Roadha Mihaaru
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ވައުދުތައް ފުރިހަމަކޮށްފި

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ވައުދުތައް ފުރިހަމަކޮށްފި

27 މާޗް 2019

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅި ކަންކަން މިއަދު ހާސިލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅި ކަންކަން މިއަދު ހާސިލްކޮށްފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައެޅި ހަތް ކަމެއް ހާސިލްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަތީ ތައުލީމް ހާސިލްކުރުމަށް އިންޓަރެސްޓް ކުޑަ ލޯނު ހަމަޖެއްސުމާއި ރާއްޖޭގައި ހިލޭ ޑިގްރީ އަށް ކިޔެވުމާއި އޭ ލެވެލް އިން ރާއްޖެ އިން އެއްވަނަ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ބޭނުން ސަބްޖެޓެއް ކިޔެވުމުގެ ފުރުސަތާއި ހަޔަ އެޗީވާސް ސްކޮލަޝިޕުގައި އޯއީސީޑީގެ ގައުމުތަކުން ކިޔެވޭނެ މަގާއި ޓްރެއިނިންގް ނީޑް އެނަލަސިސް ހެދުން ހިމެނެ އެވެ. އޭގެ އިތުރުން ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓް ހިންގުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ގާނޫނީ ބާރުދިނުން ހިމެނެ އެވެ. ނަމަވެސް އެމްކިއު އަށް ބާރުދިނުމާ ބެހޭ ބިލް އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ.

ނޭޝަނަލް ޓްރެއިނިން ނީޑްސް އެނަލިސިސް އަކީ ގައުމަށް ބޭނުންވާ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކަކީ ކޮބައިކަން ދެނެގަތުމަށް ހެދި އެނަލިސިސް އެކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ސަރުކާރާއި އަމިއްލަ ސެކްޓާގައި މަސައްކަތްކުރާ 150 އަށް ވުރެ ގިނަ މީހުންނާ މަޝްވަރާކުރި އެވެ. އެ ރިޕޯޓުގައި، މީހުން ތަމްރީނުކުރުމަށް ބޭނުންވާ 12 ދާއިރާއެއް ކަނޑައަޅާފައި ވެ އެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާއާ ގުޅުން ހުރި އެކި ދާއިރާތަކާއި ޓޫރިޒަމް ދާއިރާ އާއި ކޮންސްޓްރަކްޝަނާއި ވިޔަފާރި އާއި އިގްތިސާދުގެ އިތުރުން މަސްވެރިކަމާ ގުޅުން ދާއިރާތައް ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ގިނަ ދުވަސްތަކަށް ފަހު ނީޑްސް އެނަލިސިސްއެއް ހެދުމުން އެންމެ ބޮޑަށް ފާހަގަވީ އާ ދާއިރާތަކަކަށް މީހުން ތަމްރީނުކުރަން ބޭނުންވާ ކަމެވެ. އޭގެ ތެރެއިން ގެސްޓު ހައުސް މެނޭޖުމަންޓާއި އިސްލާމިކް ބޭންކިން އާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ބިގް ޑޭޓާ އެނަލިސިސް ހިމެނެ އެވެ.

ސަރުކާރުން ވަޒީފާތަކަށް މީހުން ތަމްރީނުކުރާއިރު އިސްކަންދޭނީ އެ ދާއިރާތަކަށް ކަމަށް އޭނާ ދާޅުވި އެވެ.