31 ޑިސެމްބަރ 2018
ރެއާލް މެޑްރިޑާއި ސްޕެއިނުގެ ލެޖެންޑް މިޝޭލް ސަލްގާޑޯ ކެޕްޓަންކަންކުރި އެފްއޭއެމްގެ ޓީމު އަތުން، އޭނާގެ ޓީމު 4-3 އިން ހޯދި މޮޅާ އެކު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު (އިއްމަ) ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުން މިރޭ ފާހަގަކޮށްފި އެވެ.
ރެއާލް މެޑްރިޑާއި ސްޕެއިނުގެ ލެޖެންޑް މިޝޭލް ސަލްގާޑޯ ކެޕްޓަންކަންކުރި އެފްއޭއެމްގެ ޓީމު އަތުން، އޭނާގެ ޓީމު 4-3 އިން ހޯދި މޮޅާ އެކު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު (އިއްމަ) ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުން މިރޭ ފާހަގަކޮށްފި އެވެ.
އެފްއޭއެމާއި މޯލްޑިވްސްފުޓްބޯލް ގުޅިގެން އިމްރާނުގެ ޝަރަފުގައި ރޭވި މި މެޗާ އެކު އިމްރާން ގައުމީ ޓީމަށް 17 އަހަރު ކުރި ހިދުމަތް ރަސްމީކޮށް ނިމުމަކަށް އައި ނަމަވެސް ކްލަބް ލެވެލްގައި އޭނާ ކުޅޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފްވެރިކޮށްދެއްވި މި މެޗަށް، ފަހަކަށް އައިސް ކުޅި ބަލަން ދަނޑަށް ވަންނަ ވަރަށް ވުރެ ގިނައިން ސަޕޯޓަރުން ވަނެވެ. އެކަމަކު މިފަދަ ޝަރަފްވެރި މެޗަކާ ބަލާއިރު ސަޕޯޓަރުންގެ އަދަދު ނިސްބަތުން މަދެވެ.
އިމްރާންގެ އަތުގައި ކޯޗު ސްޓޮއިކޯފް ކެޕްޓަން ބޭންޑް އަޅައިދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މެޗުގެ ކުރިން އިމްރާން ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރިއިރު ފައިނަލުގައި ބޭނުންކުރި އަންގި ޖޯޑު ރައީސް ސޯލިހާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ހަދިޔާކޮށްފަ އެވެ. ރައީސް ވަނީ ދިވެހި ފުޓްބޯޅަ އާއިލާގެ ފަރާތުން އިމްރާނަށް ރަމްޒީ ހަނދާނީ ޖާޒީއެއް ހަދިޔާކުރައްވައިފަ އެވެ. އަދި މިރޭގެ މެޗަށް އެފްއޭއެމްގެ ދައުވަތަކަށް އައި ސަލްގާޑޯ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލް އަށް ގައުމީ ޓީމުގެ ޖާޒީއެއް އިމްރާން ވަނީ ހަދިޔާކޮށްފަ އެވެ.
މެޗު ފެށުމުގެ ކުރިން އިމްރާން ވަނީ އޭނާގެ އާއިލާގެ މެމްބަރުންނާ އެކު ހުއްޓި ހުރެ ސަޕޯޓަރުންނާ ވާހަކަދައްކައިފަ އެވެ. އިމްރާން ބުނީ އޭނާގެ ކެރިއަރުގައި މިހިސާބަށް އައުމުގައި އެންމެ ބޮޑު ހިތްވަރަކީ އާއިލާ ކަމަށެވެ.
"މިގޮތަށް މިފަދަ ތަނެއްފައި ވާހަކަދެއްކުމަކީ އަޅުގަނޑަށް ފަސޭހަކަމެއްނޫން. އަޅުގަނޑަކީ ދަނޑު މައްޗަށް އަރައި ކުޅުންތެރިންނަށް އިރުޝާދުދޭ މީހެއް. މި ހާއްސަ ވަގުތު އަޅުގަނޑާ އެކު އާއިލާ މެމްބަރުން ތިބުމަކީ ވަރަށް އުފާވާ ކަމެއް،" އިމްރާން ބުންޏެވެ.
މެޗު ފެށުމުގެ ކުރިން ޝުމައިކަލް އާއި ސަލްގާޑޯ އިމްރާނަށް ތަރުހީބު ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ބުނީ 2016 ވަނަ އަހަރު ގައުމީ ޓީމާ ވަކިވި އެންމެ ބޮޑު ސަބަބަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށާއި އޭނާގެ ބަދަލުގައި އެރި ގޯލްކީޕަރު މުހައްމަދު ފައިސަލް މި އަހަރުގެ ސާފް ސުޒުކީ ކަޕުގެ މޮޅު ކީޕަރުގެ މަގާމް ހޯދުމަކީ ޒުވާނުންނަށް ފުރުސަތު ދިނުމުގެ ފައިދާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑުގެ އުއްމީދަކީ ރާއްޖޭން ފުޓްބޯޅައިގައި އިތުރު މުބާރާތްތަކުގައި ވާދަކޮށް ބޮޑެތި ކާމިޔާބީތައް ހޯދުން. އަޅުގަނޑު އަބަދުވެސް އެހީވާން ހުންނާން،" އިމްރާން ބުންޏެވެ.
