Roadha Mihaaru

މި ވައުދުތަކަށް ރައީސް ދެއްވީ 100 ޕަސެންޓް!

28 މާޗް 2019

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި، "ޗެލެންޖެކެ"ވެ. ރައްޔިތުންނަށް ދެއްވި ޔަގީންކަމާ އެކު ނަތީޖާ ނެރެދެއްވޭނީ އަމާޒުތަކެއް ކަނޑައަޅުއްވައިގެން ކަމަށް އަމިއްލަފުޅަށް ގަބޫލުކުރެއްވީ އެވެ. އެ ވާހަކަފުޅު ވިދާޅުވި އިރު އިންނެވީ ވަރަށް ހިތްހަމަޖެހިވަޑައިގެންފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި، "ޗެލެންޖެކެ"ވެ. ރައްޔިތުންނަށް ދެއްވި ޔަގީންކަމާ އެކު ނަތީޖާ ނެރެދެއްވޭނީ އަމާޒުތަކެއް ކަނޑައަޅުއްވައިގެން ކަމަށް އަމިއްލަފުޅަށް ގަބޫލުކުރެއްވީ އެވެ. އެ ވާހަކަފުޅު ވިދާޅުވި އިރު އިންނެވީ ވަރަށް ހިތްހަމަޖެހިވަޑައިގެންފަ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވައުދު ފުންޏެއް ރައްޔިތުންނަށް އޮއްސާލެއްވި ނަމަވެސް މަސައްކަތުގެ ފުރަތަމަ 100 ދުވަހަށް ކަނޑައެޅުއްވީ 19 ދާއިރާއަކުން 56 ވައުދެކެވެ. އޭގެ ތެރޭގައި ހިމެނުއްވީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އެންމެ އަވަހަށް ލުޔެއް ހޯދައި ދެއްވޭނެ ކަންކަމެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވާނީ އަންނަ މަހުގެ 11 އަށެވެ.

މަގާމުގެ ފުރަތަމަ 100 ދުވަހާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކުގެ 83 ޕަސެންޓް ހާސިލްވުމަކީ ރަސްމީ މަސައްކަތުގެ ތިން މަހަށް ބަލާއިރު ރަނގަޅު ނަތީޖާއެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެއާއެކު ވެސް ސަރުކާރަށް މާކްސް ދިނުން ދޫކޮށްލެއްވީ ރައްޔިތުންގެ އަތްމައްޗަށެވެ. އެއީ އެމަނިކުފާނުގެ އާންމު އުސޫލެވެ. އަމިއްލަފުޅަށް ކަންކަމުގެ ކްރެޑިޓް ނެންގެވުމުގެ ބަދަލުގައި، އެހެން މީހުންގެ ވިސްނުމަށް ދޫކޮށްލެއްވުމެވެ.

ދައުލަތުގެ ތެރޭގައި ހިންގަމުން ދިޔަ ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ޝަރުއީ ދާއިރާ އިސްލާހުކުރުން ފަދަ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް އަމާޒު ހިއްޕެވި މިސްރާބަށް އެކަންކަން ނުދިޔަ ނަމަވެސް އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހު 100 ޕަސެންޓް ދެއްވާ ބައެއް ވައުދުތައް އެބަ ހުއްޓެވެ.

އެންމެ ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވަނީ، ރައީސް ވިދާޅުވި ގޮތުގައި، ތައުލީމީ ދާއިރާގެ ވައުދުތަކާއި ވިހެއުމުން ދޭ ޗުއްޓީ އިތުރު ކުރުމުގެ ސިޔާސަތުން ރައްޔިތުންނަށް ލުޔެއް ހޯދައި ދެއްވުނު ކަމަށް ގަބޫލު ކުރެއްވޭތީ އެވެ.

"އަޅުގަނޑު އެންމެ ކުރަން ބޭނުންވި ދެ ކަންތައް އެއީ. ފުރަތަމަ ކަމަކީ ތައުލީމާ ބެހޭ ގޮތުން ނިންމުނު ކަންތައް. ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ފުރުސަތާއި ލުއި ގޮތެއްގައި ލޯނު ހަމަޖައްސައިދިނުމާއި ކިޔަވާ ކުދިންނަށް ހިލޭ ނާސްތާ ސްކޫލްތަކުގައި ފެށުން،" ރައީސް އޮފީހުގައި ދެއްވި ޚާއްސަ އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"މެޓާނިޓީ ލީވް [ވިހެއުމުން ދޭ ޗުއްޓީ] އިތުރުކުރުމުގެ ސިޔާސަތާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ."

