Roadha Mihaaru

ޕާކިސްތާނުގެ އެންމެ މަތީ މަދަނީ ޝަަރަފް ޕްރިންސް މުހައްމަދަށް

އިސްލާމްއާބާދު (ފެބްރުއަރީ 16) - ޕާކިސްތާނުގެ އެންމެ މަތީ މަދަނީ ޝަރަފް ކަމަށްވާ "ނިޝާނީ ޕާކިސްތާން" ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން އަށް އަަރުވަން ނިންމައިފި އެވެ.

ޕާކިސްތާނުގެ އެންމެ މަތީ މަދަނީ ޝަަރަފް ޕްރިންސް މުހައްމަދަށް
ހަސަން އާމިރު
ހަސަން އާމިރު

16 ފެބުރުއަރީ 2019

އިސްލާމްއާބާދު (ފެބްރުއަރީ 16) - ޕާކިސްތާނުގެ އެންމެ މަތީ މަދަނީ ޝަރަފް ކަމަށްވާ "ނިޝާނީ ޕާކިސްތާން" ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން އަށް އަަރުވަން ނިންމައިފި އެވެ.

ޕާކިސްތާނަށް ޕްރިންސް މުހައްމަދު ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅު ފެއްޓެވުމަށް މިހާރު ހަމަޖައްސާފައި ވަނީ މާދަމާ އެވެ. ޕްރިންސް މުހައްމަދުގެ ދަތުރުގެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޕާލަމެންޓް ހައުސް އާއި ރައީސް އާއި ބޮޑު ވަޒީރުގެ ގެކޮޅު ހިމެނޭ ސަރަހައްދު މިހާރު ވަނީ ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. ޕްރިންސް މުހައްމަދަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ ޕްރައިމް މިނިސްޓާ ހައުސްގަ އެވެ.

ސައުދީ ވަފުދަށް ވަނީ އަސްކަރީ ވައިގެ މަރުކަޒުން ފެށިގެން ޕްރައިމް މިނިސްޓާ ހައުސްއާ ހަމައަށް ތުރީ-ލޭޔާ ބޮކްސް ސެކިއުރިޓީ ދިނުމަށް ހަމަޖެހިފަ އެވެ. އެންމެ ފަހުގެ ޖީޕީއެސް ޓްރެފިކް ސިސްޓަމް މެދުވެރިކޮށް ސައުދީ ރޯޔަލް ގާޑުން ވެސް ސެކިއުރިޓީ ބަލަހައްޓަމުންދާނެ އެވެ. އެއާޕޯޓުން ފެށިގެން ބޮޑު ވަޒީރުގެ ގެކޮޅާ ދެމެދު ހުރިހާ އުސް އިމާރާތެއްގައި ސިފައިން ތިބޭނެ އެވެ. އޯވަހެޑް ބްރިޖްތަކާއި ފްލައިއޯވާތަކުގެ މަތީގައި ކޮމާންޑޯ އިން ސެކިއުރިޓީ ބެލެހެއްޓުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ޕްރިންސް މުހައްމަަދުގެ ދަތުރަށް ޕާކިސްތާން ވަނީ ތައްޔާރުވެފައި.

ޕްރިންސް މުހައްމަަދުގެ ދަތުރަށް ޕާކިސްތާން ވަނީ ތައްޔާރުވެފައި.

ޕްރިންސް މުހައްމަދު އިސްލާމްއާބާދަށް ވަޑައިގަންނަވާ މަތިންދާ ބޯޓާ އެކު ހަތަރު ޕަސިންޖާ ޖެޓް ޖައްސާނެ އެވެ. ޕްރިންސްގެ ބޯޓް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމާ އެކު އެއާ ފޯސްގެ ޖޭއެފް-17 ގެ ޖެޓްތައް އެ ބޯޓާ އެކު ދަތުރު ކުރާނެ އެވެ. ޕްރައިމް މިނިސްޓަ ހައުސް އާއި ވަފުދުގެ ބޭފުޅުން ތިއްބަވާ އަށް ހޮޓަލުގެ ސެކިއުރިޓީ ބަލަހައްޓާނީ ސައުދީ ރޯޔަލް ގާޑާއި ޕާކިސްތާން ސިފައިންނެވެ.

ޕާކިސްތާނުގެ އެންމެ މަތީ މަދަނީ ޝަރަފް ޕްރިންސް މުހައްމަދަށް އަރުވާނީ ރައީސްގެ ރަސްމީ އޮފީހުގައި ހޯމަ ދުވަހު ބާއްވާ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ސައުދީ ވަފުދުގެ 100 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވާނެ އެވެ.

ޕްރިންސް މުހައްމަދުގެ ދަތުރަށް އިސްލާމްއާބާދުގެ މަޝްހޫރު، އަށް ހޮޓަލަކުން 750 ކޮޓަރި ވަނީ ބުކްކޮށްފަ އެވެ. ސައުދީ ވަފުދަށް ވަނީ ބީއެމްޑަބްލިއު ސެވަން ސީރީޒްގެ ހަތް ކާރާއި ލޭންޑް ކްރޫޒާގެ އިތުރުން އަށް ކޮންޓެއިނާގެ ސާމާނު ޕާކިސްތާނަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ޕްރިންސް މުހައްމަދު ކަސްރަތު ކުރައްވާ ސާމާނާއި ފަރުނީޗަރު ހިމެނެ އެވެ. ވެހިކަލްތައް ޕާކިސްތާނަށް ގެންގޮސްފައި ވަނީ ސީ-130 ގެ ދެ މަތިންދާ ބޯޓުގަ އެވެ. މީގެ އިތުރުން ޕާކިސްތާނުން ވަނީ 300 އަށް ވުރެ ލޭންޑް ކްރޫޒާ ރިޒާވްކޮށްފަ އެވެ.