Roadha Mihaaru
މިހާރު އޮތް ޔުނިވާސިޓީ ކައުންސިލް އަދި ދެމި އޮންނާނެ

މިހާރު އޮތް ޔުނިވާސިޓީގެ ކައުންސިލް، އާ ކައުންސިލް އުފެއްދުމާ ހަމައަށް ދެމި އޮންނާނެ

07 އޯގަސްޓް 2019

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ނަމަވެސް އާ ކައުންސިލް އުފެއްދުމާ ހަމައަށް މިހާރު އޮތް ދެ ކައުންސިލް ދެމި އޮންނާނެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ނަމަވެސް އާ ކައުންސިލް އުފެއްދުމާ ހަމައަށް މިހާރު އޮތް ދެ ކައުންސިލް ދެމި އޮންނާނެ އެވެ.

ދެ ޔުނިވާސިޓީގެ ހިންގުން އެއްގޮތް ކުރުމުގެ މަގުސަދުގައި، އެ ދެ ތަން ހިންގުމުގެ ގާނޫނަށް މަޖިލީހުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ރައީސް އައްޔަންކުރައްވާނީ ހަމައެކަނި ދެ ޔުނިވާސިޓީގެ ޗާންސެލަރާއި ވައިސް ޗާންސެލާ އެވެ.

ޑެޕިއުޓީ ވައިސް ޗާންސެލާ އައްޔަންކުރުމުގެ ބާރު، އެ ގާނޫނަށް އަލަށް ގެނައި އިސްލާހުން ދީފައިވަނީ ޔުނިވާސިޓީ ކައުންސިލަށެވެ. އެ އިސްލާހު މިދިޔަ ހޯމަ ދުވަހު ރައީސް ވަނީ ތަސްދީގުކުރައްވައިފަ އެވެ.

މިހާރު އެ މަގާމުތަކުގައި ތިއްބެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްޔަންކުރެއްވި ބޭފުޅުންނެވެ.

އަލަށް އުފެދޭ ޔުނިވާސިޓީ ކައުންސިލުން ވަކި ގޮތެއް ނިންމަންދެން، އެމްއެންޔޫގައި މިވަގުތު ތިއްބެވި ޑެޕިއުޓީ ދެ ވައިސް ޗާންސެލަރުން ކަމުގައިވާ، ޑރ. މުއާވިޔަތު މުހައްމަދު އަދި އައިޝަތު ޝާހީން އެ މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައަޅައި އެ ޔުނިވާސިޓީން އިއްޔެ ގަރާރެއް ފާސްކޮށްފައިވެ އެވެ. އެގޮތަށް ނިންމީ، އޭގައި ބުނެފައިވާ ގޮތުގައި، ޔުނިވާސިޓީގެ މަސައްކަތްތައް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށެވެ.

މީގެ ކުރިން ގައުމީ ޔުނިވާސިޓީގެ އެންމެ އިސް ތިން މަގާމުގެ ގޮތުގައި ހިމެނޭ، ޗާންސެލަރު ވައިސް ޗާންސެލަރު އަދި ޑެޕިއުޓީ ވައިސް ޗާންސެލަރު އައްޔަންކުރައްވަނީ ރައީސެވެ.

ޔާމީންގެ ސަރުކާރުގައި ވެސް ގައުމީ ޔުނިވާސިޓީގެ ގާނޫނަށް 2015 ވަނަ އަހަރު ބަދަލުތަކެއް ގެނަ އެވެ. އޭރު ގެނައި ބަދަލަކީ، ވައިސް ޗާންސެލާ އަދި ޑެޕިއުޓީ ވައިސް ޗާންސެލާ އައްޔަންކުރައްވާނީ ރައީސް ކަމަށެވެ. އެހެންވެ މިހާރު އެ ގާނޫނު މައިގަނޑު ގޮތެއްގައި ބަދަލުކޮށްފައިވަނީ، ގައުމީ ޔުނިވާސިޓީގެ ގާނޫނު 2011 ވަނަ އަހަރު ވުޖޫދުވިއިރު އޮތް ގޮތަށެވެ.

އައިޔޫއެމްގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް، އެ އަށް އަމަލުކުރަން ފަށާއިރު، ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އެ ދެ ތަނަށް އައްޔަންކުރާ ފުރަތަމަ ޗާންސެލަރާއި ވައިސް ޗާންސެލާ ރައީސް އައްޔަންކުރައްވަން ޖެހޭނެ އެވެ. އަދި އައިޔޫއެމް އާއި އެމްއެންޔޫގެ ގާނޫނަށް އަމަލުކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ޔުނިވާސިޓީގެ މަޖިލީހަށް މެމްބަރުން އައްޔަންކޮށް އަދި އިންތިޚާބުކުރަންޖެހޭ މެމްބަރުން އިންތިޚާބުކުރުމަށްފަހު އެ މަޖިލިސް އެކުލަވާލަންޖެހޭނެ އެވެ.

ޔުނިވާސިޓީގެ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ކުރަންޖެހޭނީ އެކަމަށް ޗާންސެލަރު އައްޔަންކުރާ ވަގުތީ ކޮމެޓީއަކުންނެވެ. އެ ކޮމެޓީގައި ހިމެނެނީ ޗާންސެލަރގެ އިތުރުން ޔުނިވާސިޓީގެ މަގާމުތައް ފުރަމުން އަންނަ ބޭފުޅުންގެ ތެރެއިން ޗާންސެލާ އައްޔަންކުރާ ހަަތަރު ބޭފުޅުންނެވެ،