10 ސެޕްޓެމްބަރ 2018
ސިނަމާލެ ބްރިޖް އާއްމުކޮށް ހުޅުވާލުމުން، މިހާރު މިއޮތީ މާލެ އާއި ހުޅުމާލެ ގުޅި އެއް ފަސްގަނޑަކަށްވެފަ އެވެ. މީގެ ފައިދާ، ހުޅުމާލޭގެ ވިޔަފާރިތަކުން މިހާރު ފެންނަން ފަށައިފި އެވެ. ހޫނު މަސްރޮއްޓާއި ތާޒާ ހެދިކާ ލިބެން ހުންނަ އަތިރިމަތީގެ ކެފޭތައް މިހާރު ހަވީރު ގަޑީގައި އޮންނަނީ ފުރި ބާރުވެފަ އެވެ. މީގެ ކުރިން އާއްމުކޮށް ހުކުރު ދުވަހު މާލެއިން ގިނަ އަދަދެއްގެ ބަޔަކު ނާރާ ނަމަ މާބޮޑު ބިޒީކަމެއް އެ ތަންތަނުން ނުފެ އެވެ.
ސިނަމާލެ ބްރިޖް އާއްމުކޮށް ހުޅުވާލުމުން، މިހާރު މިއޮތީ މާލެ އާއި ހުޅުމާލެ ގުޅި އެއް ފަސްގަނޑަކަށްވެފަ އެވެ. މީގެ ފައިދާ، ހުޅުމާލޭގެ ވިޔަފާރިތަކުން މިހާރު ފެންނަން ފަށައިފި އެވެ. ހޫނު މަސްރޮއްޓާއި ތާޒާ ހެދިކާ ލިބެން ހުންނަ އަތިރިމަތީގެ ކެފޭތައް މިހާރު ހަވީރު ގަޑީގައި އޮންނަނީ ފުރި ބާރުވެފަ އެވެ. މީގެ ކުރިން އާއްމުކޮށް ހުކުރު ދުވަހު މާލެއިން ގިނަ އަދަދެއްގެ ބަޔަކު ނާރާ ނަމަ މާބޮޑު ބިޒީކަމެއް އެ ތަންތަނުން ނުފެ އެވެ.
ހަވީރު ސަޔަށާއި ރޭގަނޑު ކޮފީއަށް ހުޅުމާލޭގައި އެންމެ ގިނަ ބަޔަކު ވަންނަނީ އަތިރިމައްޗާ ކުރިމަތިވާ ގޮތަށް ހުންނަ ކެފޭތަކަށެވެ. މިދިޔަ ހުކުރު ދުވަހު ބްރިޖް އާއްމުކޮށް ހުޅުވާލުމާއެކު މީހުންތައް ހުޅުމާލެއަށް އަރައި، އެކި ސަރަހައްދުގައި ހުރި ކެފޭތައް ފުރައިލި އެވެ. މިއީ ހުޅުމާލޭގައި ކެފޭ ރެސްޓޯރަންޓް އަދި ހޮޓާތައް ހިންގާ މީހުން އެންމެ އިންތިޒާރުކުރި ދުވަހެވެ.
ހުޅުމާލޭގެ އަތިރިމަތީގައި ހުންނަ ކެފޭއެއްގައި އިއްޔެ ހަވީރު ބަޔަކު ސައިބޯން މަޑުކޮށްލައިގެން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"މިދިޔަ ދެ ދުވަހު އަޅުގަނޑުމެންގެ ސޭލްސް އެތައް ގުނައެއް މައްޗަށް ހިނގައްޖެ. މިތަނަކީ މީގެ ކުރިން މާލެއިން އަންނަ ގިނަ ބައެއްގެ މެދުގައި ވަރަށް މަޝްހޫރު ތަނަކަށް ވުމުން ހުކުރު، ހޮނިހިރު ދެ ދުވަހު ދިޔައީ ވަރަށް ބާރުބޮޑުކޮށް،" ހުޅުމާލޭގެ އަތިރިމައްޗާވީ ފަޅީގައި ހުންނަ ލެގޫން ކެފޭ އިން ވާހަކަދެއްކި މީހަކު ބުންޏެވެ.
ބްރިޖް އާއްމުކޮށް ހުޅުވާލުމުގެ ކުރިން ވެސް، ހުކުރު އަދި ހޮނިހިރު ދުވަހަކީ ހުޅުމާލޭގެ މަގުތައް ވެސް ވަރަށް ހަލަބޮލި ދުވަހެކެވެ. ހަމައެގޮތަށް ކެފޭތަކާއި ރެސްޓޯރަންޓްތައް ވެސް ފެންނަނީ އެހާމެ ބިޒީކޮށެވެ. މާލޭގެ ތޮއްޖެހިފައިވާ މާހައުލުން ބޭރުވެ، ހަމަޖެހުމުގެ ނޭވާއެއްލުމަށް އެތައް ހާސް ބަޔަކު ހަފުތާ ބަންދުގައި ހުޅުމާލެއަށް ދަތުރުކުރެ އެވެ.
