Roadha Mihaaru
ދާއިރާ އިތުރުކުރާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމަނީ

އައްޑޫގެ ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމާ މެދު ގޮތެއް ނިންމަނީ

12 ފެބުރުއަރީ 2019

އަންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލޭނެތޯ ކަނޑައަޅައި އެކަމުގައި ގޮތެއް ނިންމަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލޭނެތޯ ކަނޑައަޅައި އެކަމުގައި ގޮތެއް ނިންމަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ސ.މަރަދޫފޭދޫ ފައިވްރޯޒް، މުމްތާޒް އަލީގެ ފަރާތުންނެވެ. އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ ވަކިކޮށް ދިނުމަށެވެ.

އެ މައްސަލަ ހައި ކޯޓަށް ބެލޭނެތޯ، ގޮތެއް ނިންމަން ހައި ކޯޓުން ހަމަޖެއްސީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ފަރާތުން ކުރިން ފާހަގަކޮށްފައިވާ އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގެ ދަށުން، ދާއިރާތައް ކަނޑައަޅާ ގޮތާ މެދު ހިތްހަމަނުޖެހިގެން ހައި ކޯޓަށް ދެވޭނީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމަށް ފަހު ކަމަށާއި އެ މައްސަލާގައި އެ އިޖްރާއާތުތައް ފުރިހަމަ ކޮށްފައިނުވާ ކަމަށް ކޮމިޝަނުން ކުރިން ކޯޓުގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ހުށަހެޅުއްވި ދެ ބޭފުޅުންގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގެ ދަށުން ދާއިރާތައް ކަނޑައަޅާ ގޮތާ މެދު ކޮމިޝަނަށް ޝަކުވާ ހުށަހަޅަން ޖެހެނީ ދާއިރާތައް ކަނޑައެޅުމުގެ ވަގުތީ ރިޕޯޓާ ބެހޭގޮތުން ކަމަށެވެ. އެކަމަކު އެ މައްސަލައަކީ ދާއިރާތައް ކަނޑައެޅުމުގެ ފައިނަލް ރިޕޯޓާ ގުޅޭގޮތުން ހުށަހެޅި މައްސަލައެއް ކަމަށާއި ފައިނަލް ރިޕޯޓުގެ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް ގާނޫނުގައި ބުނެފައި ނެތް ކަމަށް ޝުނާނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި، މަރަދޫފޭދޫ ވަކިކުރަން ބޭނުންވާ ކަމަށް ކޮމިޝަނުން އޭރު ބުނެފައިވާ ކަމަށާއި އެހެންވެ، އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ މައްސަލަ ފާހަގަ ނުކުރެވޭނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ. އަދި ދާއިރާތައް ކަނޑައެޅި ގޮތުގެ ވަގުތީ ރިޕޯޓަށް ފަހު ކަންކަން ހިނގައިދިޔަ ގޮތުގެ ލިޔުމެއް ވެސް އޭނާ މިއަދު ޝަރީއަތަށް ހުށަހެޅުއްވި އެވެ. އެކަންކަން ފާހަގަކޮށް، އެ މައްސަލަ ހައި ކޯޓުން ބެލޭނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ ތެރެއަށް އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ތަދައްޚުލްވެފަ އެވެ. އައްޑޫ ސިޓީ ކައުންސިލްގެ ވަކީލް އަބްދުލްމާނިއު ހުސައިން ވިދާޅުވީ ދާއިރާތައް ކަނޑައެޅުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ސިޓީ ކައުންސިލާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ހަމަޖައްސަން ބޭނުންވާ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އެކަމުގައި ގޮތްތަކެއް ނިންމާނެ ކަމުގެ ޔަގީންކަން ކޮމިޝަނުން އޭރު ބުނެފައިވާ ކަމަށާއި އެކަން ރަސްމީ ބައްދަލުވުންތަކުގެ ޔައުމިއްޔާތަކުން ވެސް އެނގެން އެބައޮތް ކަމަށް މާނިއު ވިދާޅުވި އެވެ.

އެކަމާ ބެހޭގޮތުން ކޮމިޝަނާއި ސިޓީ ކައުންސިލާ ދެމެދު ކުރެވުނު މަޝްވަރާތަކަކީ ރަސްމީ ހައިސިއްޔަތުން ކުރެވުނު މަޝްވަރާތަކެއް ކަމަށާއި އެހެންވެ، ރަސްމީ ގޮތުން ކޮމިޝަނަށް ޝަކުވާ ހުށަހެޅިފައިވާ ކަމަށް ވެސް މާނިއު ވިދާޅުވި އެވެ. އަދި އެކަމާ ބެހޭ ގަރާރެއް ސިޓީ ކައުންސިލުން ކުރިން ފާސްކޮށްފައި އޮތްކަން ވެސް މާނިއު ފާހަގަ ކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ކޮމިޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ވަކި ގޮތަކަށް ކަމެއް ކުރަން ކޮމިޝަނުން ބުނެފައި އޮތަސް، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގެ ދަށުން ޝަކުވާ ހުށަހެޅުމުގައި ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އެ މައްސަލާގައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ލިޔުމުން ޝަކުވާ ހުށަހަޅާފައި ނެތް ކަން ފާހަގަ ކުރައްވައި، މަހްފޫޒް ވިދާޅުވީ ގާނޫނުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކޯޓަށް ނުދެވޭނެ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ކުރިން ނިންމާފައި އެބައޮތް ކަމަށެވެ.

އެ މައްސަލައަކީ އިންތިޚާބާ ގުޅުންހުރި މައްސަލައެއް ކަން ފާހަގަ ކުރައްވައި، މަހްފޫޒް ވިދާޅުވީ އެ މައްސަލާގައި އަވަހަށް ގޮތެއް ނިންމަން އެ ކޮމިޝަނުން ބޭނުންވާ ކަމަށެވެ. އެ މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމަށް ނިންމިޔަސް، އެ މައްސަލަ މައުޟޫއީ ނިންމާއިރު އިންތިޚާބުގެ ކަންކަމަށް ވަގުތު ލިބޭނެ ގޮތަކަށް މައްސަލަ ނިންމައިދޭން މަހްފޫޒް ވިދާޅުވި އެވެ.

އެ މައްސަލަ ހުށަހަޅާފައި އޮތީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކަމަށް ވާތީ ހައި ކޯޓުން ވަނީ އެ މައްސަލާގެ ތެރެއަށް ދައުލަތް ތަދައްޚުލް ކުރުވައިފަ އެވެ. އިޖްރާއީ ނުކުތާއާ ގުޅިގެން ދައުލަތަށް ދިން ފުރުސަތުގައި ދައުލަތުން ބުނީ އިޖްރާއީ ނުކުތާގެ ތަފްސީލު ދައުލަތަށް ލިބުނީ މިއަދުގެ އަޑުއެހުމުން ކަމަށެވެ. އެހެންވެ، އެ ނުކުތާއާ ގުޅިގެން މިއަދު ދައުލަތުން ވަކި އެއްޗެއް ނުބުނެ އެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ކޮމިޝަނުން ފާހަގަކުރި އިޖްރާއީ ނުކުތާއާ މެދު އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ. އެގޮތުން، މި ހަފުތާ ނިމުމުގެ ކުރިން އަޑުއެހުމެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބަލަހައްޓަވަނީ ފައިސަލް އެވެ.

އެ މައްސަލަ ނިމެންދެން އައްޑޫގައި އިންތިޚާބު ބޭއްވުމުގެ ކަންކަން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް ހައި ކޯޓުގައި އޮތީ އެދިފަ އެވެ. އެކަމަކު އެ އަމުރާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެ މައްސަލާގައި އަދުލުވެރި ހައްލެއް ހޯދައި ދިނުމަށް އެދި މަރަދޫފޭދޫގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ 500 އަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު ޕެޓިޝަނެއް ވެސް މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.