Roadha Mihaaru
ބިދޭސީންގެ މިނިމަމް ވޭޖު މުއްދަތެއް ނެތި ފަސްކޮށްފި

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

21 ސެޕްޓެމްބަރ 2022

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު މަޖިލީހުން ފާސްކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު މަޖިލީހުން ފާސްކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސް މިއަދު ތަސްދީގުކުރައްވާފައިވާ ކަމަށެވެ. ބިލްގައިވާ ގޮތުން ތަސްދީގުކުރާ ދުވަހުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށާނެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެެނައި މައިގަނޑު އިސްލާހަކީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއް ނަމަ، ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކޮށް، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރު ދޭ ލަފާގެމަތިން، މިނިސްޓަރު ކުރާ އަމުރަށް، ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަން ޖެހޭ ތާރީހެއް، މިނިސްޓަރު ކަނޑައަޅައި، އާންމުކޮށް އިއުލާންކުރަން ވާނެ ކަމަށް ކަނޑައެޅުމެވެ.

މި އަހަރުން ފެށިގެން، ދިވެހި މުވައްޒަފުންނަށް މިނިމަމް ވޭޖު ދޭން ވަނީ ފަށައިފަ އެވެ. އެކަމަކު ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ދެ އަހަރަށް ފަސްކުުރުމަށް ސަރުކާރުން ކުރިން އޮތީ ނިންމައިފަ އެވެ.

އެކަމަކު، ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމަށް ރިއާޔަތްކޮށް، އެކަމުގެ ސަބަބުން ރާއްޖެ އަށް ވެސް އަސަރުކޮށްފާނެތީ، ސަރުކާރުން ހުށަހެޅީ ވަކި މުއްދަތެއް ނެތް ގޮތަށް ބިދޭސީންނަށް މިނިމަމް ވޭޖު ފަސްކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ. މަޖިލީހުން މިއަދު އެ އިސްލާހު ފާސްކުރީ 49 މެމްބަރުންގެ ވޯޓާ އެކު އެވެ.

މިނިމަމް ވޭޖު ދިނުން މަޖުބޫރުކޮށް، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރީ 2020 ވަނަ އަހަރުގަ އެވެ. އެ ގާނޫނުގެ ދަށުން ސަރުކާރުން މިނިމަމް ވޭޖެއް ކަނޑައަޅައި އެ އަށް އަމަލު ކުރަން ފެށީ ޖެނުއަރީ 2021 ގަ އެވެ.

ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ފަސްކުރުމުން، މީގެ ކުރިން ވެސް ބައެއް ޖަމިއްޔާތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގެއްލި، ހިއުމަން ޓްރެފިކިންގެ މައްސަލަ އިތުރަށް ގޯސްވެދާނެ ސަބަބެއް ކަމަށް އެ ޖަމިއްޔާތަކުން ބުންޏެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ ކުދި ވިޔަފާރިތަކަށް، މަހަކު 4،500ރ. އާއި މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7،000ރ. އާއި ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8،000ރ. އަދި ސިވިލް ސާވިސް އަށް މަހަކު 7،000ރ. އެވެ.