Roadha Mihaaru
ޕްރައިމަރީން ބަލިވިޔަސް ވާދަކުރެވޭނެ: ސުޕްރީމް ކޯޓު

ޕްރައިމަރީން ބަލިވިޔަސް އިންތިހާބުތަކުގައި ވާދަކުރެވޭނެ: ސުޕްރީމް ކޯޓު

25 ފެބުރުއަރީ 2019

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށާއި ޕްރައިމަރީން ބަލިވާ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަކުރެވެން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށާއި ޕްރައިމަރީން ބަލިވާ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަކުރެވެން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.

މިގޮތަށް ހުކުމް ކުރީ އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުން ހުށަހެޅި މި މައްސަލައިގަ އެވެ.

ސުޕްރީމް ކޯޓުން ވަނީ، ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓޯތަކުގެ ގާނޫނުގައި ބަޔާންކުރާ މާއްދާ ބާތިލް ކަމަށް ކަނޑައަޅައިފަ އެވެ. އެހެންވެ ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު ފަހު 4:00 އާ ހަމަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

އެގޮތުން، ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުވަތަ އަމިއްލަ ހައިސިއްޔަތުން ވެސް ވާދަކުރުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ނުވަ ވަނަ މާއްދާ އަށް 2013 ވަނަ އަހަރު ގެނައި އިސްލާހެއްގައި، އިތުރުކުރި މާއްދާގައި ބުނެފައި އޮންނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތް ކަމުގައި ވިޔަސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި މިފަދަ މީހަކު އިިންތިހާބެއްގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް ކެންޑިޑެސީ ބާތިލްކުރަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

މައްސަލައިގެ އަޑުއެހުންތަކުގައި ދައުލަތުން ބުނެފައި ވަނީ ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަ ނުުކުރެވޭނެ ކަމަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާއަކީ އަސާސީ ހައްގެއް ހަނިކުރާ މާއްދާއެއް ބެލިޔަސް، ޕާޓީތަކުގެ ގާނޫނުން އެ ހައްގު ހަނިކޮށްފައި އެ އޮތީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ އުސޫލުގެ ތެރެއިން ކަމަށެވެ. މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ހައްގެއް ހަނިކޮށްފައިވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އަސާސީ ހައްގެއް ހަނިކުރެވިދާނެ ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި އޮތް ކަން ފާހަގަކޮށް، ދައުލަތުން ބުނީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާ ވެސް އޮތީ އެ އުސޫލުގެ ތެރެއިން ކަމަށެވެ.

ނަމަވެސް މައްސަލަ ހުށަހެޅުއްވި ބޭފުޅުން ވިދާޅުވެފައި ވަނީ ޕްރައިމަރީން ބަލިވުމުން ވާދަ ނުކުރެވޭ ގޮތަށް އޮންނަ ގައުމުތަކުގައި އެހެން އޮންނަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެކަން ކުރާތީ ކަމަށާއި އެކަމަކު ރާއްޖޭގައި އެކަން އޮންނަނީ އެހެން ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގައި ޕްރައިމަރީ ބާއްވަން ލާޒިމް ނުވުމުގެ އިތުރުން ޕްރައިމަރީ ބޭއްވުމުގެ އުސޫލުތަކެއް ވެސް ނެތްކަން ފާހަގަކުރި އެވެ.