އިމްރާން އިހުތިޔާރުކުރި ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުން ހިމަނައިގެން ނަގާފައި އޭނާގެ ޓީމާއި އެފްއޭއެމްގެ ޓީމު މިރޭ ކުޅުނު މެޗުގައި ލީޑު ނެގީ އެފްއޭއެމް ޓީމުންނެވެ. އެ ގޯލް ޖެހީ ޓީސީގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ ޕާހަކުން އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އިމްރާނަށް ހަނދާނީ ހަދިޔާއެއް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެކަމަކު ފަހުން އިމްރާންގެ ޓީމުން ފަހަތުން އަރައި ތިން ގޯލް ޖެހި އެވެ. ފުރަތަމަ ގޯލް އަލީ އަޝްފާގް (ދަގަނޑޭ) ގެ ޕާހަކުން އަލީ އުމަރު ޖެހިއިރު ލީޑު ނަގައިދިނީ ތޮއްޑޫ މުހައްމަދު ނިޒާމެވެ. މިއީ އޭނާއާ އެއް ރަށަކަށް ނިސްބަތްވާ މުޚުތާރު ނަސީރު (ޓޫކިލޯ) ދިން ބޯޅައަކުން ތޮއްޑޫ ޖެހި ގޯލެކެވެ. ތިން ވަނަ ގޯލް ޖަހަން އެ ޓީމަށް ޕެނަލްޓީއެއް ލިބުމުން ޓީމުން ނިންމީ އެ ޕެނަލްޓީ ޖަހަން އިމްރާނަށް ފުރުސަތު ދޭށެވެ. އިމްރާން ވަނީ އޭނާގެ ކުރިން ގައުމީ ޓީމުގެ ގޯލަށް ކުޅުނު އިސްހާގު އީސާ ބަލަހައްޓަމުން ދިޔަ ގޯލަށް ފަސޭހަކަމާ އެކު ބޯޅަ ވައްދާލައިފަ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޗުކޮށްދެއްވި އެފްއޭއެމް ޓީމަށް ދެ ވަނަ ހާފުގައި ތަފާތު ކުޑަކޮށްދިނީ ޕެނަލްޓީއަކުން ސަލްގާޑޯ އެވެ. އިމްރާން ޓީމުގެ ހަތަރު ވަނަ ގޯލް ދަގަނޑޭ ޖެހީ، އިމްރާނަށް އަނިޔާވުމުން 2009 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގައި ރާއްޖޭގެ ގޯލް ބެލެހެއްޓި އަހުމަދު ޝިނާން (ނާނި) ކައިރިން ނައްޓާލުމަށް ފަހު އެވެ. އެފްއޭއެމް ޓީމުގެ ތިން ވަނަ ގޯލް ކާމިޔާބުކުރީ ފޭދޫ އިއްބެ އެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އިމްރާނަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވުމާ އެކު އޭނާގެ ބަދަލުގައި އަސްލަމް އަބްދުއްރަހީމް އެރި އެވެ. އަސްލަމަކީ ކުރިން އިމްރާނާ އެކު ގައުމީ ޓީމަށް ކުޅެ އަދި ފަހުން ގައުމީ ޓީމުގައި އިމްރާނަށް ތަމްރީން ދިން ޓްރޭއިނަރެވެ. އިމްރާން ފޭބުމުން އެ ޓީމުގެ ކެޕްޓަންކަން ކުރީ ދަގަނޑޭ އެވެ.
އެފްއޭއެމް ޓީމުގެ ކެޕްޓަން ސަލްގާޑޯ (ވ) އާއި އިމްރާން ޓީމުގެ އިއްސޭ ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މިރޭގެ މެޗުގައި ޝުމައިކަލް ކުރިން ކުޅޭ ގޮތަށް އޮތް ނަމަވެސް އަނިޔާގައި ހުރުމުން ކުޅެވޭ ގޮތް ނުވީ އެވެ. އެކަމަކު ސަލްގާޑޯ ވަނީ މެޗުގެ ބޮޑުބައިގައި ކުޅެފަ އެވެ. ރެއާލް މެޑްރިޑާ އެކު ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އުމުރުން 43 އަހަރުގެ ސަލްގާޑޯގެ ފަރާތުން މެޗުގައި ފެނުނީ ސީރިއަސްކަމެވެ. އޭނާ ވަނީ އަރިމަތިން ހުނަރުވެރި ކުޅުމެއް ދައްކައިފަ އެވެ.
އިމްރާން ގައުމީ ޓީމަށް މިރޭ އަލްވަދާއު ކީ ނަމަވެސް އޭނާ ވަނީ 2016 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓަލައިފަ އެވެ. ގައުމީ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އިމްރާން ރިޓަޔާކުރީ 111 މެޗު ކުޅެ ދިނުމަށް ފަހު އެވެ. އޭނާ ވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރު ވި މެޗުގަ އާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު ވެސް އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.
އދ. މަހިބަދޫ އަށް އުފަން އިމްރާނަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކީޕަރެވެ. އޭނާ ވަނީ ހަތް ސާފު ޗެމްޕިއަންޝިޕެއްގައި ކުޅެފަ އެވެ. އެއާ އެކު، އޭނާ ވެފައި ވަނީ ދެކުނު އޭޝިއާގައި އެންމެ ގިނަ އަދަދެއްގެ މެޗު ކުޅުނު އެއް ކުޅުންތެރިޔާ އަށެވެ.
ސުޒޭނާއި އިމްރާން ގައުމީ ޓީމާ ގުޅި، ބައްސާމުގެ ދަށަށް
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އިލާން އާއި އަޔާން އަށް އަނިޔާވެ ކޮލިފައިން ނިމިއްޖެ
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް
ޔޫތު ޓީމުގެ ކޯޗުކަން މުހައްމަދަށް ދިނުމުން ސުވާލުތަކެއް
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު