Roadha Mihaaru
ޕާކިން ސިސްޓަމް ނަގައި ހީނާމާގެ އަލުން ޕާކިން ޒޯނަކަށް

ޕާކިން ސިސްޓަމް ނަގައި ހީނާމާގެ އަލުން ޕާކިން ޒޯނަކަށް ހަދަނީ

17 އޯގަސްޓް 2019

ހ. ހީނާމާގޭ ހުރި ސަރަހައްދުގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް ނަގައި އަލުން ޕާކިން ޒޯނެއް ހަދަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހ. ހީނާމާގޭ ހުރި ސަރަހައްދުގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް ނަގައި އަލުން ޕާކިން ޒޯނެއް ހަދަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ސައިކަލް ޕާކް ކުރެވޭ ގޮތަށް ހީނާމާގޭގައި ޕާކިން ޒޯނެއް ހަދާފައި ވަނިކޮށް މިދިޔަ ސަރުކާރުގައި އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް މެކޭނިކަލް ޕާކިން ސިސްޓަމެއް ބެހެއްޓި އެވެ. އެކަމަކު، މެކޭނިކަލް ޕާކިން ސިސްޓަމްގެ ބޭނުން އެއްވެސް ގޮތަކަށް ހިފޭ ގޮތެއް ނުވެ، އެ ސިސްޓަމްގައި ދަބަރު ޖެހި އެވެ.

އެ ތަނުގައި އެންމެ ފުރަތަމަ ޕާކިން ޒޯނެއް ހެދީ 300 އެއްހާ ސައިކަލް ޕާކް ކުރެވޭ ގޮތަށެވެ. ހީނާމާގޭ ހުރި ހުސް ބިމުގައި ބެހެއްޓީ ސައިކަލަށް ހާއްސަ މެކޭނިކަލް ޕާކިން ސިސްޓަމެކެވެ.

ހީނާމާގޭ ހުރި ސަރަހައްދު ސާފު ކުރަނީ.

ހީނާމާގޭ ހުރި ސަރަހައްދު ސާފު ކުރަނީ.

މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ހީނާމާގޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނަގައި އަލުން ޕާކިން ޒޯނަކަށް ހަދަން ނިންމީ މަޖީދީމަގުގައި ޕާކް ކުރުން މަދުކޮށް، ހިނގާބިނގާވެ އުޅޭ މީހުންނާއި ވެހިކަލް ދުއްވާ މީހުންނަށް އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އެތަނުގައި ހަތަރު ފުރޮޅުލީ އުޅަނދާއި ދެ ފުރޮޅުލީ އުޅަނދަށް ވެސް ޕާކް ކުރެވޭނެ ގޮތް ހަދާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ.

"މީގެ ކުރިން ހެދި ޕާކިން ޒޯނާ ތަފާތުވާނެ. އަޅުގަނޑުމެން އާންމުކޮށް ޕާކިން ޒޯންތައް މި ދަނީ ތިމާވެއްޓާ ރައްޓެހި ގޮތަށް ފެހިކޮށްގެން،" ޝަމާއު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން އެތަނުގެ މަސައްކަތް ނިންމުމެވެ.

ހީނާމާގޭ ހުރި ސަރަހައްދު އެންމެ ފުރަތަމަ ހެދި ޕާކިން ޒޯން.

ހީނާމާގޭ ހުރި ސަރަހައްދު އެންމެ ފުރަތަމަ ހެދި ޕާކިން ޒޯން.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މި މަހުގެ ހަތް ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވީ ކުރީގެ ސަރުކާރުން ބެހެއްޓި ޕާކިން ސިސްޓަމްތައް "ބާ ދަގަނޑަށްވެ" އެއްލާލަން ޖެހިފައިވާ ކަމަށެވެ. ޕާކިން ސިސްޓަމްތަކެއް ހަދާފައި ހުއްޓަސް، ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޖެހިފައިވާ މާލެ އަށް ލުޔެއް ހޯދުމަށް މި ސަރުކާރާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މަޖީދިއްޔާ ސްކޫލާއިި ފިނޭންސް މިނިސްޓްރީ ކުރިމައްޗާއި ވެލާނާގޭ ކައިރީގައި އާއި އެމްއެމްއޭ ކައިރީގައި އާއި މާފަންނު ސަހަރާ ކައިރީގައި ޕާކިން ޒޯންތަކެއް ހަދައިފަ އެވެ.