Roadha Mihaaru
އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް އިފްތިތާހުކޮށްފި

އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް އިފްތިތާހުކޮށްދެއްވައިފި

19 އެޕްރީލް 2022

އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް ޕްރޮގްރާމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް ޕްރޮގްރާމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން 2022-2023 އަށް 44 ސްކޮލާޝިޕް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެއީ ހަތް އޮނަރަރީ ކޮންސުލްސްއެއްގެ އެހީތެރިކަމާ އެކު ހުޅުވާލާފައިވާ ސްކޮލާޝިޕްތަކެކެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް ޕްރޮގްރާމް ތައާރަފްކުރުމުގެ މަސައްކަތް 2019 ގައި ފެށީ މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުގެ ދަށުންނެވެ.

އެ ޕްރޮގްރާމު އިފްތިތާހުކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިވެހިންނަށް ކޮންސިއުލާ ހިދުމަތްތައް ފޯރުކޮށްދިނުމާއި ރާއްޖޭގެ އިގްތިސޯދީ އަދި ސަގާފީ މަސްލަހަތުތައް ކުރިއެރުވުމާއި އެ ގައުމުތަކުގައި ރާއްޖެ އަދި ދިވެހިން ތަމްސީލުކުރުމުގައި އޮނަރަރީ ކޮންސުލްތަކަކީ މުހިއްމު ދައުރެއް އަދާކުރާ ތަންތަން ކަމަށެވެ.

އެެހެންވެ، ފެންވަރު ރަނގަޅު ތައުލީމަކީ، ރާއްޖޭގެ ޒުވާނުންގެ ބޮޑު އާބާދީ އެމީހުންގެ މުސްތަގްބަލަށް ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކާ ކޮންމެހެން ބޭނުންވާކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 12،000 އަށްވުރެ ގިނަ ދަރިވަރުން އަންޑާގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ކަމަށެވެ. މިހާތަނަށް 2000 އަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން މަތީ ތައުލީމުގެ ސްކޮލާޝިޕްގެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރާނެ އެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 20،000 ދަރިވަރުންނަށް ހިލޭ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.