Roadha Mihaaru
ކަޅުވަކަރު މިސްކިތް ބަހައްޓާނީ ދިރާގު ހިންގި ބިމުގައި

ކަޅުވަކަރު މިސްކިތް ބަހައްޓަނީ ދިރާގު އޮފީސް ކުރިން ހުރި ބިމުގައި: ހެރިޓޭޖް މިނިސްޓްރީ

03 ޖެނުއަރީ 2019

ތާރީޚީ ކަޅުވަކަރު މިސްކިތް ބަހައްޓާނީ ޗާންދަނީމަގު، ދިރާގު އޮފީސް ކުރިން ހުރި ބިމުގައި ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ތާރީޚީ ކަޅުވަކަރު މިސްކިތް ބަހައްޓާނީ ޗާންދަނީމަގު، ދިރާގު އޮފީސް ކުރިން ހުރި ބިމުގައި ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން މިއަދު ބުނެފި އެވެ.

ކުރީގެ ސަރުކާރުން ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަލްޓަން ޕާކުގައި ކުރިން ހުރި އެ މިސްކިތް އެ ޕާކް ތެރޭގައި އަލުން ބަހައްޓަން ވަޒީރުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މިސްކިތް ބަހައްޓާނީ ޗާންދަނީމަގާއި މެދު ޒިޔާރަތްމަގު ގުޅޭ ކަންމަތިން، ކުރިން ދިރާގު އޮފީސް ހުރި ބިމުގައި ކަމަށެވެ. އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާ ދިނުމާއި މަރާމާތު ކުރަންޖެހޭ ބައިތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މިސްކިތް ބަހައްޓާ ބިމުގެ ކުރެހުންތައް ތައްޔާރުކުރުމާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ރޭވުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ހިލޭ ސާބަހަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ކަޅުވަކަރު މިސްކިތް ކުރިން ބަހައްޓާފައި ހުރީ ސަލްޓަން ޕާކްގައި މިހާރު ވިންޓަ ކޯނާ ހަދާފައި ހުރި ތަނުގަ އެވެ. އެތަނުން އެ މިސްކިތް ނެގީ ސަލްޓަންޕާކް ތަރައްގީކުރުމަށެވެ.