ބްރިޖް އާއްމުކޮށް ހުޅުވާލުމުން ވިޔަފާރިއަށް ބޮޑެތި ކުރިއެރުން އަންނާނެ ކަމަށް ހުޅުމާލޭގެ ކެފޭތައް ހިންގާ މީހުން މާކުރިން ވެސް ތިބީ އުއްމީދުކޮށްގެންނެވެ.
ހުޅުމާލޭގައި މަޝްހޫރު ކެފޭއެއް ހިންގާ މީހަކު ބުނީ މިތަނުގައި އޮންނަ ކަހަލަ ހިތްގައިމު މާހައުލެއް މާލެއަކުން ނުލިބޭނެ ކަމަށެވެ.
"ހަފުތާގެ ބަންދުގައި މީގެ ކުރިން މިތަނަށް އެބަ އާދޭ މިތަނުގެ އަތިރިމަތީގައި ތިބެގެން ސައިބޯލަން އެތައް ސަތޭކަ ބަޔަކު. ބްރިޖް ހުޅުވުމާއެކު އަޅުގަނޑުމެންނަށް އެބަ ފެނޭ އާ އެތައް މޫނެއް މިތަނަށް ސައިބޯން އަންނަތަން. އޭގެ މާނައަކީ މިރަށް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އެބަ އާދޭ ހަވީރު ގަޑީގައި ސައިބޯން ވެސް،" އެ މީހާ ބުންޏެވެ.
ސިނަމާލެ ބްރިޖް ހުޅުވާލުމާއެކު ހުޅުމާލޭގައި ހިންގާ ކެފޭ، ރެސްޓޯރަންޓްތަކުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
އޭނާ ބުނީ ބްރިޖް ހުޅުވާލުމާއެކު އެތަނުގެ ވިޔަފާރި 50 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ހެދިކާ ތައްޔާރުކުރަން ޖެހޭ މިންވަރު ކުރިޔަށް ވުރެ އެތައް ގުނައެއް އިތުރުވެ، ބަދިގޭގައި އުޅޭ މީހުން ވެސް އިންތިހާ އަށް ބިޒީވެފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.
"މިތަނަށް އެބަ އާދޭ ކާރުތަކުގައި ފެމެލީތައް. އަދި އޭގެ އިތުރުން ސައިކަލްތަކުގައި ވެސް ގްރޫޕު ހަދާފައި އެބައާދޭ ހަވީރު ސަޔަށް. މިއީ ވަރަށް ތަފާތު މަންޒަރެއް،" ހުޅުމާލެ އަތިރިމަތީގައި ކެފޭ ހިންގާ މީހާ ބުންޏެވެ.
ހުޅުމާލޭގައި ހޮޓްވޮކް އާއި ފުޑްޕެލަސް ރެސްޓޯރަންޓް ހިންގާ އަމްޖަދު މުސްތަފާ ބުނީ މިދިޔަ ހުކުރު ދުވަހު އޭނާގެ ދެ ރެސްޓޯރަންޓްގެ ވިޔަފާރި ގަބޫލުވެސް ނުކުރެވޭހާ ރަނގަޅުވި ކަމަށެވެ.
"އަޅުގަނޑަށް ގަބޫލު ވެސް ނުކުރެވޭހާ ވިޔަފާރި ރަނގަޅުވި ހުކުރު އަދި ހޮނިހިރު ދުވަހު ވެސް. މާލެއިން ހަމަ އެބަ އާދޭ މީހުން މިތަނުގެ ތަންތަނުން ސައިބޮއެ، ކާލަން،" އޭނާ ބުންޏެވެ.
އަމްޖަދު ބުނީ ހަފުތާ ބަންދު ނިމުނު ފަހުން ވެސް ވިޔަފާރިއަށް ބަދަލެއް އައި ކަމަކަށް ފާހަގައެއް ނުކުރެވޭ ކަމަށެވެ.
"ޖުމްލަކޮށް މި ރަށުގެ ހުރިހާ ތަނެއްގެ ވިޔަފާރި ވެސް މައްޗަށް ޖެހިއްޖެ. އެކަން އެބަ ފެނޭ މީގެ ކުރިން ހުސްކޮށް ހުރި ޕެޓްރޯލް ޝެޑްތައް ވެސް ބަލާލީމަ. އެތަންތަނުގެ ކިޔޫ ވެސް އެހާ ދިގު،" އޭނާ ބުންޏެވެ.
