Roadha Mihaaru
ޕްރައިމަރީން ބަލިވި 4 މީހަކު އިންތިޚާބުގައި ވާދަކުރޭ

ޕްރައިމަރީން ބަލިވި ހަތަރު މީހަކު އިންތިޚާބުގައި ވާދަކުރޭ: އީސީ

04 މާޗް 2019

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީތަކުން ބޭއްވި ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރަން ހަތަރު މީހަކު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީތަކުން ބޭއްވި ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރަން ހަތަރު މީހަކު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ މާއްދާ ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން، އެ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި މުއްދަތު ހަމަވި އިރު، ފޯމު ހުށަހަޅާފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް، މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި، މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި އަހުމަދު މުހައްމަދު (ފަޒާ އަހުމަދު) އާއި ކާށިދޫ ދާއިރާގެ ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގަތް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ.

މި ހުރިހާ ބޭފުޅުން ވެސް އިންތިޚާބުގައި ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޕްރައިމަރީން ބަލިވާ މީހުންނަށް އެ ޕާޓީއެއްގެ ނަމުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމާއެކު ރުކުމާ ވަނީ އެމްޑީޕީން ވަކިވެ ވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީން ވަކިވެވަޑައިގަތީ އެ ޕާޓީގައި އިޚުލާސްތެރިންނާއި އަދާވާތްތެރިން ވަކިނުވާ ދަރަޖަ އަށް ކަންތައް ދިއުމުން ކަމަށެވެ. ޚާއްސަކޮށް އެމްޑީޕީ އުފައްދަން މަސައްކަތް ކުރި މީހުންގެ އިޚުލާސްތެރިކަން އެ ޕާޓީގެ ބައެއް ވެރިން މިހާރު ބަލައިނުގަންނަ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު ވެސް ހިތަދޫ އުތުރު ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަސްލަމް ކުރި ހޯއްދެވި ދާއިރާއިން ނާކާމިޔާބުވެ ވަޑައިގެންނެވި، ފަޒާ ވިދާޅުވި ގޮތުގައި އިންތިޚާބުގެ ތެރޭގައި ނާއިންސާފުން ގިނަ ކަންތައްތަކެއް ވަނީ ހިނގާފަ އެވެ. އެހެންވެ، އޭނާ އަމިއްލަގޮތުން އެ ދާއިރާއަށް ކުރިމަތިލައްވަން ބޭނުންވެ ވަޑައިގެންނެވީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް ވިދާޅުވި އެވެ.

ޕްރައިމަރީން ބަލިވި މީހުން އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިފައި އޮތް ނަަމަވެސް ޕްރައިމަރީން ބަލިވި މީހުން އިންތިޚާބަށް ނުކުމެވަޑައި ނުގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން، އިންތިޚާބުގައި ވާދަކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ބުނެފައި ވީ ނަމަވެސް، ކާށިދޫ ދާއިރާއިން ނާކާމިޔާބު ވެ ވަޑައިގެން، އަދި ކުރިން ވެސް އެ ދާއިރާގެ މެމްބަރުކަން ކުރެއްވި ޖާބިރު ވިދާޅުވީ ޕާޓީން އަޅާފާނެ ފިޔަވަޅަކާ މެދު ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށެވެ.