17 ފެބުރުއަރީ 2019
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ރަނގަޅު ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ރަނގަޅު ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުންނެވެ. އަހުމަދު މުހައްމަދުގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ ވަކިން ކަމަށް ވިޔަސް، އެ ދެ މައްސަލަ ކުރިއަށް ގެންދަނީ އެއްކޮށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އެއްވެސް ގޮތަކުން އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާއަކީ އަސާސީ ހައްގެއް ހަނިކުރާ މާއްދާއެއް ނޫން ކަމަށާއި އެ މާއްދާގެ ސަބަބުން، ގާނޫނުއަސާސީން ލިބިދޭ އިންތިޚާބުތަކުގައި ވާދަ ކުރުމުގެ ހައްގު ހަނިވެގެން ނުދާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ޕްރައިމަރީތަކަކީ ޕާޓީތަކުގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ޕާޓީން ބާއްވާ ޕާޓީގެ އެތެރޭގެ ޕްރައިމަރީއެއް ކަމަށް ވާއިރު، އެ ޕްރައިމަރީގައި ވާދަ ކުރުމަކީ ވެސް ގާނޫނު އަސާސީން ލިބިދޭ އިންތިޚާބުތަކުގައި ވާދަ ކުރުމުގެ ހައްގުގެ ބޭނުން ކުރީ ކަމަށް ބެލެވޭނެ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާއަކީ އަސާސީ ހައްގެއް ހަނިކުރާ މާއްދާއެއް ބެލިޔަސް، ޕާޓީތަކުގެ ގާނޫނުން އެ ހައްގު ހަނިކޮށްފައި އެ އޮތީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ އުސޫލުގެ ތެރެއިންނެވެ. މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ހައްގެއް ހަނިކޮށްފައިވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އަސާސީ ހައްގެއް ހަނިކުރެވިދާނެ ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި އޮތް ކަން ފާހަގަކޮށް، ދައުލަތުން ބުނީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާ ވެސް އޮތީ އެ އުސޫލުގެ ތެރެއިން ކަމަށެވެ.
އެގޮތުން އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ވެސް ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށާއި އެމެރިކާގެ ކޯޓުތަކުން އެކަމާ ގުޅޭ މައްސަލަތައް ވެސް ނިންމާފައި އެބަހުރި ކަމަށް ދައުލަތުން ބުންޏެވެ. އަދި އެކަމުގެ ބައެއް ލިޔުންތައް ވެސް ދައުލަތުން ހުށަހެޅި އެވެ.
ދައުލަތުން ބުނިގޮތުގައި ގާނޫނުއަސާސީގައި މަޖިލިސް މެމްބަރުންގެ ޝަރުތުތައް ކަނޑައަޅާފައި ވިޔަސް، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް މަޖިލީހަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނަކުން ކަނޑައެޅިދާނެ އެވެ. މެމްބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ގާނޫނުއަސާސީގައި އޮންނައިރު، އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުން މިހާރު ވެސް މަދުވެގެން 50 މެމްބަރުންގެ ސޮއި ހުށަހަޅަން ޖެހޭ ކަމަށާއި އެކަން ކުރަނީ ގާނޫނަކުން އެކަން ކަނޑައަޅައިގެން ކަމަށް ދައުލަތުން ބުންޏެވެ.
އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާ ބާތިލްކުރަން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެ މައްސަލަ ނިމެންދެން ގާނޫނުގެ އެ މާއްދާ އަށް އަމަލު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ މައްސަލާގައި އެދިފައި އޮތަސް، އެ އަމުރު ނެރެންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ވަކީލް މާނިއު ވިދާޅުވީ އެމެރިކާގައި ޕްރައިމަރީތައް ބާއްވަނީ ރާއްޖޭގައި ޕްރައިމަރީތައް ބާއްވާ އުސޫލުން ނޫން ކަމަށާއި ރާއްޖޭގައި ޕްރައިމަރީތައް ބޭއްވުމާ ބެހޭ އުސޫލުތަކެއް ކަނޑައެޅިފައި ނެތް ކަމަށެވެ. އެހެން ގައުމުތަކުގައި ޕްރައިމަރީތައް ބޭއްވުމާ ބެހޭ އުސޫލުތަކެއް ކަނޑައެޅިފައި އެބަހުރި ކަމަށާއި ރާއްޖޭގައި އެކަންކަން ރެގިއުލޭޓް ކުރެވޭނެ ނިޒާމެއް ނޯންނަ ކަމަށް މާނިއު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ޕްރައިމަރީތައް ބާއްވަން ގާނޫނީ ގޮތުން ލާޒިމް ނުވާއިރު، ބައެއް ޕާޓީތަކުގެ ލީޑާޝިޕުން ބޭނުންވާ ބަޔަކަށް ޕާޓީގެ ޓިކެޓް ދެވޭ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މާނިއު ވިދާޅުވި ގޮތުގައި އިންތިޚާބުތަކުގައި ކުރިމަތިލުމުގެ ހައްގު ގާނޫނުއަސާސީން ދީފައިވާއިރު، އަދި މެމްބަރުންގެ ޝަރުތުތައް ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނިކޮށް ގާނޫނަކުން އެކަންކަން ބަދަލެއް ނުކުރެވޭނެ އެވެ. އަދި ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ވާދަ ނުކުރެވޭ ގޮތަށް 2016 ގައި މަޖިލީހުން ގާނޫނު އިސްލާހު ކުރިއިރު މިހާރުގެ ރައީސް މަޖިލީހުގައި އިންނަވައިގެން އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި ކަން ވެސް މާނިއު ފާހަގަ ކުރެއްވި އެވެ. އަދި މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް އެކި ފޯރަމްތަކުގައި އެކަމާ ދެކޮޅަށް ކުރިން ވާހަކަ ދެއްކެވި ކަމަށް ވެސް މާނިއު ވިދާޅުވި އެވެ.
އަހުމަދު މުހައްމަދުގެ ވަކީލް މުހައްމަދު ހިލްމީ ވިދާޅުވީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ވާދަ ނުކުރެވޭ ގޮތަށް އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި އޮތަސް، ރާއްޖޭގެ ނިޒާމާ އެ ގައުމާ ތަފާތު ކަމަށެވެ. އެމެރިކާގެ ކޮންމެ ސްޓޭޓަކީ އެ ސްޓޭޓަކަށް ވަކިން ގާނޫނު ހެދުމުގެ ބާރު ލިބިފައިވާ ސްޓޭޓްތަކެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެ ގައުމުގެ ސްޓޭޓްތަކުގައި ވެސް އެގޮތަށް ގާނޫނު ހަދާފައި ހުރީ ޕާޓީތަކުގެ ލީޑާޝިޕުން ބޭނުންވާ ވަކި ބަޔަކު އިންތިޚާބުތަކުގައި ނެރުން ހުއްޓުވަން ރައްޔިތުން ބޭނުންވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގައި ޕްރައިމަރީ ބާއްވަން ލާޒިމް ނުވުމުގެ އިތުރުން ޕްރައިމަރީ ބޭއްވުމުގެ އުސޫލުތަކެއް ވެސް ނެތްކަން ހިލްމީ ފާހަގަ ކުރެއްވި އެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ބައެއް ސުވާލުތައް ދައުލަތާ އަމާޒުކޮށްފަ އެވެ. އެގޮތުން ޑިމޮކްރަޓިކް ގައުމެއްގެ ގޮތުގައި މިސާލެއްގެ ގޮތުން ހަމައެކަނި އެމެރިކާ ދައުލަތުން ފާހަގަކުރަނީ ކީއްވެގެންތޯ އާއި އެމެރިކާގައި ޕްރައިމަރީން ބަލިވުމުން އަމިއްލަ ހައިސިއްޔަތުން އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު އޮވޭތޯ ނުވަތަ ނޫންތޯ ވެސް ބެންޗުން ދައުލަތާ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ޕްރައިމަރީން ބަލިވުމުން އެއްވެސް ހައިސިއްޔަތަކުން އިންތިޚާބުގައި ވާދަ ނުކުރެވޭ ކަމަށާއި އަދި އަނެއް ބައި ސްޓޭޓްތަކުގައި ޕްރައިމަރީން ބަލިވިޔަސް، އިންތިޚާބުގައި ވާދަ ކުރެވޭނެ ފަދަ ބައެއް އުސޫލުތައް އެބަހުރި ކަމަށެވެ.
