28 މާޗް 2019
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކޮށްފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާން ކުރައްވައިފި އެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކޮށްފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާން ކުރައްވައިފި އެވެ.
ސަރުކާރުގެ މަސައްކަތުގެ 100 ދުވަސް ފާހަގަކުރަން ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކަރަންޓުގެ އަގަށް ސަރުކާރުން ހެޔޮ ބަދަލެއް ގެނައީ، އަސާސީ ޚިދުމަތްތައް ދިނުމުގައި މާލެ އާއި ރަށްތަކާ ދެމެދު ހުރި ފަރަގު ނައްތައިލުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަކީ ވެސް ކަރަންޓުގެ އަގު ހެޔޮކުރި ސަބަބެއް ކަމަށް ވިދާޅުވި އެވެ.
"ކަރަންޓުގެ އަގަށް މި ގެނައި ބަދަލުތަކުގެ ލުއި، 1 މާޗް އިން ފެށިގެން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ. އަދި މި ލުއިތައް މި ތާރީޚުން ފެށިގެން އެޕްލައި ކުރެވި ގޭބިސީތަކާއި ވިޔަފާރިތަކުގެ ކަރަންޓު ބިލުން ފެންނަން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
އަންނަ މަހުގެ 11 ގައި ސަރުކާރަށް 100 ދުވަސް ފުރޭއިރު، ކަރަންޓުގެ އަގު ހެޔޮކުރުމަކީ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައެޅި އެއް ވައުދެވެ.
ގޭބިސީއަކުން ކަރަންޓު ބިލަށް 2،200 ރުފިޔާ ހޭދަކުރާ ނަމަ ދެން ދައްކަން ޖެހޭނީ ގާތްގަނޑަކަށް 1،700 ރުފިޔާ. --ރައީސް
ރައީސް ވިދާޅުވި ގޮތުގައި ކަރަންޓުގެ އަގު ހެޔޮކުރަން ނިންމާފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބަދަލަކަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަގު ނައްތާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ބަދަލާ އެކު ކަރަންޓު އަގު ކުރުމުގައި ޒަމާނުއްސުރެ މާލެ އާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަގު ނައްތައިލެވި މާލޭގައި ކަރަންޓަށް ނަގާ އަގާއި އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްގޮތް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ މަސައްކަތުގެ 100 ދުވަސް ފާހަގަކުރަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ވަޒީރުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަލީ ނިޝާން/މިހާރު
އެމަނިކުފާނު ވިދާޅުވީ ކަރަންޓުގެ އަގަށް އެ ބަދަލު ގެނައުމުން ރަށްރަށުގެ ގޭބިސީތަކުގެ ކަރަންޓު ބިލުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
"މިސާލަކަށް، ގޭބިސީއަކުން ކަރަންޓު ބިލަށް 2،200 ރުފިޔާ ހޭދަކުރާ ނަމަ ދެން ދައްކަން ޖެހޭނީ ގާތްގަނޑަކަށް 1،700 ރުފިޔާ،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، އެންމެ ބޮޑު އެއް ޝަކުވާ އަކީ، ރައީސް ވިދާޅުވި ގޮތުގައި، ރަށްރަށުގެ ވިޔަފާރިތަކުން ކަރަންޓަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމެވެ.
