާއިމްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

އޭނާ އެހެން ވިދާޅުވީ ކޭންޑީގެ ބޭއްވި ސްޕޯޓްސް މީޓެއް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ރައުފް ވިދާޅުވީ ރާއްޖޭގައި މޮރަޓުވާ ޔުނިވާސިޓީގެ ކެމްޕަހެއް އެޅުމުގެ ޕްރޮޕޯޒަލް، މި މަހުގެ ކުރީކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަންކާއަށް ވަޑައިގަތުމުން ހިއްސާކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އެކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

"ޑިގްރީގެ ފުރަތަމަ ދެ އަހަރު ދިވެހި ދަރިވަރުން ކިޔަވާނީ ރާއްޖޭގައި. ބާކީއޮތް ދެ އަހަރު ފުރިހަމަކުރާނީ ލަންކާގައި ކަމަށް އެއްބަސްވެވިފައި މި އޮތީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އަމިއްލަ ބައެއް ކޮލެޖުތަކުގައި މިހާރު ވެސް ބޭރުގެ ކޯސްތައް ހިންގަ އެވެ. ނަމަވެސް ބޭރުގެ ޔުނިވާސިޓީ ނުވަތަ ކޮލެޖެއްގެ ކެމްޕަހެއް އަދި ހުޅުވާފައި ނުވެ އެވެ.

މީގެ 47 އަހަރު ކުރިން ގާއިމްކުރި ޔުނިވާސިޓީގައި އަންޑަގްރެޖުއޭޓަށް 7،000 ދަރިވަރުން އަދި ޕޯސްޓްގްރެޖުއޭޓަށް 2،500 ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.