އެ މައްސަލާގެ ތެރެއަށް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަން ވެސް ތަދައްޚުލް ކުރުވައިފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ގާނޫނުގެ އެ މާއްދާއާ މެދު ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު އެ މާއްދާ އަށް ކޮމިޝަނުން އަމަލު ކުރަމުންދާން ޖެހޭނެ ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުން ކޮމިޝަނާ ބައެއް ސުވާލުތައް އަމާޒު ކުރެއްވި އެވެ. އެގޮތުން އަންނަ މަޖިިލިސް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ކަނޑައަޅާފައި ވަނީ ކޮން ކަންކަމަށް ބަލައިގެންތޯ އާއި އިންތިޚާބާ ގުޅިގެން ދެން ހުރި ކަންކަމަށް މުއްދަތުތައް ކަނޑައަޅާފައި ހުރި ގޮތާ ބެހޭގޮތުން ބެންޗުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ކޮމިޝަނުން ބުނީ މުއްދަތުތައް ކަނޑައަޅާފައި ހުރީ ގާނޫނުގައި ކަނޑައަޅާފައި ހުރި މުއްދަތުތައް ނުގެއްލޭނެ ގޮތަށް ކަމަށާއި މުއްދަތުތައް ކަނޑައެޅުމުގައި އިންތިޚާބާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމަކަށް ވެސް ބަލާފައިވާނެ ކަމަށެވެ. އަދި މުއްދަތުތައް ކަނޑައަޅާފައި ހުރިގޮތުން ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުންދަނީ ވަރަށް ބިޒީ ޝެޑިއުލެއްގައި ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ދެ ފަރާތަށް ވެސް ފުރުސަތު ދެއްވުމަށް ފަހު، އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ޕްރައިމަރީން ބަލިވިޔަސް، ވާދަކުރެވޭ ގޮތް ހަދަން ކޯޓަށް
ޕްރައިމަރީން ބަލިވެގެން ޕާޓީގެ ނަމުގައި ވާދަނުކުރެވޭނެ
ޕްރައިމަރީން ބަލިވިޔަސް ވާދަކުރެވޭނެ: ސުޕްރީމް ކޯޓު
ޕްރައިމަރީން ބަލިވިޔަސް ވާދަކުރެވޭނެ އަމުރަކަށް އެދެފި
ޕްރައިމަރީން ބަލިވުމުން ވާދަނުކުރެވޭ މައްސަލަ ފަށަނީ
ޑީއާރުޕީގެ ހަތް ލައްކައިގެ ދަރަނިން ސަލާމަތެއްނުވި
ޕްރައިމަރީން ބަލިވި 4 މީހަކު އިންތިޚާބުގައި ވާދަކުރޭ
ކޮންމެ ފިޔަވަޅެއް އެޅިޔަސް ހެޔޮ، ވާދަކުރާނަން: ޖާބިރު
އަމިއްލަ ގޮތުން ވާދަކުރާނަމަ، ފިޔަވަޅު އަޅާނަން: އެމްޑީޕީ
ބަލިވި މީހުން ނުނިކުންނާނެ ކަމަށް އުންމީދުކުރަން:ނަޝީދު