Roadha Mihaaru
ހައިއެޗީވާސް ސްކޮލަޝިޕުން އޯއީސީޑީ ގައުމުތަކުން ކިޔެވޭނެ

ހައި އެޗީވާސް ސްކޮލަޝިޕުން އޯއީސީޑީ ގައުމުތަކުން ކިޔެވޭ ގޮތް ހަދައިފި

31 ޑިސެމްބަރ 2018

އޭ ލެވެލް އިމްތިހާނުން ރާއްޖެއިން ދެ ވަނަ ލިބޭ ދަރިވަރުންނަށް ދެމުން އަންނަ ހައި އެޗީވާސް ސްކޮލަޝިޕުގައި އޯއީސީޑީ ގައުމުތަކުން ވެސް ކިޔެވޭ ގޮތަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭ ލެވެލް އިމްތިހާނުން ރާއްޖެއިން ދެ ވަނަ ލިބޭ ދަރިވަރުންނަށް ދެމުން އަންނަ ހައި އެޗީވާސް ސްކޮލަޝިޕުގައި އޯއީސީޑީ ގައުމުތަކުން ވެސް ކިޔެވޭ ގޮތަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބަދަލުކޮށްފި އެވެ.

ފަސް މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށް މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަ އެ ސްކޮލަޝިޕުގައި ކުރިން ކިޔެވެނީ ސާކް ގައުމުތަކުގެ އިތުރުން މެލޭޝިޔާ އާއި ތައިލެންޑާއި ޕިލިޕީންސް އަދި ޗައިނާ އިންނެވެ. ނަމަވެސް އެ ގައުމުތަކުގައި ދަރިވަރަކު ކިޔަވަން ބޭނުންްވާ ކޯހެއް ނުހިންގާ ނަމަ އެހެން ގައުމަކުން ވެސް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު އެއީ މަތީ ތައުލީމުގެ ކަންތައްތައް ބަލަހައްޓަމުން އޭރު އައި ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަންގެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ވުރެ އަގު ހެޔޮ ނުވަތަ އެއްވަރުގެ ހަރަދުތަކެއް ހިނގާ ނަމަ އެވެ.

މިނިސްޓަރު ވިދާޅުވީ ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ މޮޅު ދަރިވަރުންނަކީ ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުން ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުން ކަމަށެވެ. އެހެންވެ އަލަށް ގެނައި ބަދަލުގައި ހިމެނިފައިވަނީ އެ ދަރިވަރުން އެންމެ ދާން ބޭނުންވާ ގައުމުތައް ކަމަށް ވިދާޅުވި އެވެ.

އޯއީސީޑީ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ނިއުޒިލެންޑް އަދި ފިންލެންޑް ފަދަ ތައުލީމީ ގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތައް ހިމެނެ އެވެ.

ހައި އެޗީވާސް ސްކޮލަޝިޕަށް ޝަރުތު ހަމަވިއަސް އެ ފުރުސަތުގައި ކިޔެވޭނީ، ސްކޮލަޝިޕުގައި ކިޔެވުމަށް މިނިސްޓްރީން ހުޅުވާލާ މުއްދަތުގައި ކުރިމަތިލާ ދަރިވަރުންނަށް އެކަންޏަށެވެ.

މިިދިޔަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ އޭ ލެވެލް އިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދެ ސްކޮލަޝިޕެއް ދެމުންނެވެ. އެއީ ހައި އެޗީވާސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕެވެ. ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވޭ ގޮތަށް އޮންނަ ރައީސްގެ ސްކޮލަޝިޕް މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަނީ ފަސް މާއްދާ އިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ.

ދުނިޔޭގެ ކޮންމެ ގައުމަކުން ކިޔެވުނަސް ރައީސްގެ ސްކޮލަޝިޕްގައި މީގެ ކުރިން ކިޔެވެނީ ސްކިލް ޝޯޓޭޖް ލިސްޓުގައި ހިމެނޭ ދާއިރާތަކުގެ ތެރެއިންނެވެ. ނަމަވެސް އެކަން ބަދަލުކޮށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ދަރިވަރަކު ބޭނުންވާ ދާއިރާއަކުން، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ކިޔެވޭނެ ފުރުސަތު ދީފަ އެވެ