Roadha Mihaaru

ސައުދީގައި ތިބި ޕާކިސްތާނުގެ ގައިދީން މިނިވަން ކުރަނީ

އިސްލާމްއާބާދު (ފެބްރުއަރީ 18) - ސައުދީ އަރަބިއާގެ ޖަލުތަކުގައި ތިބި ޕާކިސްތާނުގެ 2107 ގައިދީން މިނިވަން ކުރުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަންގަވައިފި އެވެ.

ސައުދީގައި ތިބި ޕާކިސްތާނުގެ ގައިދީން މިނިވަން ކުރަނީ
ހަސަން އާމިރު
ހަސަން އާމިރު

18 ފެބުރުއަރީ 2019

އިސްލާމްއާބާދު (ފެބްރުއަރީ 18) - ސައުދީ އަރަބިއާގެ ޖަލުތަކުގައި ތިބި ޕާކިސްތާނުގެ 2107 ގައިދީން މިނިވަން ކުރުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަންގަވައިފި އެވެ.

ވަލީ އަހުދުގެ ޝަރަފްގައި މިއަދު ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ޕާކިސްތާނުން ހައްޖާއި އުމްރާ އަށް ދާ މީހުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައި ދިނުމަށް ވެސް ވަލީ އަހުދުގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި އެ މީހުންގެ އިމިގްރޭޝަންގެ ކަންކަން ޕާކިސްތާނުގެ ބޮޑު ތިން ސިޓީން ހަމަޖައްސައިދިނުމަށް އިމްރާން ޚާން ވަނީ އެދިވަޑައިގެންފަ އެވެ.

ސައުދީގައި މަސައްކަތް ކުރާ ޕާކިސްތާން މީހުންނަށް ދިމާވާ މައްސަލަތަކުގެ ސަމާލުކަން ވެސް އިމްރާން ޚާން ވަނީ ފާހަގަ ކުރައްވައިފަ އެވެ. ސައުދީ އަރަބިއާގައި ޕާކިސްތާނުގެ 2.5 މިލިއަން މީހުން އުޅެ އެވެ. އެ މީހުންނާ މެދު ސައުދީ ރައްޔިތުންނެކޭ އެއްގޮތަށް އަމަލު ކުރުމަށް ބޮޑު ވަޒީރު ވަނީ ވަލީ އަހުދުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ސައުދީގެ ޖަލުތަކުގައި ތިބި ތިންހާހެއްހާ ގައިދީން ދޫކޮށްލުމަށް ވަލީ އަހުދުގެ އަރިހުން އެދިވަޑައިގެންނެވީ އިމްރާން ޚާނެވެ. ޖަވާބުގައި ޕްރިންސް މުހައްމަދު ވަނީ އެކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ގަބޫލް ކުރައްވާ އަޅުގަނޑަކީ ޕާކިސްތާނުގެ ސައުދީ ސަފީރު ކަމަށް،" ވަލީ އަހުދު މުހައްމަދު ވިދާޅުވި އެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ ވިދާޅުވީ ޕާކިސްތާނުގެ ޖަލުތަކުގައި ތިބި 2107 މީހުން މިއަދުން ފެށިގެން މިނިވަންކޮށްފައިވާ ކަމަށެވެ.