Roadha Mihaaru
ކޮމާޝަލް ބޭނުމަށް އެޗްޑީސީން ބައެއް ތަންތަން ދޫކުރަނީ

ކޮމާޝަލް ބޭނުމަށް އެޗްޑީސީން ބައެއް ތަންތަން ދޫކުރަނީ

20 ޖެނުއަރީ 2019

ކޮމާޝަލް ބޭނުންތަކަށް ހުޅުމާލޭން ބައެއް ތަންތަން ކުއްޔަށް ދޭން ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮމާޝަލް ބޭނުންތަކަށް ހުޅުމާލޭން ބައެއް ތަންތަން ކުއްޔަށް ދޭން ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.

އެޗްޑީސީގެ އިއުލާނުގައި ބުނީ "ސެންތްރޯ މޯލް" އިން އެއް ޔުނިޓާއި "ރެނާޓަސް އިތާމުތް" އިން ތިން ޔުނިޓަކާއި ކޮމާޝަލް ބްލޮކުން ތިން ތަނަކާއި ވެޔަހައުސް ޝެލް-1 އިން ހަތަރު ޔުނިޓެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭ ސެންތްރޯ އިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހެދުން ފަދަ ތަކެތި ވިއްކާ ފިހާރައެއްގެ ޖާގަ އެވެ. ގާތްގަނޑަކަށް 460 އަކަފޫޓުގެ މި އޭރިއާގެ ބިޑު ސެކިއުރިޓީއަށް 50،000ރ. ދައްކަންޖެހެ އެވެ. މި ތަން ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރަށެވެ.

ރެނާޓަސް އިން ދޫކުރަނީ ކެފޭ ނުވަތަ ރެސްޓޯރެންޓް ހިންގާނެ ސަރަހައްދަކާއި ކޮންވިނިއެންސް ސްޓޯރެއްގެ އިތުރުން އޮފީސް ސްޕޭސް ނުވަތަ ރީޓެއިލް ފިހާރައަކަށް ހާއްސަ ޔުނިޓެކެވެ. މި ހުރިހާ ތަނެއްގެ ވެސް ބިޑު ސެކިއުރިޓީގެ ގޮތުގައި އެއް ލައްކަ ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހެ އެވެ. މިތަން ދޫކުރުމަށް ހަމަޖެހިފައިވަނީ 10 އަހަރަށެވެ.

ކޮމާޝަލް ބްލޮކު-އީ އިން ދޫކުރާ ޔުނިޓުގައި ފިހާރައެއް ނުވަތަ އޮފީހެއް ހިންގަން ވެސް ބޭނުން ކުރެވިދާނެ އެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހުށަހަޅަންޖެހޭ އިރު މިތަން ދޫކުރަނީ 10 އަހަރުގެ މުއްދަތަކަށެވެ.

ވެއަހައުސް ޝެލް-1 ގެ ހަތަރު ޔުނިޓަކީ ވެސް ޑްރައި ސްޓޯރޭޖަށް ހާއްސަ ތަންތަނަށެވެ. މި ތަންތަން ބޭނުންވާ ފަރާތްތަކުން ބިޑު ސެކިއުރިޓީގެ ގޮތުގައި 50.000ރ. ދައްކަންޖެހޭ އިރު މިތަން ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

މީގެ އިތުރުން އަމީން އެވެނިއު އިން ބޮޑު ބައެއް ވަނީ ކޮމާޝަލް ބޭނުމަށް ހުޅުވާލާފަ އެވެ. އަމީން އެވެނިއުގެ ގަރާޖު ޔުނިޓް ފިޔަވައި އެހެން ހުރިހާ ތަނެއްގެ ބިޑް ސެކިއުރިޓީއަކީ 50،000ރ. އެވެ. އެތަނުގެ ހުރިހާ ތަނެއް ވެސް ދޫކުރަނީ 10 އަހަރުގެ މުއްދަތަކަށެވެ. ގަރާޖު ޔުނިޓް ދޫކުރުމަށްޓަކައި ބިޑު ސެކިއުރިޓީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހުށަހަޅަންޖެހެ އެވެ.

މިތަންތަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މައުލޫމާތު އޮޅުން ފިލުވަންޖެހޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.