Roadha Mihaaru
އެސައިންމަންޓް ގަނެވިއްކުން ކުށަކަށް ވެއްޖެ!

އެސައިންމަންޓް ގަނެވިއްކުން ކުށަކަށް ވެއްޖެ!

16 މެއި 2021

ދަރިވަރުން އަމިއްލަ އަށް ކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް ލައްވައި ކުރުވުމާއި އެފަދަ މަސައްކަތްތައް އަގަށް ކޮށްދިނުމަކީ ކުށެއް ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ބިލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދަރިވަރުން އަމިއްލަ އަށް ކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް ލައްވައި ކުރުވުމާއި އެފަދަ މަސައްކަތްތައް އަގަށް ކޮށްދިނުމަކީ ކުށެއް ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ބިލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ފާސްކުރި މި ބިލް މިއަދު ތަސްދީގުކުރެއްވުމާ އެކު އެއަށް އަމަލުކުރަން ފަށާނެ އެވެ.

ރައީސް އޮފީހުން ބުނީ މި ގާނޫނަކީ ރާއްޖޭގައި ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނުދިނުމުގެ ނިޒާމެއް އެކަށައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް މަރުކަޒުތަކުން ދޭ ޚިދުމަތްތައް ކުރިއެރުވުމާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، އަދި މަތީ ތައިލީމާއި ތަމްރީނު ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ އެނޫން ވެސް އުސޫލުތައް ބަޔާންކުރާ ގާނޫނެއް ކަމަށެވެ.

"މި ގާނޫނަށް އަމަލުކުރުމުގެ މައިގަނޑު މަގުސަދަކީ ހަމަހަމަކަމާއެކު ދިވެހި އެންމެހައި ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވިފައިވާ، މަތީ ތައުލީމާއި ތަމްރީނުދިނުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކުރުމެވެ. ހަމަ އެއާއެކު، ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތައުލީމާއި ތަމްރީނުގެ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމާއި، އެ ޚިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެދުން ވެސް މިގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ،" އެ ބަޔާނުގައިވެ އެވެ.

އެސައިންމެންޓް ގަނެވިއްކުމުގެ ވިޔަފާރި އަށް ޖޫރިމަނާގެ އަދަބު

މި ބިލުގައިވާ ގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލަ އަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފި ނަމަ 5،000 ރުފިޔާ އިން އެ ދަރިވަރަކު ޖޫރިމަނާކޮށް، އަގަށް އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000 ރުފިޔާ އިން ޖޫރިމަނާކުރާނެ އެވެ.

އެކަމުގެ ސަބަބުން، ދަރިވަރުންނަށް ލިބެންޖެހޭ ހަގީގީ މަންފާ ގެއްލޭ ކަމަށާއި ރާއްޖޭގައި ފޯރުކޮށްދޭ މަތީ ތައުލީމުގެ ފެންވަރު ވެސް ދަށްވާ ކަމަށް ބިލު ދިރާސާކުރި މަޖިލީހުގެ ކޮމިޓީން ބުނެފައިވެ އެވެ. އެސައިންމެންޓް ގަނެވިއްކުމުގެ ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާ ތަނަކަށެވެ. އަދި އެ ފައިސާ ޖަމާކުރާނީ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށް ކަމަށް ވެސް ބިލުގައިވެ އެވެ.

އެފަދަ އަމަލެއް ދަރިވަރަކު ހިންގިތޯ ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް މަތީ ތައުލީމުދޭ ކޮންމެ މަރުކަޒެއްގައި ގާއިމުކޮށްފައި ހުންނަން ޖެހޭނެ ކަމަށް ބިލު ބުނެ އެވެ. ބިލުގައި ވަނީ ޖޫރިމަނާކުރުމަށް ފަހު، މަތީ ތައުލީމު ދޭ މަރުކަޒުގެ ގަވާއިދުގައި ބަޔާންކުރާ އިތުރު ފިޔަވަޅެއް ވެސް އެ ދަރިވަރަކާ މެދު އެޅުމަށް ހުރަހެއް ނެތް ކަމަށެވެ.

ތައުލީމީ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެ ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުރިން ހިނގަމުން އައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެންމެހައި މުވައްޒަފުން، އަލަށް އުފެއްދި އިދާރާއަށް ބަދަލުވާނެ އެވެ.

މި ބިލުގައިވާ ގޮތަށް މަތީ ތައުލީމު ދޭ މަރުކަޒުތަކުން އަމަލުކުރަމުންދޭތޯ ބަލައި އެތަންތަން މޮނިޓާކޮށް ފިޔަވަޅު އަޅާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލީހަށް ހުށަހެޅުއްވި މަތީ ތައުލީމުގެ ބިލު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުން ފާސްކުރީ 49 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.