ހއ. ފިއްލަދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި ދެން ވެސް ހިމެނުނަށް ގޮވާލައި 450 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
21 ސެޕްޓެމްބަރ 2021
ހއ. ފިއްލަދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި ދެން ވެސް ހިމެނުނަށް ގޮވާލައި 450 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ދައްޕަރުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާ އެކު، މި ޕެޓިޝަން ހުށަހެޅީ ފިއްލަދޫގެ ކައުންސިލާއި އެ ރަށުގެ މީހުން ގުޅިގެން ކުރިއަށް ގެންދާ "ސޭވް ދައްޕަރު" ކެމްޕެއިންގެ ދަށުންނެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް އަންނަނީ މި ކެމްޕެއިނަށް އެހީތެރިވަމުންނެވެ.
ޕެޓިޝަންގައި ބުނީ، ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާ އަދި އެ ރަށު އޮފީހަށް ވެސް އާމްދަނީ ލިބޭ ތަނެއް ކަމަށެވެ. އެކަމަކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާ ގާނޫނުގެ ދަށުން އެ ރަށް ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވުމަށް ފަހު، ރައްޔިތުންނާ އެއްވެސް މަޝްވާރާއެއް ކުރެއްވުމެއް ނެތި، ފަހުން ފިއްލަދޫގެ އިހުތިސާސުން އެ ރަށް ވަކިކޮށްފައި ވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ގިނަ ކަމަށެވެ.
ހއ. ދައްޕަރު: އެތަން ފިއްލަދޫގެ އިހްތިސާސުން ބޭރު ކުރަން ވަނީ ނިންމާފައި.--
ފިއްލަދޫގެ މީހުން ބޭނުންވަނީ އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ވެސް ދައްޕަރު ހިމަނައި އެ ރަށް ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބޭ ތަނަކަށް ހެދުމަށް ކަމަށް 457 މީހުންގެ ސޮޔާ އެކު ހުށަހެޅި ޕެޓިޝަނުގައި ވެ އެވެ. އަދި ރައީސްގެ ނިންމެވުން އަލުން މުރާޖައާ ކޮށްދެއްވުމަށް ވެސް އެދުނެވެ.
ދައްޕަރަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ރިސޯޓު ތަރައްގީ ކުރަން ކަނޑައެޅި ސަރަހައްދެކެވެ. އަދި ފަހުން މި ސަރުކާރުގައި ވެސް އެ އެތަން ރިސޯޓު ތަރައްގީކުރަން ދޫކުރަން ނިންމި ނަމަވެސް އެ ތަން ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނީ ވެސް ރައީސްގެ ގަރާރަކުން މިދިޔަ އަހަރުގެ މާޗު މަހު އެވެ.
ނަމަވެސް، ފަހުން ރައީސް ނެރުއްވި ގަރާރެއްގައި ވަނީ އަނެއްކާ ވެސް ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކި ކުރައްވައިފަ އެވެ. އެގޮތަށް ނިންމެވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުންނެވެ.
ފިއްލަދޫ ކައުންސިލުން ބުނެފައި ވަނީ އެ ރަށުގެ އިހުތިސާސުން ދައްޕަރު ވަކިކުރީ ސަރުކާރުން އެ ކައުންސިލާ މަޝްވަރާ ނުކޮށް ކަމަށެވެ.
ހއ. ފިއްލަދޫގެ އިހުތިސާސުން އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު ވަކިކުރަން ނިންމި މައްސަލައިގައި ރައީސް އޮފީހާއި މަޖިލީހަށް ޕެޓިޝަން ހުށަހެޅުން.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު
"ސޭވް ދައްޕަރު" ކެމްޕެއިންގައި އިސްކޮށް އުޅޭ ފިއްލަދޫގެ ޒުވާނެއް ކަމަށްވާ މުހައްމަދު ވަހީދު "މިހާރު" އަށް ބުނީ މި ޕެޓިޝަނަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީން ކަން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި ޕެޓިޝަން ކޮމިޓީގެ ބޭފުޅުން ދެއްވި ކަމަށެވެ.
މި މައްސަލައިގައި އެ ރަށު ކައުންސިލާއި ރައީސް އޮފީހާ ދެމެދު މިހާރު ރަސްމީ މަޝްވާރާތައް ވެސް ފަށާފައި ވާތީ އުއްމީދު ވަރަށް ބޮޑު ކަމަށް އޭނާ ފާހަގަކުރި އެވެ.
ވަހީދު ބުނީ މި ކެމްޕެއިން ފަށަން ޖެހުނީ ލާމަރުކަޒީ ގާނޫނުން ރައްޔިތުންނަށް ލިބެން ޖެހޭ "ފޮނި މީރުކަން" ގެއްލިގެން ދިއުމުން ކަމަށާއި މިއަދު މި މަސައްކަތް ނުކޮށްފި ނަމަ، ރާއްޖޭގައި މި ގޮތަށް ދެން ހުރި ބޮޑެތި އެހެން ރަށްރަށުގެ ބިންތަކާއި ފަޅުތައް ގެއްލިގެން ދިއުމުގެ ބިރު އެބައޮތް ކަމަށެވެ.
