Roadha Mihaaru
ބްރިޖުގައި ހަރުކުރަނީ ދުވެލި ބެލޭ ކެމެރާ

ބްރިޖުގައި ހަރުކުރަނީ ދުވެލި ބެލޭ ކެމެރާ

24 ޖެނުއަރީ 2019

ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާ ސިނަމާލެ ބްރިޖުގައި ހަރުކުރާނީ ދުވެލި ބެލޭ ޓްރެފިކް ކެމެރާތަކެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާ ސިނަމާލެ ބްރިޖުގައި ހަރުކުރާނީ ދުވެލި ބެލޭ ޓްރެފިކް ކެމެރާތަކެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ އޯގަސްޓު މަހު ބްރިޖު ހުޅުވި ފަހުން ބްރިޖާއި ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަނީ އިތުރުވެފަ އެވެ. ބްރިޖު ހުޅުވި ފަހުން ޑިސެމްބަރާ ހަމައަށް ޓްރެފިކް އެކްސިޑެންޓުތަކުގައި 269 މީހަކަށް އަނިޔާވެގެން ވަނީ ފަރުވާ ދީފަ އެވެ.

ބްރިޖުގައި އެކްސިޑެންޓުތައް ގިނަވެފައި ވާތީ ފުލުހުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ މަޝްވަރާކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ ބްރިޖުގައި ހަރު ކުރަން 77 ކެމެރާ ގަންނަން އިއްޔެ އިއުލާނުކޮށްފައި ވާއިރު އެ ކެމެރާތަކުން ދުވެލި ދެނެގަނެވޭނެ ކަމަށެވެ. އަދި ސީސީޓީވީ އަށް ވެސް ބޭނުންކުރެވޭނެ ކަމަށް ބުންޏެވެ. އެހެންވެ، ބާރަށް ދުއްވާ މީހުން ދެނެގަނެ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ފަސޭހަވެ، ޓްރެފިކް ކުށްތައް މޮނީޓަކުރެވޭނެ އެވެ.

ބްރިޖުގައި ހިނގާ އެކްސިޑެންޓުތައް ގިނަކަމުން މިހާރު ވަނީ ބްރިޖުގައި ދަތުރުކުރާއިރު ހެލްމެޓު އެޅުން މާޗު މަހުން ފެށިގެން މަޖުބޫރުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފަ އެވެ.

ބްރިޖާއި ހައިވޭ ޔުނިޓާ ހަވާލުވެ ހުރި ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ހަސަން މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބްރިޖުގައި އެކްސިޑެންޓު ހިނގަން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ގިނަ މީހުން ބާރަށް ދުއްވުން ކަމަށެވެ.