Roadha Mihaaru
"ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯނު ލިބޭނެ"

ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް މި އަހަރު ސްޓޫޑެންޓް ލޯނު ދޭން ރައީސް ނިންމައިފި

31 މެއި 2023

ސްޓޫޑެންޓް ލޯނަށް މި އަހަރު ޝަރުތު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސްޓޫޑެންޓް ލޯނަށް މި އަހަރު ޝަރުތު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

މީގެ ކުރިން ސްޓޫޑެންޓް ލޯނު ދޫކުރަމުން އައީ ރާއްޖެ އާއި ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރަން ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ވަކި އަދަދެއްގެ ދަރިވަރުންނަށެވެ.

އޭލެވެލް ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން މި އަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި 1225 ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަހަރު މި ދޭ 1225 ލޯނާ އެކު، މި ސަރުކާރުން ފެށި ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ސްޓޫޑެންޓް ލޯނުގެ ޖުމުލަ 3211 އަށް އަރާނެ," ރައީސް ވިދާޅުވި އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލް މާދަމާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސްޓޫޑެންޓް ލޯނުގެ އުސޫލު ކުރިން އޮންނަ ގޮތުން ކިޔެވުން މެދުކަނޑައިލާ ދަރިވަރުންނަށް އަލުން ލޯނުގެ ފުރުސަތު ނުލިބެ އެވެ.

ސްޓޫޑެންޓް ލޯނު ނެގި ފަހުން އެކި ސަބަބުތަކާ ހުރެ ކިޔެވުން މެދުކަނޑައިލި 120 ދަރިވަރަކަށް، އަލުން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މި ފަހަރު ދޭން ނިންމާފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިބްރާހިމް ހަސަން ވަނީ ވިދާޅުވެފަ އެވެ.

މަތީ ތައުލީމަށް ކިޔެވުމަށްޓަކައި ސަރުކާރުން ދޫކުރާ ލޯނު ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ވަނީ 1986 ދަރިވަރަކަށް ދޫކޮށްފައިވެ އެވެ. މިގޮތުން މިހާރުވެސް 32 ގައުމެއްގައި 800 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ލޯނުގެ އެހީގައި ކިޔަވަމުންނެވެ.