Roadha Mihaaru
ޕްރައިމަރީން ބަލިވެގެން ޕާޓީގެ ނަމުގައި ވާދަނުކުރެވޭނެ

ޕްރައިމަރީން ބަލިވާ މީހުންނަށް ޕާޓީގެ ނަމުގައި ވާދައެއްނުކުރެވޭނެ: ސުޕްރީމް ކޯޓު

28 ފެބުރުއަރީ 2019

ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުން އެ ޕާޓީގެ ނަމުގައި އިންތިހާބުތަކުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުން އެ ޕާޓީގެ ނަމުގައި އިންތިހާބުތަކުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފި އެވެ.

ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފުވާތީ އެ މާއްދާ ސުޕްރީމް ކޯޓުން މިދިއަ ހޯމަދުވަހު ވަނީ ބާތިލްކޮށްފަ އެވެ. އެހެންކަމުން ޕްރައިމަރީން ބަލިވާ މީހުންނަށް ވެސް އިންތިހާބުތަކުގައި އަމިއްލަ ގޮޮތުން ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް މިގޮތަށް އައީ، އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައިގެ ނިންމުމުގަ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމްގައި ބުނީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރަކު ގާނޫނުއަސާސީ އާއި ގާނޫނުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ޕާޓީއެއްގެ ޓިކެޓު ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް، އެ ޕްރައިމަރީއެއްގައި ނާކާމިޔާބުވިޔަސް، އެ އިންތިހާބުގައި އަމިއްލަ ގޮތުން ނުވަތަ ޕްރައިމަރީގައި ވާދަކުރި ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

އަޑުއެހުންތަކުގައި ދައުލަތުން ބުނީ ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ އިން އަސާސީ ހައްގެއް ހަނިކުރާ ކަމަށް ބެލެވުނަސް، ޕާޓީތަކުގެ ގާނޫނުން އެ ހައްގު ހަނިކޮށްފައި އޮތީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ އުސޫލުގެ ތެރެއިން ކަމަށެވެ.

މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ހައްގެއް ހަނިކޮށްފައިވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އަސާސީ ހައްގެއް ހަނިކުރެވިދާނެ ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި އޮތް ކަން ފާހަގަކޮށް، ދައުލަތުން ބުނީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާ ވެސް އޮތީ އެ އުސޫލުގެ ތެރެއިން ކަމަށެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ މިނިވަން ދިމިގްރާތީ މުޖުތަމައުއެއްގައި އެފަދަ ހައްގެއް ހިފެހެއްޓިދާނެ ކަމަށް ބުނެ، ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ބިނާކޮށްފައި އޮތީ ދުސްތޫރީ ގޮތުން ސައްހަ އަސާސްތަކެއްގެ މައްޗަށް ނޫން ކަމަށެވެ.

ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނެފައި ވަނީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ހައްގުތަކެއް ލިބިގެންވާ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު އެ އުމުރުން މަތީގެ މީހުންނަށް ލިބިގެންވާ ކަމަށެވެ.

އެ ހައްގު ތަންޒީމު ކުރުމުގެ ގޮތުން އިންތިހާބުތަކުގައި މަގާމުތަކަށް ކުރިމަތިލާ މީހުންގެ ފުރިހަމަވާން ޖެހޭ ޝަރުތުތަކާއި އިންތިހާބުތަކުގައި ބައިވެރިވުން މަނާކުރާ ހާލަތްތައް ގާނޫނުއަސާސީގައި ތައާރަޒްނުވާ ގޮތެއްގެ މަތިން ގާނޫނުގައި ކަނޑައަޅާފައި އޮތުމަކީ އިންތިހާބުތަކުގައި އެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު ހިފެހެއްޓުން ކަމަށް އޭގެ ޒާތުގައި ނުބެލެވޭނެ ކަމަށް ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އާންމު އިންތިހާބުތަކުގައި ސިޔާސީ ޕާޓީތައް ތަމްސީލް ކުރާނެ ކެންޑިޑޭޓުން އިހްތިޔާރު ކުރާނެ އުސޫލުތައް ކަނޑައަޅައި އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކެންޑިޑޭޓުން އިހްތިޔާރު ކުރުމަކީ ގިނަ ދިމިގްރާތީ ނިޒާމުތަކުގައި ޕާޓީތަކުން ކަނޑައަޅާ ސިޔާސަތެއްގެ މަތިން އެ ޕާޓީތަކުގެ ދާހިލީ ކަމެއްގެ ގޮތުގައި އިންތިޒާމު ކުރެވޭ ކަމެއް ކަމަށެވެ.

ރާއްޖޭގައި ޕްރައިމަރީއެއް ބާއްވައިގެން ކެންޑިޑޭޓުން ކަނޑައަޅާ އިރު، ޕްރައިމަރީއަކާ ނުލައި ކެންޑިޑޭޓުން ކަނޑައަޅާ ކަން ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

އެކަމަކު ޕާޓީތަކުން ހިންގާ ޕްރައިމަރީތަކަކީ ގާނޫނަކުން ތަންޒީމް ކުރެވިގެން އޭގެ އުސޫލުތައް ތަފްސީލީ ގޮތަކަށް ކަނޑައެޅިގެން ހިންގާ ޕްރައިމަރީތަކެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.

ހުކުމްގައި ވަނީ ޕްރައިމަރީގައި ނާކާމިޔާބުވާ ކެންޑިޑޭޓުން އެހެން ޕާޓީއެއްގެ ޓިކެޓުގައި ނުވަތަ އަމިއްލަ ގޮތުން އެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ކަނޑައެޅުމަކީ މި ޒަމާނުގެ ދިމިގްރާތީ މުޖްތަމައުތަކުން ބަލައިގެންފައިވާ އުސޫލެއް ނޫން ކަމަށެވެ.

އާންމު އިންތިހާބެއްގައި ބައިވެރިވުމަށް ސިޔާސީ ޕާޓީއަކުން ނެރޭ ކެންޑިޑޭޓަކު ހޮވުމަށް ޕާޓީގެ ފަަރާތުން ބާއްވާ ޕްރައިމަރީއެއްގައި ނާކާމިޔާބުވާ ފަރާތްތައް ގާނޫނުއަސާސީން ލިބިދޭ އާންމު އިންތިހާބުގައި މަގާމުތަކަށް ކުރިމަތިލުމުގެ އަސާސީ ހައްގުން މަހްރޫމްވެގެން ދިއުމަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތަސައްވަރު ނޫން ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުން ވަނީ ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 4:00 އާ ހަމަށް ދޭން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޕްރައިމަރީން ބަލިވި މީހުން، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުން މިހާރު ދަނީ އެ ކޮމިޝަނަށް ފޯމް ވެސް ހުށަހަޅަމުންނެވެ.