Roadha Mihaaru
ޔޫތު ޗެމްޕިއަންޝިޕުގެ ފެށުން މާޒިޔާ އަށް

ޔޫތު ޗެމްޕިއަންޝިޕުގެ ފެށުން މާޒިޔާ އަށް

19 އޯގަސްޓް 2016

އެފްއޭއެމް އިން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެފްއޭއެމް އިން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބެވެ. މި ފަހަރުގެ މުބާރާތް މި ބާއްވަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

މިއަދުގެ މެޗުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ މެޗުގެ 19 ވަނަ މިނިޓްގައި ޝިނާން އިބްރާހިމް އެވެ. އަނެއް ދެ ލަނޑު މެޗުގެ ދެ ވަނަ ހާފްގައި ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މުހައްމަދު އިންޝާލް އެވެ.

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރު ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އެއަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަކަށް ސެމީން ޖާގަ ލިބޭނެ އެވެ. ފުރަތަމަ ސެމީގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމު ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ ޓީމާ ހަތަރު ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ސެމީ އާއި ފައިނަލް މެޗު އޮންނާނީ ރަސްމީ ބޯޅަ ދަނޑުގަ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް އެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ސީނިއާ ސްކޮޑުގައި ތިބި 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް މުބާރާތުގައި ކުޅެވޭނެ އެވެ. އެކަމަށް ޔޫތު ޓީމާ ކުޅޭ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ސީނިއާ ޓީމަށް ނުކުޅެވޭނެ އެވެ.