Roadha Mihaaru
އާޓިފިޝަލް ބީޗު ސަރަހަައްދުން ބައެއް ހުސްކޮށްފި

ވެހިކަލްތައް ނަގައި އާޓިފިޝަލް ބީޗު ސަރަހަައްދުން ބައެއް ހުސްކޮށްފި

14 ޖެނުއަރީ 2019

ޕާކިން ޒޯނަކަށް ވެފައި އޮތް އާޓިފިޝަލް ބީޗް ސަރަހައްދުން ބައެއް ވެހިކަލްތައް ނަގައި އެ ތަން މާލޭ ސިޓީ ކައުންސިލުން ހުސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕާކިން ޒޯނަކަށް ވެފައި އޮތް އާޓިފިޝަލް ބީޗް ސަރަހައްދުން ބައެއް ވެހިކަލްތައް ނަގައި އެ ތަން މާލޭ ސިޓީ ކައުންސިލުން ހުސްކޮށްފި އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މިއަދު ވިދާޅުވީ، އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިން ސްޓޭޖް ހުރި ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ވެހިކަލްތައް އެ ތަނުން މިދިޔަ ހުކުރު ދުވަހު ނަގާފައިވާ ކަމަށެވެ. ފުލުހުންގެ އެހީއާ އެކު، އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިން ސްޓޭޓް ހުރި ސަރަހައްދު ހުސްކޮށް އެތަނުގައި މިހާރު ވަނީ ޕާކް ކުރުން މަނާ ކަމަށް އަންގައި ކޯން ބަހައްޓައިފަ އެވެ. އަދި ދެ ފަރާތުން ވެސް އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ވަނީ ދަގަނޑު ހޮޅިތަކެއް ޖަހައިފަ އެވެ.

"އާޓިފިޝަލް ބީޗަށް ވަދެ ނުކުމެ އުޅެން ދަތި ނުވާނެ ގޮތަށް އެ ސަރަހައްދުގެ މެދާ ދިމާލުން މި ވަގުތަށް ހުސްކޮށްފައި އެ ހެރީ،" ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާޓިފިޝަލް ބީޗް ސަރަހައްދު އެއްކޮށް ހުސްކުރާނީ އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުންނެވެ.

ސިނަމާލެ ބްރިޖާ އެކު ބޮޑުތަކުރުފާނު މަގުގެ ބައެއްގައި ތާރު އަޅައި ހައިވޭ އަކަށް ބަދަލުކުރުމުން އެ މަގުގައި ޕާކް ކުރުން ވަނީ މަނާކޮށްފަ އެވެ. އެއާ އެކު، އުޅަނދުތައް އާޓިފިޝަލް ބީޗް ސަރަހައްދުގެ ތެރޭގައި ޕާކް ކުރުން އާންމުވެ، އެތައް ބައެއްގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ޒަމާނީ ފެންވަރަށް، ފަސް މަސް ދުވަހުގެ ތެރޭގައި އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީ ކުރަން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 13 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ވަނީ މިދިޔަ އަހަރުގެ މެއި މަހު ހަވާލުކޮށްފަ އެވެ. އާޓިފިޝަލް ބީޗް ސަރަހައްދުގައި ގައި ހިންގަމުން ގެންދިޔަ ކެފޭތައް ބަންދުކޮށް އެ ތަނުގައި އަޅާފައިވާ ސްޓޭޖް ތަޅާލާފައި ވަނީ އެ ސަރަހައްދު ތަރައްގީ ކުރަން ކަމަށް ބުނެ އެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް ކުރިން ވިދާޅުވެފައި ވަނީ އެ މަސައްކަތް ލަސްވަނީ އެ ކުންފުނިން ހުށަހެޅި ޑިޒައިން ޔާމީންގެ ސަރުކާރަށް ކަމުނުދާތީ އަލުން ޑިޒައިން ކުރަން ޖެހި އަދި މިހާރުގެ ސަރުކާރުން އެ ޕްރޮޖެކްޓް ރިވައިޒް ކުރާތީ ކަމަށެވެ.