ހުޅުމާލޭގައި ހުންނަ މަޝްހޫރު މެންހަޓަން ފިޝް މާކެޓް ރެސްޓޯރަންޓް ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ބްރިޖް ހުޅުވި ފަހުން އެ ރެސްޓޯރަންޓްގެ ވިޔަފާރި ވަރަށް ބޮޑަށް އިތުރުވިކަން ފާހަގަކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެން ހިއެއް ނުކުރަން ބްރިޖާއެކު މިހާ ބޮޑަށް އިތުރުވާނެ ކަމަށް. އެކަމަކު މިހާރު މިފެންނަނީ މާލޭގެ މަޝްހޫރު ރެސްޓޯރަންޓްތަކާ އެއްވަރަށް މީހުން ވަންނަތަން،" 150 މީހުންގެ ޖާގައިގެ ރެސްޓޯރަންޓް ހިންގާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބްރިޖް ހުޅުވާލުމާއެކު ހުޅުމާލޭގެ މަގުތައް ބިޒީވި ފަދައިން މިތަނުގައި ހުންނަ ކެފޭ، ރެސްޓޯރަންޓްތަކަށް ވަންނަ މީހުންގެ އަދަދު ވެސް ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. މިއީ ސީދާ ބްރިޖާއެކު އެތަންތަނަށް އައި ހަލަބޮލި ކަމެކެވެ.
ހުޅުމާލޭގައި ރެސްޓޯރަންޓެއް ހިންގާ އެހެން މީހަކު ބުނީ ކެފޭ، ރެސްޓޯރަންޓްތަކުގެ ވިޔަފާރިއަށް އަންނާނެ ހަގީގީ ކުރިއެރުމެއް އެނގޭނީ ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ފީ ނަގަން ފެށުމުން ކަމަށެވެ.
ހުޅުމާލޭގެ އަތިރިމަތީގައި ހުންނަ ކެފޭއެއް. ބްރިޖާއެކު ހުޅުމާލެއަށް ހަވީރު ސައިބޯން އަންނަ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"މިހާރު މިހާ ގިނަ ބަޔަކު މިރަށަށް މި އަރަނީ ހިލޭ ބްރިޖްގައި ދަތުރުކުރެވޭތީ ފޫހިފިލުވާލަން ދުއްވާލަން. އެހެން އަންނަ ބަޔަކު މިރަށުގައި ހުންނަ ކެފޭތަކާއި ރެސްޓޯރަންޓްތަކަށް ވެސް ވަންނާނެ. ހަމައެގޮތަށް މިތަނުން މާލެއަށް ވެސް ދާނެ. އެކަމަކު ބްރިޖް ޓޮލް ނަގަން ފެށުމުން ވިޔަފާރިއަށް ކުރިއެރުން އަންނަކަން އެނގޭނީ. މިހާރު މި އުޅެނީ ވަގުތީ ހަލަބޮލި ކަމެއް،" އޭނާ ބުންޏެވެ.
ބްރިޖު ހުރަސްކޮށް ދަތުރުކުރާ ވެހިކަލްތަކުން ޓޮލް ނަގާނެ ދުވަހެއް އަދި ނަގާނެ އަދަދެއް ވެސް އިއުލާނެއް ނުކުރެ އެވެ. އޭގެ ކުރިން ބްރިޖް އޮތީ ބޭނުން ވަރަކަށް ދަތުރުކުރަން ހުޅުވާލައިފަ އެވެ. އެއާއެކު ހުޅުމާލޭގެ ކެފޭ ރެސްޓޯރަންޓްތައް އޮންނަނީ ހަވީރު ގަޑީގައި ތޮއްޖެހިފަ އެވެ.
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
މޮނޮރެއިލް އަޅާފައި ދައްކާނަން: ނާޒިމް
ސައިކަލެއް ކަހާލައި، މީހަކަށް އަނިޔާ ވެއްޖެ
ސިނަމާލެ ބްރިޖުގެ ގޭޓުން ދަބަރު ފިލުވަނީ
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ބްރިޖުގައި ރެނދެއް ނޫން، ފެން ފައިބާ ރޮނގެއް!
ސިނަމާލެ ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް: ނަހުލާ
ފިހާރަ/ ކެފޭތައް ހުޅުވާފައި ބެހެއްޓޭ ގަޑި އިތުރުކޮށްފި
ހެނދުނު 6 އިން ފެށިގެން ދެން ފިހާރަތައް ހުޅުވޭނެ
އެޗްޕީއޭގެ އުސޫލާ ޚިލާފުވާ ތަންތަން ޖޫރިމަނާ ކުރަނީ