"އަޅުގަނޑުމެން ކަރަންޓުގެ އަގަށް މި ގެނައި ހެޔޮ ބަދަލުގެ ތެރޭގައި އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައް ވެސް އެއްހަމަ ކުރެވިފައި ވާނެ. މިގޮތުން އައްޑު އާއި ފުވައްމުލަކުގެ ބިޒްނަސް ކެޓަގަރީގެ ރޭޓުތަކާ އެއްވަރަށް އެހެން ރަށްރަށުގެ ބިޒްނަސް ކެޓަގަރީގެ އަގުތައް ވެސް ވާނީ ކުޑަކުރެވިފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ބަދަލާ އެކު ރަށްރަށުގެ ވިޔަފާރިތަކުން ކަރަންޓު ބިލަށް ދައްކަން ޖެހޭ މިންވަރު ބޮޑުތަނުން ކުޑަވެގެން ދާނެ ކަމަށެވެ. އެއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މަންފާ ސީދާ ރައްޔިތުންނަށް ލިބޭނެ ބަދަލުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
ކަރަންޓު ބިލަށް، ގާތްގަނޑަކަށް 4،600 ރުފިޔާ ދައްކަމުން އައި ވިޔަފާރިތަކުން ދެން ދައްކަން ޖެހޭނީ ގާތްގަނޑަކަށް 3،400 ރުފިޔާ. މިއީ، ރައްޔިތު މީހާގެ ޖީބަށް ވަންނަ އިތުރު 1،200 ރުފިޔާ. -- ރައީސް
ކަރަންޓުގެ އަގު ހެޔޮކުރުމުން ވިޔަފާރިތަކުން ހަކަތަ އަށް ކުރަންޖެހޭ ހޭދަ ކުޑަވެ ލިބޭ ފައިދާ އިތުރުވެ، ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް ވެސް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ބަދަލު ގެނައުމުން ރަށްރަށުގައި ކަރަންޓު ބިލަށް، ގާތްގަނޑަކަށް 4،600 ރުފިޔާ ދައްކަމުން އައި ވިޔަފާރިތަކުން ދެން ދައްކަން ޖެހޭނީ ގާތްގަނޑަކަށް 3،400 ރުފިޔާ. މިއީ، ރައްޔިތު މީހާގެ ޖީބަށް ވަންނަ އިތުރު 1،200 ރުފިޔާ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ 100 ދުވަސް ފާހަގަކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަލީ ނިޝާން/މިހާރު
ރައީސް ވިދާޅުވި ގޮތުގައި، ޑީސަލުން ނަގަމުން އަންނަ 5 ޕަސެންޓުގެ ޑިއުޓީ ކަނޑައިލުމުން ސަލާމަތްކުރެވޭ މިންވަރު ކަނޑައެޅުމަށް ފަހު އެ މިންވަރާ އެއްވަރަށް ހުރިހާ ކަރަންޓު ބިލަކުން ފިއުލް ޑިސްކައުންޓެއް ދޭން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ބަދަލުގެ ސަބަބުން ކަރަންޓުގެ އަގު އިތުރަށް ކުޑަކުރެވި މާލެ އާއި ރަށްރަށުގެ ހުރިހާ ގޭބިސީތަކާއި ވިޔަފާރިތަކަށް ވެސް އެކަމުގެ މަންފާ ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ކަރަންޓުގެ އަގު ހެޔޮކުރި ނަމަވެސް ދުރު ރާސްތާ އަށް ވިސްނާ އިރު ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފައްދަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ. ޖަނެރޭޓަރުގެ ބަދަލުގައި ފައިސާ ޚަރަދުކުރަން ޖެހިފައި ވަނީ ސޯލާ ޕެނެލާއި އިއާދަކުރަނިވި ހަކަތަ އުފައްދާ އެފަދަ ވަސީލަތްތަކަށް ކަމަށް ވިދާޅުވި އެވެ.
"އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނަމަ މިހާރަށް ވުރެ މާ ހެޔޮ އަގުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ކަރަންޓު އުފެއްދުމުގައި މި ސަރުކާރަށް ރެކޯޑެއް!
ހަތް މަސް ތެރޭގައި އެނބޫދޫ ފަޅަށް ދަތުރުދާން ފެށޭނެ
ކެމްޕެއިނަށް ނުކުންނެވުން، ރައީސަށް މަޖުބޫރުވި ހާލަތު!
ދިރިއުޅުމަށް ހެޔޮބަދަލުތަކެއް ގެނެސްދެވިއްޖެ: ރައީސް
މި ވައުދުތަކަށް ރައީސް ދެއްވީ 100 ޕަސެންޓް!
ސިޓީ ކައުންސިލްތައް އެކުލެވޭ ގޮތަށް ބަދަލު ގެންނަނީ
ކައުންސިލްތަކަށް މާލީ ބޮޑެތިބާރުތަކެއް ދޭން ހުށަހަޅައިިފި
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ވައުދުތައް ފުރިހަމަކޮށްފި
83 ޕަސެންޓު ހާސިލް ކުރެވުނު: ރައީސް
ނަފުސާނީބަލީގެ މީހުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވައިފި