Roadha Mihaaru
ބަލިވި މީހުން ނުނިކުންނާނެ ކަމަށް އުންމީދުކުރަން:ނަޝީދު

ޕްރައިމަރީން ބަލިވި މީހުން އިންތިޚާބަށް ނުނިކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

25 ފެބުރުއަރީ 2019

މި ފަހަރުގެ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވި މީހުންނަށް ވެސް އެ އިންތިޚާބަށް ނުކުތުމަށް ފަހިވާ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްކުރި ނަމަވެސް އިންތިޚާބަށް އެ މީހުން ކުރިމަތި ނުލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މި ފަހަރުގެ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވި މީހުންނަށް ވެސް އެ އިންތިޚާބަށް ނުކުތުމަށް ފަހިވާ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްކުރި ނަމަވެސް އިންތިޚާބަށް އެ މީހުން ކުރިމަތި ނުލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ނަޝީދު އެހެން ވިދާޅުވެ ޓުވީޓު ކުރެއްވިއިރު، ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ. އަދި ޕްރައިމަރީން ބަލިވާ މީހުންނަށް ވެސް އިންތިޚާބުތަކުގައި ވާދަކުރެވެން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިއަދު ހުކުމްކޮށްފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި، އެ ޕާޓީގެ މުހިންމު އަދި މިހާރު ވެސް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ކަޓާފައިވާއިރު، ސުޕްރީމް ކޯޓުގެ މި އަމުރާ އެކު، އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެބޭފުޅުން ކުރިމަތިލައްވާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. މިއީ، މިހާރު އެ ދާއިރާތަކަށް ޕްރައިމަރީން ހޮވިފައިވާ ކެންޑިޑޭޓުންނަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވެސް ވެެދާނެ އެވެ.

ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން، މި ފަހަރުގެ އާންމު އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު ފަހު 4:00 އާ ހަމަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ އަމުރާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

މިކަމާ ގުޅިގެން، ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި އެއްވެސް މެމްބަރަކު، އެ ޕާޓީގެ އުސޫލުތަކާ ޚިލާފަށް އަލުން އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް އެމަނިކުފާނު ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.

"ޕާޓީގެ ހުރިހާ މެމްބަރުން ވެސް ޕާޓީ އާއި ރާއްޖޭގެ ސިޔާސީ މަސްލަހަތަށް ބައްލަވާނެ ކަމަށް ދެކެން،" މި ފަހަރުގެ އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ނަޝީދުގެ ޓުވީޓުގައި ވެ އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި، މިހާރު ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ޓިކެޓު ނުލިބި، ފުރުސަތު ގެއްލުނީ ފަސް ބޭފުޅަކަށެވެ.

އެއީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ) އަދި ހިތަދޫ ދެކުނު ދާއިރާގެ އަލީ ނިޒާރެވެ. މި ބޭފުޅުންގެ ތެރެއިން ވެސް އެ ޕްރައިމަރީގައި ބޮޑެތި ހޭދަތަކެއް ކުރެއްވި ވަރަށް ގިނަ ބޭފުޅުން ކެޓި އެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައި ދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެއް ބޭފުޅަކީ ވެސް ޕްރައިމަރީން ބަލިވި އަބްދުﷲ ޖާބިރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ ޖާބިރު ބަލިވީ ކާށިދޫ ދާއިރާގެ ޕްރައިމަރީންނެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް އެ ޕާޓީގެ ލީޑަޝިޕުން ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތު ވެސް، ބަލިވި ބައެއް ބޭފުޅުން ވަނީ ކުރައްވައިފަ އެވެ.