ހއ. ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރަން ނިންމި މައްސަލައިގައި ރައީސް އޮފީހާއި މަޖިލީހަށް ޕެޓިޝަން ހުށަހެޅުން: "ސޭވް ދައްޕަރު" ޓީމުގައި އިސްކޮށް އުޅޭ މުހައްމަދު ވަހީދު ނޫސްވެރިންނާ ވާހަކަދައްކަނީ.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު
"ރައްޔިތުންގެ ބާރު ރައްޔިތުން މި ބޭނުން ކުރީ. ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންނާ ހިސާބުން. އެހާ ވަރަށް ރައްޔިތުން ކަމަކާ މެދު ގޮތް ނިންމަން ނުކުތީމާ، އެކަމާ ދެކޮޅަށް ނަހަދާނެ ކަމަށް އުއްމީދު ކުރަން،" ވަހީދު ބުންޏެވެ.
"މަޖިލީހުން ޔަގީންކަން ދެއްވި އެ ބޭފުޅުން މި އަށް އިހުމާލު ނުވާނެ ކަން. އެ ބޭފުޅުން ގެނައި ގާނޫނު އެ ބޭފުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވި."
މި މައްސަލަ ހައްލު ނުވެ އޮތުމުން ފިއްލަދޫގެ ލޭންޑް ޔޫސް އަދި ތަރައްގީ ޕްލޭނަށް ގޮތެއް ނުނިންމޭތީ، އެ ރަށުގެ ކައުންސިލަށް ވެސް ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން "ސޭވް ދައްޕަރު" އާ ގުޅެން ޖެހުނީ ރައީސްގެ މި ނިންމެވުމަކީ ގާނޫނަކުން އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރަކަށް ވިޔަސް، ރައްޔިތުންގެ އަޑުއެހުމެއް ނެތި މިކަން ކުރައްވަން އުޅުއްވާތީ ކަމަށް އެ ޖަމިއްޔާގެ ގްރާންޓްސް އެންޑް އައުޓްރީޗް މެނޭޖަރު ޝާޒިޔާ އަލީ ވިދާޅުވި އެވެ.
"މި މައްސަލައިގައި ރައްޔިތުންގެ އަޑުއެހުމަށް އަދި އެންމެ ރަނގަޅަށް މަސައްކަތް ކުރެވިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ހއ. ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރަން ނިންމި މައްސަލައިގައި ރައީސް އޮފީހާއި މަޖިލީހަށް ޕެޓިޝަން ހުށަހެޅުން: "ސޭވް ދައްޕަރު" ޓީމުގައި އިސްކޮށް އުޅޭ މުހައްމަދު ވަހީދު (މ) އާއި ޓްރާންސްޕޭރެންސީގެ ފަރާތުން ޝާޒިޔާ އަލީ (ކ) ނޫސްވެރިންނާ ވާހަކަދައްކަނީ.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު
"ޓްރާންސްޕޭރެންސީން މި ކަމާ ގުޅުމުގެ އެއް ބޭނުމަކީ މި ކަހަލަ ކަމެއް ހަމައެކަނި ދިމާވާނީ ދައްޕަރަށާއި ފިއްލަދޫ އަށް އެކަނި ނޫން ކަމަށް އެކަށީގެން ވާތީ، ދެ ވަނަ ފަހަރަށް މި ކަހަލަ ކަމެއް އެހެން ރަށަކަށް ވެސް ދިމާވިޔަ ނުދިނުމަށް،" ޝާޒިޔާ ވިދާޅުވި އެވެ.
ވަރަށް ރީތި މޫދަކާއި ގޮނޑުދޮށެއް އަދި ކުޅިއެއް ވެސް އޮންނަ ދައްޕަރަށް ފިއްލަދޫގެ ބާރު ނުހިނގާ ގޮތް ހެދި އިރު، އެ ތަނުގައި ވަކި ކަމެއް ކުރުމަށް ކައުންސިލުން ނިންމައިފައެއް ނުވެ އެވެ. ނަމަވެސް ކައުންސިލްގެ ވިސްނުން ހުރީ ރައްޔިތުންނާ މަޝްވަރާ ކޮށްގެން އެތަނުގައި ކުރެވޭނެ ވިޔަފާރިތައް ބެލުމެވެ.
ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ލީޒްކުރަން ވިސްނާ ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވެ އެވެ. އޭރު އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރަން ރާވަނީ ތަރައްގީ ކުރާ ތަންތަން ގަންނަ ފަރާތްތަކަށް ރާއްޖެއިން ރެޒިޑެންސް ވިސާ ލިބޭ ގޮތަށެވެ.
ދައްޕަރުގެ ތަރައްގީގެ ޕްލޭން ކައުންސިލުން ފަށަނީ
ދައްޕަރު ފިއްލަދޫގެ ބަޔަކަށް ހަދަން ރައީސް ނިންމަވައިފި
ފާތޭ، މަޖިލިހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް
ނަޝީދު ވަކިކުރަން ރައީސާ ވެސް މަޝްވަރާކުރި: މިއުވާން
މަޖިލިސް ހުޅުވުން އަންނަ މަހު 6 ގައި
އުފަންވާ ކުދިންގެ ރަޖިސްޓަރީ ލަސްކޮށްފިނަމަ ޖޫރިމަނާ
މަނާ ކެމިކަލް ހަތިޔާރާ ގުޅޭ ބިލު ތަސްދީގުކޮށްފި
ޓެކްސް ބޮޑުކުރުމުގެ އިސްލާހު ތަސްދީގުކޮށްފި
ބިދޭސީންގެ މިނިމަމް ވޭޖު މުއްދަތެއް ނެތި ފަސްކޮށްފި
އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލް ތަސްދީގުކޮށްފި