ރައީސް ގަބޫލުފުޅުކުރައްވާ ގޮތުގައި އެއީ ސަރުކާރުން ރައްޔިތުންނަށް ކޮށްދެވޭނެ ރަނގަޅު ކަންކަމުގެ ތެރެއިން ދެ ކަންތަކެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހާ ގުޅޭ ގޮތުން ރައީސް "މިހާރު" އަށް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: އަލީ ނިޝާން/މިހާރު

ސަރުކާރުގެ ފުރަތަމަ 100 ދުވަހާ ގުޅޭ ގޮތުން ރައީސް "މިހާރު" އަށް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: އަލީ ނިޝާން/މިހާރު

ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް: ބޮޑު ލުޔެއް

ވިހެއުމާ ގުޅިގެން ސިވިލް ސާވިސް މުވައްޒަފުންނަށް ކުރިން ކަނޑައަޅާފައި އޮންނަނީ ތިން މަހުގެ މެޓާނިޓީ ލީވެކެވެ. ފިރިންނަށް ޗުއްޓީގެ ގޮތުގައި ދެނީ ތިން ދުވަހެވެ. މިއީ، ޝަކުވާ ކުރާތާ އެތައް ޒަމާނެއް ވި އިރު ވެސް ހައްލު ނުހޯދިފައި އޮތް މައްސަލައެކެވެ.

މެޓާނިޓީ ލީވްގެ ގޮތުގައި މައިންނަށް ހަ މަސް ދޭން އިއުލާން ކުރުމާ އެކު އެއް ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވި އެވެ. އެއީ، ސިވިލް ސާވިސް އަށް ބޮޑު ގެއްލުމެއް ވާނެ ނިންމުމެއް ކަމަށް އެއް ބަޔަކަށް ގަބޫލުކުރެވުނަސް މެޓާނިޓީ ލީވްގެ ގޮތުގައި ހަ މަސް އަދި ފިރިންނަށް ޕެޓާނިޓީ ލީވްގެ ގޮތުގައި އެއް މަސް ހަމަޖައްސަން ނިންމެވީ، ރައީސް ވިދާޅުވި ގޮތުގައި، ދިރާސާތަކެއް ކޮށްފަ އެވެ.

ސިވިލް ސާވިސް މުވައްޒަފުންތަކެއް: ވިހެއުމުން ދޭ ޗުއްޓީ އިތުރުކޮށް، އެ ސިޔާސަތަށް ވަނީ އަމަލުކުރަން ފަށާފައި..-- މިހާރު ފޮޓޯ

ސިވިލް ސާވިސް މުވައްޒަފުންތަކެއް: ވިހެއުމުން ދޭ ޗުއްޓީ އިތުރުކޮށް، އެ ސިޔާސަތަށް ވަނީ އަމަލުކުރަން ފަށާފައި..-- މިހާރު ފޮޓޯ

އެ ސިޔާސަތު ކަނޑައެޅުއްވި އިރު ވިސްނުން ގެންގުޅުއްވި ބައެއް ހިސާބުތައް ވެސް، ވަރަށް ސާފުކޮށް، ރައީސް ވިދާޅުވެދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިވިލް ސާވިސްގައި ޖުމްލަ 16،389 އަންހެން މުވައްޒަފުން މަސައްކަތް ކުރާ އިރު ވޭތުވެދިޔަ އަހަރުތަކުގައި ވިހެއުމާ ގުޅިގެން އަހަރަކު ޗުއްޓީ ނަގަނީ އޭގެ ތެރެއިން ނުވަ ޕަސެންޓް މީހުން ކަމަށެވެ. ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި އެއީ އަހަރެއްގެ މައްޗަށް 1،464 މީހުންނެވެ.

އެތަން ފޫބެއްދުމަށް ސަރުކާރަށް އިތުރަށް ހޯދަން ޖެހޭ މުވައްޒަފުންގެ އަދަދަކީ، ރައީސް ވިދާޅުވި ގޮތުގައި، 414 އެވެ. އެ އަދަދަށް މުވައްޒަފުން އިތުރުކުރަން ނިންމައި އެ ސިޔާސަތު ތަންފީޒު ކުރަން ހޭދަވާނީ އަހަރަކު ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ. މި އަހަރުގެ ބަޖެޓުގައި އެ ފައިސާ ވަނީ ހިމަނައިފަ އެވެ.

"އަޅުގަނޑު ހިތުން އެއީ ފައިސާ ހޯދައިގެން ނަމަވެސް ކުރަން ޖެހޭނެ ކަމެއް. އެއީއަކީ ބަޖެޓަށް ބުރައެއް ވެގެން އަޅުގަނޑުމެން ދޫކޮށްލައިގެން ވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން އެކަން ކުރަން ޖެހޭނެ. އަޅުގަނޑު ހިތުން ދެން އަންނަ ސަރުކާރުތަކުން ވެސް އެކަން ދަމަހައްޓާނެ."

