Roadha Mihaaru
އޭދަފުށްޓައް އުއްމީދެއް، އީގަލްސް ލީޑުނަގައިފި

އޭދަފުށްޓައް އުއްމީދެއް، އީގަލްސް ލީޑުނަގައިފި

10 ފެބުރުއަރީ 2019

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ މާޒިޔާ އަތުން 1-0 އިން މޮޅުވެ ކްލަބް އޭދަފުށިން ސެމީ ފައިނަލުގެ އުއްމީދު އާކުރިއިރު، ރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު ގްރޫޕުގެ އެއް ވަަނައިގައި ކްލަބް އީގަލްސް ލީޑުނަގައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ މާޒިޔާ އަތުން 1-0 އިން މޮޅުވެ ކްލަބް އޭދަފުށިން ސެމީ ފައިނަލުގެ އުއްމީދު އާކުރިއިރު، ރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު ގްރޫޕުގެ އެއް ވަަނައިގައި ކްލަބް އީގަލްސް ލީޑުނަގައިފި އެވެ.

ފަސް ޓީމު ވާދަކުރާ މި ގްރޫޕުގެ އެއް ވަނައިގައި އީގަލްސް އޮތީ ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ގްރޫޕުގައި ދެން އޮތް ހަތަރު ޓީމަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ދެ ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ ދެ މެޗުން ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާ އެކު އެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް ތިން މެޗުން ތިން ޕޮއިންޓާއި ގެއްލުން އެއް ގޯލު އޮތްއިރު، ހަތަރު ވަނައިގައި އޮތް އޭދަފުށްޓައް އޮތީ ތިން މެޗުން ތިން ޕޮއިންޓާއި ގެއްލުން ހަތަރު ގޯލެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީގެ އޮތީ ދެ މެޗުން ތިން ޕޮއިންޓާއި ގެއްލުން ހަތަރު ގޯލެވެ.

އިއްޔެ ހަވީރު ކުޅުނު މެޗަށް ނުކުތްއިރު އޭދަފުށްޓައް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގެ ސަބަބުން ފުރަތަމަ މެޗުތަކުގައި ނުފެނުނު އެ ޓީމުގެ ކެޕްޓަން އުނައިޝް ޒުބައިރަށް މި މެޗުގައި ކުޅެވުމެވެ. އަދި ސަސްޕެންޝަނަށް ފަހު އަހުމަދު އައިހަމް ވެސް މި މެޗުގައި ކުޅުނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 35 ވަނަ މިނިޓްގައި އޭދަފުށްޓައް ކާމިޔާބުކޮށްދިނީ އިސްމާއިލް ޝަރީފް އެވެ.

ގައުމީ ކޯޗު ޕީޓަ ސެގާޓް (ކ) މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަންނަ (ވ)އާ ޓްރޮފީ ހަވާލުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގައުމީ ކޯޗު ޕީޓަ ސެގާޓް (ކ) މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަންނަ (ވ)އާ ޓްރޮފީ ހަވާލުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާޒިޔާ އިން މި މެޗުގައި ނަތީޖާ ހަމަހަމަ ކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އީގަލްސް އިން ރޭގެ މެޗުގައި ވެސް ވަނީ ތަފާތު ދައްކައިފަ އެވެ. ޔުނައިޓެޑް ވިކްޓަރީ ކޮޅަށް އެ ޓީމުން ފަސް ގޯލު ވައްދާލިއިރު، އޭގެ ތެރެއިން ތިން ގޯލު ޖަހައި ހެޓްރިކް ހެދީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އީގަލްސްގެ ކެޕްޓަން ހަސަން ރާއިފް (ހަންނަ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ވެސް ހަންނަ އެވެ. އީގަލްސްގެ އަނެއް ދެ ގޯލު ޖެހީ މުހައްމަދު އަޒުމޫން އެވެ.

މިހާތަނަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދި ހަމައެކަނި ޓީމަކީ ޓީސީ ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް އޭ އިން ސެމީ ފައިނަލުގެ ޖާގަ ލިބޭ ދެ ވަނަ ޓީމެއް ކަނޑައެޅޭނީ މިރޭ ށ. ފޯކައިދޫ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅޭ މެޗުންނެވެ. މި މެޗުން ވިކްޓަރީ މޮޅުވެއްޖެނަމަ އެ ޓީމަށް ސެމީގެ ޖާގައެއް ޔަގީންވާނެ އެވެ. މެޗު އެއްވަރުވެއްޖެނަމަ ސެމީން ފުރުސަތު ހޯދާނީ ދަ ގްރާންޑޭ އެވެ. މެޗު ފަށާނީ 20:30 ގަ އެވެ.