Roadha Mihaaru
އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލް ތަސްދީގުކޮށްފި

ވިޔަފާރިގައި ކުރާ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކޮށްދޭ ގާނޫނަށް އަމަލުކުރަން ފަށައިފި

27 އެޕްރީލް 2022

ވިޔަފާރިގައި ކުރާ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ގާނޫނީ ގޮތުން ކަށަވަރުކޮށްދޭ، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިޔަފާރިގައި ކުރާ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ގާނޫނީ ގޮތުން ކަށަވަރުކޮށްދޭ، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި މަހު 11 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތަސްދީގުކުރައްވައިފަ އެވެ.

އެ ގާނޫނު އުފެއްދީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމާއި އެ ނޫން ބޭނުންތަކުގައި ވެސް އިލެކްޓްރޯނިކް ދާއިރާއިން މުއާމަލާތުކުރުމާއި ޓްރަސްޓްގެ ހިދުމަތްތަކުގެ ބޭނުންކުރުން ކުރިއަރުވައި ތަރައްގީކުރުމަށެވެ. އަދި އެ ގާނޫނުގެ ދަށުން އިލެކްޓްރޯނިކް މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އެ ދާއިރާއިން މުއާމަލާތުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ޓްރަސްޓްގެ ހިދުމަތްތަކުގެ ބޭނުންކުރުމާ ގުޅޭ އުސޫލުތައް ހަދާނެ އެވެ.

ގާނޫނުގެ މަގުސަދުތައް

- އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ގާނޫނީ ގޮތުން ކަށަވަރުކޮށްދިނުން.

- އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ހިދުމަތްތައް ހިމެނޭ ގޮތަށް، ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދިނުން.

- އިލެކްޓްރޯނިކް މުއާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމާއި އެ ކަންކަމަށް ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުން.

- އިތުބާރު ހިފޭ ޓްރަސްޓްގެ ހިދުމަތްތައް މެދުވެރިކޮށް އިލެކްޓްރޯނިކް ދާއިރާއިން މުއާމަލާތުކުރުން ކުރިއަރުވައި، އެފަދަ މުއާމަލާތުކުރުމުގައި އާންމުންގެ އިތުބާރު ގާއިމުކުރުން.

އެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ގަވާއިދުތައް، މިއަދުން ފެށިގެން 10 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިުކުރަން ޖެހޭ ކަމަށް އެ ގާނޫނުގައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.