ރައީސް ވިދާޅުވި ގޮތުގައި އެކަން ފެށީ މި ސަރުކާރަށް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "މިހާރު" އަށް އިންޓަވިއުދެއްވަނީ --ފޮޓޯ: އަލީ ނިޝާން/މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "މިހާރު" އަށް އިންޓަވިއުދެއްވަނީ --ފޮޓޯ: އަލީ ނިޝާން/މިހާރު

ހިލޭ ނާސްތާ، ޑިގްރީ އަދި ލުއި ލޯނު

ޒުވާނުން ބިނާކުރުމުގެ ވިސްނުމާ އެކު މި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ތައުލީމީ ދާއިރާ އެވެ. އެ ދާއިރާ އަށް މި އަހަރުގެ ބަޖެޓުގައި 3.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ތައުލީމަށް މިހާ ބޮޑު ހޭދައެއް ކުރަން ނިންމި ފުރަތަމަ ފަހަރެވެ.

ދަރިވަރުންނަށް ހިލޭ ނާސްތާ ދޭން ފެށުމަކީ ރާއްޖެ އަށް މުޅިން އާ ކަމެކެވެ. މާލެ އާއި ރަށްރަށް ހިމެނޭ ގޮތުން 25 ސްކޫލެއްގައި ވަނީ ނާސްތާ ދޭން ފަށައިފަ އެވެ. ފުރަތަމަ ޓާމްގައި އަޖުމަ ބެލުމަށް ފަހު ސަރުކާރުން ނިންމާފައި އޮތީ، ހުރިހާ ސްކޫލްތަކަކަށް ފުޅާކުރާށެވެ.

ދަރިވަރުންނަށް ނާސްތާ ދޭން ފެށުމަށް، އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނަށް ނާސްތާ ދެނީ..--ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަރިވަރުންނަށް ނާސްތާ ދޭން ފެށުމަށް، އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނަށް ނާސްތާ ދެނީ..--ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެންނަށް މަތީ ތައުލީމް ފޯރުކޮށް ދިނުމުގެ ވައުދާ އެކު ޑިގްރީ އަށް ހިލޭ ކިޔެވޭނެ އިންތިޒާމް ވެސް ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ. ސަރުކާރުގެ އަންދާޒާ އަކީ އެކަމަށް މި އަހަރު 156 މިލިއަން ރުފިޔާ ޚަރަދުވުމެވެ.

މީގެ އިތުރުން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް، ލޯނު ދައްކަން ޖެހޭ މުއްދަތު 25 ޕަސެންޓަށް ވަނީ އިތުރުކޮށްފަ އެވެ. އެ ބަދަލާ އެކު އެންމެ މަތިން ލޯނު ނަގާ ދަރިވަރުން މަހަކު ދައްކަން ޖެހޭ އަދަދުން ގާތްގަނޑަކަށް 4،000 ރުފިޔާ އުނިވެގެން ދާނެ އެވެ.

އެ ލޯން ސްކީމްގައި، ސާކް ގައުމުތަކުގެ އިތުރުން މެލޭޝިއާ އާއި ތައިލެންޑާއި ފިލިޕީންސް އަދި ޗައިނާ އިން ކިޔެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމުގެ ޔަގީން ކަން ސަރުކާރުން ވަނީ ދީފަ އެވެ.

ރައްޔިތުންނަށް ފުރިހަމަކޮށްދޭން ހުރި ކަންކަަމަށް ބަލާއިރު 100 ދުވަހަކީ ސަރުކާރަކާ ދޭތެރޭގައި ހިސާބު ޖަހަން އެންމެ ރަނގަޅު މުއްދަތަކަށް ނުވެދާނެ އެވެ. އެހެންކަމުން މި މުއްދަތުގައި ނުފުއްދި ހުރި ވައުދުތަކާ އެކު ފަސް އަހަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އާ ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ.

ނަތީޖާ ނެރުއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެން ވެސް ބޭނުންފުޅުވަނީ އަމާޒުތަކެއް ކަނޑައަޅުއްވައިގެން ސަރުކާރުން މަސައްކަތްކުރުމެވެ. އަވަސްއަރުވާލައިގެން ކަންކަން ކުރެއްވުމުގެ ބަދަލުގައި، އެމަނިކުފާނުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ކުރިއަށް ގެންދެވުމެވެ.

ދެން އޮތް ޗެލެންޖަކީ ރައްޔިތުންނަށް ވެވަޑައިގަތް އެންމެ މުހިއްމު ވައުދުތައް، އާއްމު އިންތިޚާބު ނިމުމާ އެކު، ފުއްދެވުމެވެ. ކުރިފުޅުމަތީގައި ދެން ވެސް އޮތީ ގޮންޖެހުން ކަން އެމަނިކުފާނު ގަބޫލުފުޅު ކުރައްވަ އެވެ. އެކަމަކު ރައީސްގެ ވާހަކަފުޅު ސާފުވެފައި ސީދަލެވެ؛ އޮތީ ކުރިއަށް ދިއުމެވެ.