Roadha Mihaaru
މާޒިޔާ އާއި އީގަލްސް ފައިނަލާ ގާތަށް

މާޒިޔާ އާއި އީގަލްސް ފައިނަލާ ގާތަށް

26 ޑިސެމްބަރ 2017

އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތުގައި އިއްޔެ މާޒިޔާ އާއި ކްލަބް އީގަލްސް ލަނޑެއް ނުޖެހި އެއްވަރުވި އިރު އެ ދެ ޓީމު ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތުގައި އިއްޔެ މާޒިޔާ އާއި ކްލަބް އީގަލްސް ލަނޑެއް ނުޖެހި އެއްވަރުވި އިރު އެ ދެ ޓީމު ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

މި މެޗަށް ނުކުތްއިރު އީގަލްސް އާއި މާޒިޔާ ވަނީ ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެފަ އެވެ. އީގަލްސް ކުރިހޯދީ ގދ. ތިނަދޫއާ ވާދަކޮށެވެ. މާޒިޔާ ވަނީ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މިއަދު ހަވީރު އީގަލްސް އާއި މާޒިޔާ 0-0 އިން އެއްވަރުވިއިރު، މިރޭ ޔުނައިޓެޑް ވިކްޓަރީ އާއި ގދ. ތިނަދޫ ކުޅުނު މެޗު ނިމުނީ ވެސް އެ ނަތީޖާ އިންނެވެ.

ފައިނަލުގެ ޖާގަ ލިބޭނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެކެވެ. މިއަދުގެ މެޗުތަކަށް ފަހު ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް އީގަލްސް އަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ކުރިލިބެނީ ފައިދާ ލަނޑުންނެވެ. ތިން ވަނައިގައި އޮތް ތިނަދޫ އާއި ހަތަރު ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ލިބިފައިވަނީ ދެ މެޗުން އެއް ޕޮއިންޓެވެ.

މާޒިޔާ އާއި އީގަލްސް ކަޓާނީ ފަހު މެޗުތަކުން ބަލިވެއްޖެނަމަ އެވެ. ފަހު މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު މާޒިޔާ އާއި އީގަލްސް އަށް އެބައޮތެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުުޅުނު މެޗު ފަށައިގެން މާޒިޔާ އިން ރަނގަޅަށް ކުޅުނެވެ. އެގޮތުން އެ ޓީމުގެ ކުރިއަށް ކުޅޭ އިބްރާހިމް އަތީގް ފޮނުވާލި ޝޮޓް އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ 20 މިނިޓަށް ފަހު އީގަލްސް އިން މެޗުގެ ތެރެއަށް ވަދެ ފުރުސަތު ތަނަވަސްކުރަން ފެށި އެވެ. އެ ޓީމުގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި މުހައްމަދު ނާއިމް އަދި ޖުމެއިހު ޖަމީލް އަށް ދިމާވި މައްސަލަ އަކީ މުހިއްމު ވަގުތުތަކުގައި ދޭން ޖެހޭ ޕާސްތައް ގޯސްވުމެވެ. މި ހާފުގައި އެ ޓީމުގެ ނާއިމް އާއި ޖުމެއިހު ފޮނުވާލި ބޯޅަތައް ގޯލާ ސީދާނުވި އެވެ. އަދި އެ ޓީމުގެ ކެޕްޓަން ހުސެއިން ޝިފާއު ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ދެ ވަަނަ ހާފް ފަށައިގެން ރަނގަޅަށް ކުޅުނީ އީގަލްސް އިންނެވެ. މި ހާފުގައި އެ ޓީމުގެ ހަންނަ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އޭރިއާ ބޭރު ރޮނގުކައިރިން ހަންނަ އަށް ލިބުނު ދެ ބޯޅަ ވެސް އޭނާ އަށް ގޯލަށް ސީދާ ނުކުރެވުނެވެ. އޭގެ ފަހުން ޖުމެއިހު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ މާޒިޔާ އަށް ކުޅޭ ގައުމީ ޓީމުގެ ކީޕަރު ހުސެއިން ޝަރީފް ވަނީ މަތަކޮށްފަ އެވެ.

ކައުންޓަ އެޓޭކުގައި މާޒިޔާގެ އިރުފާން އާދަމް ނަސީރު އާއި ހަސަން ފުވާދު އަދި އަތީގް އަށް ލިބޭ ބޯޅަތަކުގައި އީގަލްސް އަށް ނުރައްކާވި އެވެ. އެގޮތުން އީގަލްސްގެ ސޮލާހު އަލީ ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ އަތީގް ފޮނުވާލި ބޯޅައެއް ކީޕަރު އަޝްވާން ވަނީ މަތަކޮށްފަ އެވެ.

މުބާރާތުގެ މެޗުތައް ދެން އޮންނާނީ މާދަމާ އެވެ. ހަވީރު މާޒިޔާ ނުކުންނާނީ ތިނަދޫއާ ދެކޮޅަށެވެ. މާދަމާރޭ އީގަލްސް ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.